ބޮޑު ހިޔާނާތާ ގުޅޭ 70،000 މެސުޖު އާންމު ކުރާނަން: ނަޝީދު

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން އަލްޖަޒީރާއިން ގެނެސްދިން އިންވެސްޓިގޭޓިވް ޑޮކިއުމެންޓްރީ "ސްޓީލިން ޕެރަޑައިސް"ގެ ޕޯސްޓަރެއް ----

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މޯބައިލް ފޯނެއް ލިބިފައިވާ ކަމަށާއި އެ ފޯނުގައި ހުރި 70،000 ޓެކްސްޓް މެސެޖު އާންމު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފޯނުން ކޮށްފައިވާ 70،000 ޓެކްސްޓެއް އެމަނިކުފާނު ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ދީފައި ކަމަށާއި އޭގައި ހުންނާނީ ހުސް އެމްއެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ މެސެޖްތަކެއް ކަމަށެވެ.

"އަޅުގަނޑުމެނަށް އެ ދިރާސާ މިތަނުގައި ހިންގަން ދަތިވޭ އަދި ނުހިންގި މި ވަނީ. ދެން އާންމުކޮށް އާންމު ރައްޔިތުންނަށް ފެންނަ ގޮތަށް މި ދެންނެވި 70،000 ޓެކްސްޓް އެއީ އަޅުގަނޑު އަތުގައި ހުރި އެއްޗެއް ވީމާ އަޅުގަނޑު އާންމު ކުރާނަން އެ 70،000 ޓެކްސްޓް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީގައި އެ މައްސަލައާ ގުޅޭ އެންމެހައި ހެކި ހުރިކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އެ މައުލޫމާތުތައް ލައިބްރޭރިއަން އަތްޕުޅުގައި ރެފަރެންސް ނަންބަރު ޖެހިފައި ކޮންމެ ޓެކްސްޓަކަށް، 70،000 ޓެކްސްޓަށް ރެފަރެންސް ނަންބަރު ދީ ފައިލް ކޮށްފައިވާނެ ކަމަށެވެ.

"އަދި އެއާއި އެކީގައި ނައިބު ރައީސް އަމިއްލަފުޅަށް އެބޭފުޅާ އިއުތިރާފްވެ ވަޑައިފެންފައިވާއިރުގައި އެތައް އެތައް ވާހަކައެއް ކިޔައި ދެއްވައިފި. އެ ވާހަކަތަކާއި އަޅުގަނޑު މި ދެންނެވި ޓެކްސްޓް ތަކާއި ވާ ގުޅުން ވެސް ވަރަށް ސާފު. ތަހުގީގީ މާހިރަކަށް ވާކަށް ނުޖެހޭ ގާނޫނީ މާހިރަކަށް ވާކަށް ވެސް ނުޖެހޭ. ލޯހުޅުވާފައި ލެއްޕީމަ އެނގޭހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައި އަޅުގަނޑުވެސް ކަންބޮޑުވޭ ވަކި ކޮޅެއްގައި ނުޖެހި ވާތީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެފަ އެވެ. އަދީބާއި ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން އޭނާއަށް އައިސްފައިވަނީ 20 އަހަރު ދުވަހުގެ ޖަލު ހުކުމެވެ.

އެމްއެމްޕީއާރުސިގެ ފައިސާގެ ބެނެފިޝަރީ ލިބުނު 300 އެއްހައި މީހުން ތަހުގީގަށް ފާހަގަވާކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސެޓްރިކަވަރީ ކޮމިޝަނުން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ޖެހުނު މީހުންގެ ލިސްޓު މިހާތަނަށްވެސް އާންމެއް ނުކުރެ އެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ.

comment ކޮމެންޓް