ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން، ކޮވިޑް19 ސާމްޕަލް ނެގި މީހާއަށް ހަމަލާ ދިން ކަމަށް ބުނާ މައްސަލަ، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމެޓީއަށް ހުށަހަޅައިފި އެވެ.
ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނީ، ވަނީ އިކްރާމަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އެ މައްސަލަތައް ބަލައި އޭނާއާ މެދު ފިޔަވަޅު އަަޅައިދިނުމަށް އެދެފަ އެވެ.
އެގޮތުން، މެންބަރު އިކްރާމް ދެ ފަހަރެއްގެ މަތިން އަތް އިސްކޮށް، އޭނާއަށް އަނިޔާ ކުރާ ނަމަ ޖެހުމުގެ ހައްގު އޮންނާނެ ކަމަށާއި އަދި ތަކުރާރުކޮށް ޖަހާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ތިމަންނާއަކީ އެމްޕީއެއް ކަމަށާއި ތިގޮތަށް އަނިޔާ ނުކުރެވޭނެ ކަމަށާއި ޕޮލިހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެ ބިރުދައްކާފައި،" އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ސާމްޕަލް ނެގުމަށް ހަރަކާތްތެރިވި ފަރާތުގެ ނަން ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކޮށް އޭނާ އަކީ "މުސްލިމެއް ނޫން" ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދެއްކި ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ރައްޔިތުން އިންތިހާބުކުރާ އަދި ރައްޔިތުން ތަމްސީލްކުރާ މަގާމެއްގައި ހުރެ އާންމު ހިދުމަތް ދިނުމަށް މަސައްކަތްކުރާ އާދައިގެ މުވައްޒަފަކަށް ފުރައްސާރަކޮށް ހަމަލަދީ އަދި އެކަން ދިފާއު ކުރުމަށް ކުރަމުންދާ މަސައްކަތް އެ ޔޫނިއަން އިން ވަނީ ކުށްވެރި ކޮށްފަ އެވެ.
"މިކަމާއި މެދު މުވައްޒަފު ތަމްސީލްކުރާ އެއްވެސް ވުޒާރާއަކުން މި އަމަލު ކޮށްވެރިކޮށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަމީ މި ޔޫނިއަން އިން ކަންބޮޑުވާ ކަމެއް،" ހެލްތް ޔޫނިއަންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މެމްބަރު އިކްރާމް ހަސަން، ކޮވިޑް19 ސާމްޕަލް ނެގި މީހާއަށް ހަމަލާ ދިން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.