ޔަމަނުގައި ހޫޘީން ހިފެހެއްޓި އެމެރިކާގެ 2 މީހަކު ދޫކޮށްލައިފި

ޔަމަނުގެ ހޫޘީން އެމެރިކާގެ ދެ މީހަކު މިނިވަން ކުރީ އޮމާންގައި ހިފަހައްޓާފައި ތިބި އެ ޖަމާއަތުގެ މެމްބަރުންތަކެއް ދޫކޮށްލުމުން ކަމަށް ސީއެންއެން އިން ބުނޭ -- ފޮތޯ: އޭއެފްޕީ

ވޮޝިންޓަން (އޮކްޓޯބަރު 16): އޮމާންގައި ހިފަހައްޓާފައިވާ ހޫޘީންގެ 200 އަށް ވުރެ ގިނަ މެމްބަރުން ދޫކޮށްލުމުން އެ ޖަމާއަތުން ޔަމަނުގައި ހިފެހެއްޓި އެމެރިކާގެ ދެ މީހަކު ދޫކޮށްލާފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފި އެވެ.

ސީއެންއެންގައިވާ ގޮތުން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ރޮބަޓް އޯބްރިއެން ވިދާޅުވި ގޮތުގައި ޔަމަނުގެ އުތުރުގައި ހަރަކާތްތެރިވާ ހޫޘީން ވަނީ އެމެރިކާގެ ދެ ރައްޔިތަކު ކަމަށްވާ ސޭންޑްރާ ލޮލީ އާއި މައިކައެލް ގިދާދާ މިނިވަންކޮށްފަ އެވެ. އޭގެ ތެރެއިން އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި މީހެއް ކަމަށްވާ ލޮލީ ހިފެހެއްޓީ މީގެ ތިން އަހަރު ކުރިންނެވެ. އަދި ވިޔަފާރިވެރިއެއް ކަމަށްވާ ގިދާދާ ހިފެހެއްޓީ އެއް އަހަރު ކުރިންނެވެ.

މީގެ އިތުރު ޔަމަނުގައި މަރުވި އެމެރިކާގެ ރައްޔިތެއްގެ ހަށިގަނޑު ވެސް ހޫޘީން ފޮނުވާފައިވާ ކަމަށް އޯބްރިއެން ވިދާޅުވި އެވެ. އެ މީހާ މަރުވި ގޮތެއް ވައިޓް ހައުސްއިން ހާމަ ނުކުރެ އެވެ.

ސީއެންއެންއިން ނަން ހާމަ ނުކުރާ އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓު ކުރި ގޮތުގައި ހޫޘީން އެމެރިކާގެ ދެ މީހަކު ދޫކޮށްލީ، އޮމާންގައި ހިފަހައްޓާފައިވާ ހޫޘީންގެ 271 މެމްބަރަކު ޔަމަނަށް ފޮނުވުމުންނެވެ.

ޔަމަނުގެ ބޮޑު ބައެއް މިހާރު ކޮންޓްރޯލް ކުރާ ހޫޘީންގެ ތަރުޖަމާނަކު ކުރި ޓުވީޓެއްގައިވާ ގޮތުން އޮމާންއިން ވަނީ އެގައުމުގައި ތިބި "ޒަހަމްވެ، ތާށިވެފައިވާ" 100އަށް ވުރެ ގިނަ ޔަމަނުގެ މީހުންތަކެއް އަނބުރާ ގައުމަށް ގެންގޮސް ދީފަ އެވެ. އަދި އޭނާ އޮމާނަށް ޝުކުރު އަދާ ކުރި އެވެ.

ދެހާސް ސާދަ ވަނަ އަހަރު ހޫޘީ ހަނގުރާމަވެރިން ޔަމަނުގެ ވެރިރަށް ސަންއާ ހިފުމަށް ފަހު އެމީހުންގެ ވެރިކަމެއް ގާއިމު ކުރި ފަހުން އެގައުމުގައި ފެށުނު ހަނގުރާމަ އަދިވެސް ދަނީ ކުރިއަށްދަމުންނެވެ. އަދި 2015 ވަނަ އަހަރު ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނަކުން ވަނީ ޔަމަނުގެ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ވެރިކަން ރުޖޫއަ ކުރުމަށްޓަކައި އެހަނގުރާމައިގައި ބައިވެރިވެފަ އެވެ.

ޔަމަނުގެ ހަނގުރާމަ މޮނިޓާ ކުރާ ޔަމަން ޑާޓާ ޕްރޮޖެކްޓުން މިދިޔަ އަހަރު ބުނި ގޮތުގައި ސައުދީ އިސްވެ އޮވެ ދޭ ބޮމުގެ ހަމަލާތަކުގައި އަނިޔާވި ނުވަތަ މަރު އާއްމު ރައްޔިތުންގެ އަދަދު 17،000އަށް ވުރެ އިތުރުވާނެ އެވެ.

comment ކޮމެންޓް