ދަނޑުވެރިކަމަށް ފަޅުރަށްތައް ދޫކުރާތީ މަޖިލީހުގެ ކަންބޮޑުވުން، ފައިދާއެއް ނުވާނެ

މަޖިލިސް ރައީސް މުހައްމަދު ނަޝީދު: ދަނޑުވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްތަކުން ފައިދާއެއް ނުވާކަމަށް ވިދާޅުވި --- ފައިލް ފޮޓޯ/ މަޖިލިސް

ދަނޑުވެރިކަން ކުރުމަށް ފަޅު ރަށްތައް ދޫ ނުކުރުމަށް ސަރުކާރަށް ލަފާ ދީފައިވާނެ ކަމަށާއި އެއީ ގެއްލުން ބޮޑު ކަމެއް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު މަޖިލީހަށް ހާޒިރު ކުރި ޖަލްސާގެ ރިޔާސަތުގައި އިންނަވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދަނޑުވެރިކަން ކުރުމަށް ކަމަށް ބުނެ ރާއްޖޭގެ ފަޅުރަށްތައް ދޫކުރާތާ ގާތް ގަނޑަކަށް 32 އަހަރު ވެފައިވާ ކަމަށާއި ނަމަވެސް އެކަމުން ވީ ފައިދާއަށް ވުރެން ގެއްލުން ބޮޑު ކަމަށެވެ.

"މި މަޖިލީހުގެ ލަފާ ކޮވިޑްގެ ހާލަތުގައި އެރުވިއިރު ވަރަށް ސާފުކޮށް މި ދިރާސާތައް ކުރެވި ފަޅުރަށް އިތުރަށް ދޫކުރާން އުޅުން އެއީ ބުއްދިވެރިކަމެއް ނޫން ކަމަށް މި މަޖިލީހުން ސަރުކާރަށް ލަފާ އެރުވިން. އެހެން ނަމަވެސް 27 ހެކްޓަރުގެ ރަށަކާއި 30 ހެކްޓަރުގެ ރަށަކާއި އޮތް ބިންކޮޅެއް ވެއްޖިއްޔާ މި ހޮލިޑޭ ހޯމަށް ދޫކޮށް ދަނީ. އަޅުގަނޑުމެނަށް ހަމަ ސާފުކޮށް އެނގޭ ކަމެއް މިއީ ދެކޮޅު ޖެހޭ މަސައްކަތެއް ނޫން ކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެއާ ހިލާފަށް ރާއްޖޭގެ ބައެއް ފަޅުރަށްތައް ރިސޯޓް ހިންގަން ދޫކޮށްލާފައިވާކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ، އެއީ ބޮޑުތަނުން ފައިދާވާ ކަމެއް ކަމަށެވެ.

ޔަގީންކަމާއި އެކީގައި މި މަޖިލީހުގެ ހުރިހާ މެންބަރުންނަށް ދަންނަވަން ކެރޭނެ އޭގެން އެއްވެސް ރަށެއް (ދަނޑުވެރިކަން ކުރާ ފަޅު ރަށްތައް) އެއީ ވިޔަފާރީގައި ދެކޮޅު ޖެހޭ ރަށެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ދަނޑުވަރިކަން ކާމިޔާބް ކަމާއި އެކު ކުރަމުން އަންނަނީ މީހުން ދިރިއުޅޭ ރަށްތަކުގައިކަން ނަޝީދު ފާހަގަކުރެއްވި އެވެ. އެގޮތުން މިސާލެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވީ އއ. ތޮއްޑޫ އާއި ކ. ކާށިދޫ އާއި ބ. ގޮއިދޫ އެވެ.

ދަނޑުވެރިކަން ކުރުމަށް ފަޅުރަށް ދޫކުރުމާއި ނަޝީދު ދެކޮޅުކަން ފާހަގަކޮށްފައިވަނީ 26 ހެކްޓަރުގެ ބ. މާއްޑޫ ދަނޑުވެރިކަމަށް ދޫކޮށްލަން ސަރުކާރުން ނިންމި ސަބަބު ސާފު ކޮށްދެއްވުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ކުރެއްވި ސުވާލަށް މިނިސްޓަރު ޒަހާ ދެއްވި ޖަވާބާއި ގުޅިގެންނެވެ.

"މިއީ މަޝްވަރާ ކުރެވިގެން ބިން ބޮޑު ރަށެއް ދަނޑުވެރިކަމަށް ނެރުމަށްޓަކައި އަޅުގަނޑުމެންގެ އުންމީދަކީ ފުޑް ސެކިއުރިޓީ އަށް ކުރާ ހޭދަ އަދި ކޮވިޑްގެ ހާލަތުގައި އަޅުގަނޑުމެނަށް އެނގިގެން މިދިޔައީ ގައުމުގައި ފުދުންތެރިކަން ހުންނަން ޖެހޭ ކަން. ކާނާގެ ޔަގީންކަން އަޅުގަނޑުމެނަށް ލިބެން ޖޭހެ ކަން. އެހެންވީމަ މިފަދަ ރަށެއް މިފަދަ ކަމެއް ކުރަން ދިނުމަކީ އަޅުގަނޑަކަށް ހިއެއް ނުވޭ އެއްވެސް ބަޔަކު ސުވާލު އުފައްދަވަން ވާނެ ކަމެއް ހެނެއް،" ހިސާން ކުރެއްވި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.

ބ. އަތޮޅުގެ ހުސްކޮށް އޮތް ފަސް ރަށުގެ ތެރެއިން އެންމެ ބޮޑު އެއް ރަށް ދަނޑުވެރިކަމަށް ދޫކޮށްލަން ނިންމާފައިވަނީ އިކޮނަމިކް ކައުންސިލްގައި ވެސް މަޝްވަރާ ކުރުމަށްފަހުގައި ކަން މިނިސްޓަރު ޒަހާ ފާހަގަކުރެއްވި އެވެ. އަދި އެކަމުގެ ރަނގަޅު ނަތީޖާ ނުކުންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.

comment ކޮމެންޓް