ޗައިނާގެ ޓޫރިސްޓުން ލަންކާއަށް އައުމުގެ ހުއްދަ ދޭން ވިސްނަނީ

ޗައިނާގެ ފަތުރުވެރިންތަކެއް ލަންކާގައި--

ޗައިނާގެ ފަތުރުވެރިން ސްރީލަންކާއަށް ދަތުރުކުރުމުގެ ހުއްދަ ދޭނެކަމުގެ އިޝާރާތެއް ޗައިނާއިން ދީފި އެވެ.

ކޮވިޑް-19 ފެތުރެން ފެށި ފަހުން މިއަހަރު ކުރީކޮޅު ޗައިނާއިން ވަނީ އެގައުމުގެ ރައްޔިތުންގެ ފަތުރުވެރިންގެ ގޮތުގައި އެހެން ގައުމުތަކަށް ދަތުރުކުރުން މަނާކޮށްފަ އެވެ. އަދި އެހެން ގައުމުތަކުންވެސް ޗައިނާގެ ރައްޔިތުންނަށް ބޯޑަރު ބަންދުކުރި އެވެ.

ދާދި ފަހުން ޗައިނާއިން ލަންކާއަށް ދިޔަ އެގައުމުގެ ސަރުކާރުގެ އިސް ވަފުދަކުން ވަނީ ދެގައުމުގެ ދެމެދުގައި ފަތުރުވެރިކަން އަލުން ފެށުމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

ޗައިނާގެ ފަތުރުވެރިން ގެނައުމުގެ ހުއްދައަށް ސްރީލަންކާއިން އެދިފައިވާއިރު ލަންކާގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ އެކަމާމެދު ވަރަށް ބޮޑަށް ވިސްނާނެ ކަމަށެވެ.

"ޗައިނާއާ ލަންކާއިންވެސް ކޮވިޑް-19 ކޮންޓްރޯލްކޮށްފައިވާއިރު ޗައިނާގެ ރައްޔިތުން ދަތުރުކުރަން ހުއްދަ ދޭނެ ފުރަތަމަ ގައުމަށް ސްރީލަންކާވުން ވަރަށް ގާތް" އެމްބަސީންގެ ނެރުނު ބަޔާނުގައިވެ އެވެ.

ލަންކާއިން މިމަހާ ހަމައަށް ދެ މަސްވަންދެން ކަަހަލަ ގޮތަކަށް ކޮރޯނާ ވައިރަސްގެ ކޭސްއެއް ނުފެނެ އެވެ. ނަމަވެސް އެގައުމުގެ މިނުވަންގޮޑާގެ ގާމަންޓް ފެކްޓްރީއަކުން ފެނުނު ކްލަސްޓާއަކާއެކު މިމަހުގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1000 އިން މައްޗަށް އަރައިފަ އެވެ.

ޗައިނާގެ އެމްބަސީން ބުނީ ދެގައުމުގެ ޓްރެވަލް އޮޕަރޭޓަރުން ދެގައުމުގެ ދެމެދުގައި "އެއާ ބަބަލް" އެއް ގާއިމްކުރުމާމެދު މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

ޗައިނާގެ 167،000 ފަތުރުވެރިން މިއަހަރުވެސް ވަނީ ލަންކާއަށް ޒިޔާރަތްކޮށްފަ އެވެ. -- ކޮލަމްބޯޕޭޖް

comment ކޮމެންޓް