މާދަމާ ގެސްޓްހައުސްތައް ހުޅުވަން ނުވަ ރަށެއް ތައްޔާރުވެއްޖެ

މާފުއްޓަށް ދިވެހިންތަކެއް ޒިޔާރަތް ކުރަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކޮވިޑްގެ ހާލަތާ ގުޅިގެން ގެސްޓްހައުސްތައް ބަންދު ކުރުމަށް ފަހުން އަލުން މާދަމާ ހުޅުވާލާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ތައްޔާރުވެ މާދަމާ ނުވަރަށެއްގެ ގެސްޓް ހައުސްތައް ހުޅުވާލާނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ކޮވިޑާ ގުޅިގެން ގެސްޓްހައުސްތައް ބަންދުކުރީ 17 މާޗުގަ އެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ގެސްޓްހައުސްތަކުން ފުރިހަމަ ކުރިތޯ ބަލާ އެކަން ޓުއަރިޒަމް މިނިސްޓްރީއަށް ކަށަވަރުކޮށްދޭނީ ކައުންސިލުތަކުން ކަމަށެވެ.

މާދަމާ ގެސްޓް ހައުސް ހުޅުވާ ރަށްރަށް

  • ކ. މާފުށި
  • ކ. ހުރާ
  • ވ. ތިނަދޫ
  • ނ. ފޮއްދޫ
  • ތ. ގާދިއްފުށި
  • އއ. މަތިވެރި
  • ހދ. ހަނިމާދޫ
  • ށ. ނަރުދޫ
  • ވ. ފުލިދޫ

"އަޅުގަނޑުމެން މި ބަލަނީ މި ކަންކަން ފުރިހަމަ ކުރުމަށް ފަހު އިތުރު ގެސްޓްހައުސް ތަކަށް އެސްއޯޕީ އެޕްރޫވަލް ދެވެމުން ދާނެ ކަމަށް." ރައްޒާން ވިދާޅުވި އެވެ.

އެ ނުވަ ރަށުން 16 ގެސްޓްހައުސް އަކަށް މިރެޔާ ހަމައަށް ހުއްދަ ދީފައިވާއިރު މާދަމާވެސް އެ އަދަދު އިތުރު ވެގެން ދާނެ ކަމަށް ރައްޒާން ވިދާޅުވި އެވެ.

އަލުން ގެސްޓްހައުސްތައް އޮޕަރޭޓްކުރަން ފަށާއިރު، ގެސްޓްހައުސްތައް ހުޅުވާ ރަށްރަށުގައި ފަތުރުވެރިންނާއި އާންމުން ހިމެނޭގޮތުން، އެންމެން މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. ނަމަވެސް ގެސްތް ހައުސްތައް ހުޅުވުމަށް ފަހުވެސް އެރަށަށް ފަތުރުވެރިން ނުދާ ނަމަ މާސްކް ނާޅާ އުޅެވިދާނެ ކަމަށް އެޗްއީއޯސީއިން ވަނީ ބުނެފަ އެވެ.

ކޮންމެ ގެސްޓްހައުސް އަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމް ކުރަންޖެހޭނެ އިރު އައިސޮލޭޝަން އަށް ހާއްސަ ކޮޓަރިތަކެއް ހުންނަން ޖެހޭނެ ކަމަށް މިހާރު އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވެއެވެ.

އެގޮތުން 500 އަށްވުރެ ގިނަ އެނދު ހުންނަ ރަށްތަކުގައި މީހުން އެކަހެރިކުރާނެ 15 ކޮޓަރި، 100 އާއި 500 އާދެމެދުގެ އެނދު އޮޕަރޭޓް ކުރާ ރަށްތަކުގައި އަށް ކޮޓަރި އަދި 100 އެނދު ހަމަނުވާ ރަށްތަކުގައި މީހުން އެކަހެރި ކުރާނެ ފަސް ކޮޓަރި ހުންނަން ޖެހޭނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އަންގައިދޭ ނިޝާންތަކާއި ޕޯސްޓަރުތައް ގެސްޓްހައުސްގައި ފެންނަ ގޮތަށް ބަހައްޓަން ޖެހޭ އިރު ޕީޕީއީ ވެސް އެކަށީގެންވާ މިންވަރަކަށް ހުންނަން ޖެހެ އެވެ. ހުރިހާ ސްޓާފުންނަށް ކޮވިޑް19ގެ މައުލޫމާތު ދީ މި ހާލަތުގައި މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދު ދޭން ޖެހެ އެވެ.

މީގެ އިތުރުން ސްޓާފުންނަށް ހާއްސަ މަސައްކަތު ޔުނިފޯމު ބަދަލުކޮށް ގެއަށް ދިޔުމުގެ ކުރިން ފެންވެރުމުގެ އިންތިޒާމު ގެސްޓްހައުސްގައި ހަމަޖައްސަން ޖެހޭނެއެވެ.

comment ކޮމެންޓް