ރޭޕް ކިޓް ބޭނުންކޮށްގެން ސާމްޕަލް ނަގަން ދޭ ރުހުން ލިޔުމުން ހޯދާ ގޮތަށް ހަދަނީ

މިއަދު ބޭއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން — ފޮޓޯ/ މަޖިލިސް

ރޭޕްގެ ޝިކާރައަކަށް ވާ ފަރާތުގެ ސާމްޕަލް ނެގުމަށް އެފަރާތުން ނުވަތަ ބަލަދުވެރިޔާ ދޭ ރުހުމަކީ ލިޔުމުން ދޭ ރުހުމެއް ކަމަށް ހަދައި އެކަން ލާޒިމްކުރަން ޖިންސީ ކުށުގެ ގާނޫނުގައި ހިމެނުމަށް މަޝްވަރާކޮށްފި އެވެ.

ރޭޕް މައްސަލައެއް ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ސާމްޕަލް ނަގާއިރު ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި ފޮރެންސިކް ތަހުލީލު ކުރުން ލާޒިމް ކުރަން ޖިންސީ ކުށުގެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ. އެ ބިލު ދިރާސާ ކުރުމަށް މިއަދު ހިއުމަން ރައިޓސް އެންޑް ޖެންޑާ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގައި ވަނީ ގިނަ މުއައްސަސާތަކަކާއި ބައްދަލުކޮށްފަ އެވެ.

ޕީޖީ އޮފީހުގެ ފަރާތުން ކޮމިޓީ ބައްދަލުވުމަށް ވަޑައިގެން އޮފިޝަލު ވިދާޅުވީ ރޭޕް ކިޓުން ސާމްޕަލް ނަގަން ދޭ ރުހުމަކީ ލިޔުމުން ދޭ ރުހުމެއް ކަމުގައިވުން މުހިންމު ކަމަށެވެ. އެއީ ގިނަ ޖިނާއީ މައްސަލަތަކުގައި ޝަރީއަތާ ހަމައަށް ދާއިރުގަައި ވިކްޓިމުން ހެކިބަސް ދޭން ބޭނުން ނުވާ ކަމަށެވެ.

"މިބާވަތުގެ ކުށުގެ ޒާތާއި ބާވަތުން ގިނަ ފަހަރަށް އެހެން އެބަ ދިމާވޭ. އެހެންވީމަ ލިޔުމުން ރުހުން އޮތީމަ އަޅުގަނޑުމެންނަށް ހެކީގެ އެޑްމިސިބިލިޓީ އެންޝުއާ ކުރެވޭނެ. މިހާރު މިގޮތަށް އޮތީމަ ވާނެ ގޮތަކީ ހަމައެކަނި ވިކްޓިމް ބުނާ ބުނުމާއި ސާމްޕަލް ނެގި މީހާ ބުނާ ބުނުން އޮންނާނީ. ވިކްޓިމް ބުނާނީ ރުހުމެއް ނުދެމޭ. ސާމްޕަލް ނެގި މީހާ ބުނާނީ ރުހުން ދީގެންނޭ ސާމްޕަލް ނެގީ. އަޅުގަނޑުމެންނަށް ސާބިތު ކުރެވޭނެ އިތުރުގޮތެއް ނޯންނާނެ." ޕީޖީ އޮފީހުގެ އޮފިޝަލު ވިދާޅުވި އެވެ.

އޭގެ އިތުރުން ރޭޕް ކިޓް ބޭނުންކޮށްގެން ސާމްޕަލް ނަގަން ކުއްޖާގެ ފަރާތުން ރުހުން ދެވޭނީ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރާ ފަރާތުން ކަމަށް އެކަނި ލިޔުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ހަގީގީ މާނައިގައި ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށްދޭނީ ކޮންބައެއްތޯ ގާނޫނުން މާނަކޮށްދޭން މުހިންމު ކަމަށް ޕީޖީގެ އޮފިޝަލު ވިދާޅުވި އެވެ.

ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ހުށަހެޅުވީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެއީ ޖިންސީ ކުށުގެ ގާނޫނަށް ހުށަހެޅި ފުރަތަމަ އިސްލާހެވެ.

ހިސާން ހުށަހެޅުވި އިސްލާހުގައި ބުނެފައިވަނީ ޖިންސީ ކުށުގެ ފޮރެންސިކް ތަހުލީލަކީ ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ރުހުމުގައި، އެކަމަށް ހާއްސަކޮށްފައިވާ ކިޓް ބޭނުންކޮށްގެން ކުރެވޭ ތަހުލީލެއް ކަމަށެވެ. އަދި އެ ކިޑް ބޭނުންކޮށްގެން މަދުވެގެން ހަތް ސާމްޕަލެއް ނަގަން އިސްލާހުން ލާޒިމް ކުރެއެވެ.

  • އިސްތަށިގަނޑުންނާއި ކުރިމަތިފަރާތައި ފުރަގަސްފަރާތުގެ ވަށައިގެންވާ ސަރަހައްދުން ނަގާ އިސްތަށި
  • ލޭ އަދި ކުޑަކަމުދާ ތަކެތި
  • ކުށުގެ ޝިކާރައަކަށް ވީ ފަރާތުގެ އަންނައުނު
  • ނިޔަފައްޗާއި ނިޔަފަތީގެ ދަށުން ނަގާ ސާމްޕަލް
  • ކުރިމަތިފަރާތާއި ފުރަގަސް ފަރާތުން ނަގާ ސާމްޕަލް
  • އަގައިން ނަގާ ސާމްޕަލް
  • ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލް

ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ގަވައިދު ހެދުން އެ އިސްލާހުން ލާޒިމްކޮށްފައިވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ ގަވައިދު ނިންމަން ވަނީ ލާޒިމް ކޮށްފަ އެވެ.

"ސަރުކާރުގެ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކަށާއި ދިވެހިރާއްޖޭގައި ހިންގާ ހޮސްޕިޓަލްތަކަށް ރޭޕް އެވިޑެންސް ކިޓް ލިބޭނޭ އިންތިޒާމު ސަރުކާރުގެ ފަރާތުން ހަމަޖައްސަންވާނެ އެވެ." ޖިންސީ ކުށުގެ ގާނޫނަށް ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

އަދި ސިއްހީ ހިދުމަތްދޭ ތަންތަނުން ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ސިއްހީ ހިދުމަތް ދޭ ތަންތަނުން އެ ކިޓް ލިބޭނޭ އިންތިޒާމު ގާނޫނަށް އަމަލު ކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ހަމަ ޖައްސަން އެ އިސްލާހުން ލާޒިމް ކުރެ އެވެ.

ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ސަރުކާރުން ހިންގާ ކޮންމެ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި ހުންނަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ސާމްޕަލް ނަގަން ވާނީ އެ ތަމްރީނު ލިބިފައިވާ މީހުން ކަމަށްވެސް ބުނެފައި ވެއެވެ.

ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލް އެ ސާމްޕަލް ނަގާ މަރުކަޒުގައި ރައްކާތެރިކޮށް ބަހައްޓާނެ ގޮތުގެ އުސޫލެއްވެއް އެކުލަވާލަން ޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ސާމްޕަލް ނެގި މަރުކަޒުން ތަހުގީގު އިދާރާއަށް އެ ސާމްޕަލް ގެންދާނެ ގޮތުގެ އުސޫލު އެކުލަވާލުމުގެ ޒިންމާ ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް