މުޅި ރިންގްރޯޑާއެކު މަޖީދީމަގުގައި ވެސް ތާރުއަޅަން މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވެއްޖެ އެވެ.
މާލޭގެ މަގު ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު "ސަން"އަށް ވިދާޅުވީ، މުޅި މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނުމަގު ނުވަތަ ރިންގް ރޯޑްގައި ތާރުއެޅުމުގެ ދިރާސާތައް ހަދައި، ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
"ރިންގްރޯޑުގައި ސިޓީ ކައުންސިލްގެ ވިސްނުމަކީ ވެސް ތާރަށް ދިއުން. އަޅުގަނޑުމެން އޭގެ ވޭރިއޭޝަންސް ވެސް ހަދާފައި ސިޓީ ކައުންސިލަށް ވެސް ހުށަހަޅާފައި ވާނީ. ކައުންސިލުން އޯކޭ ދެއްވާއިރަށް އަޅުގަނޑުމެން ރެޑީގައި މިތިބީ. މިހާރު ސިޓީ ކައުންސިލްގެ ވިސްނުމަކީ ވެސް މުޅި މާލެ ވަށާޖަހާލެވޭ ގޮތަށް، މަޖީދީމަގާ އެކީގައި ތާރަށް ދިއުން. އެ ވިސްނުމުގައި އެބޭފުޅުންނާ އަޅުގަނޑުމެންނާ މަޝްވަރާ ކުރަނީ." މޫސާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޮޑުތަކުރުފާނު މަގުގެ ބޮޑުބައެއްގައި ވަނީ ތާރުއަޅައި ނިންމާފަ އެވެ. އެންމެ ފުރަތަމަ ތާރުއެޅީ އޭރު މާލޭގައި ހިއްކި އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުން ފެށިގެން މޭރީ ބްރައުން ކުރިމައްޗާ ހަމައަށެވެ.
އޭގެ ފަހުން އެހިސާބުން ފެށިގެން އިރަށް، ހުޅުމާލެ ފެރީ ޓާމިނަލްއާ ހަމައަށް ވަނީ ތާރުއަޅާފަ އެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން "މާލޭ ސިޓީ ސްޓްރީޓްސްކޭޕިން"ގެ ނަމުގައި މިއަހަރުގެ ފެބްރުއަރީ މަހު މަޝްރޫއެއް ވަނީ ފަށާފަ އެވެ.
އެ މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ސަރުކާރުން ކުރިން ލަފާކުރި ނަމަވެސް، ކޮވިޑް19 ބަލިމަޑުކަމާ ގުޅިގެން ދިމާވި ދަތިތަކާއެކު އެ މަޝްރޫއުގެ މަސައްކަތްތައް ފަސް ކުރުމަށްފަހު، އަލުން ވަނީ ފަށާފަ އެވެ.