އޭޑީކޭގައި ހަރުކޮށްފައި ހުރި އަތް ހިއްކާ މެޝިންތައް ވަގަށް ނަގައިފި

އޭޑީކޭގެ އާންމު ފާހާނާތަކުގައި ހަރުކޮށްފައި ހުންނަ ހޭންޑް ޑްރަޔާ ނުވަތަ އަތް ހިއްކާ މެޝިންތައް ވަގަށް ނަގާ މައްސަލަ ބޮޑުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ މައްސަލަ ބޮޑުވެގެން، އޭޑީކޭ އިން ރޭ ކުރި ޓުވީޓެއްގައި ވަނީ މެޝިނެއް ވަގަށް ނެގި ކަމަށް ތުހުމަތުވާ މީހާ ފެންނަ ސީސީޓީވީ ފުޓެޖް ވެސް އާންމުކޮށްފައެވެ.

އެ ވީޑިއޯގައި ފެންނަނީ މާސްކެއް އަޅައިގެން، ބޮޑު ދަބަހެއް ކޮނޑުގައި އަޅުވައިގެން ހޮސްޕިޓަލަށް ވަންނަ ފިރިހެނެކެވެ.

އަދި އޭނާ ފިރިހެނުންގެ ފާހާނައިގެ އިތުރުން އަންހެނުންގެ ފާހާނާއަށް ވެސް ވަދެ ނުކުންނަ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

އޭޑީކޭއިން ބުނީ އާންމު ފާހާނާތަކުގައި ހާއްސަ އަތް ހިއްކާ މެޝިން ހަރުކުރީ ވަރަށް ފަހުން ކަމަށެވެ. އަދި އަތް ދޮވުމަށްފަހު އަތް ހިއްކުމަކީ ސާފުތާހިރުވުމުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަން އެ ހޮސްޕިޓަލުން ފާހަގަ ކުރިއެވެ.

"ހިތާމައަކީ އެ ތަކެތި ވަގަށް ނަގަމުން އަންނަކަން،" އޭޑީކޭ އިން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.

މިދިޔަ މާޗު މަހު އޭޑީކޭގައި ހަރުކޮށްފައި ހުންނަ ސެނިޓައިޒާ ފުޅިތައް ވަގަށް ނަގާ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި ވެސް އޭޑީކޭ އިން ސީސީޓީވީ ފުޓެޖް އާންމުކުރިއެވެ.

comment ކޮމެންޓް