ޖޭއެސްސީގެ ނިންމުމާ އެކު ގާޒީ އިބްރާހިމް އަލީ އިސްތިއުފާދެއްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ -- ސަން ފައިލް ފޮޓޯ

ކުރިމިނަލް ކޯޓުގެ ގާޒީކަމުން ވަކިކުރަން މަޖިލީހަށް ހުށަޙަޅަން ޖޭއެސްސީއިން ނިންމާފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ މިއަދު ގާޒީކަމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ ވަނީ ޖޭއެސްސީއަށް އިސްތިއުފާގެ ސިޓީ މިއަދު ހުށަހަޅުއްވާފައިވާކަން "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އެކަން ކަށަވަރުކޮށްދެއްވައި އޭނާ މިއަދު ވިދާޅުވީ ގާޒީ ކަމުން ވަކިކުރަން ޖޭއެސްސީއިން ނިންމީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާއަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. ބަޔަކު ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުމެއް އަލުން މުރާޖައާ ކުރަން ހައިކޯޓުން ކޮށްފައިވާ އަމުރަށް އަމަލު ކުރުމުގައި އޭނާ ގަސްތުގައި ލަސްކޮށްފައި ނުވާނެ ކަމަށް އިބްރާހިމް އަލީ މިއަދު ވިދާޅުވި އެވެ. އަދި އެ ބަންދުގެ މައްސަލަ މުރާޖައާ ކުރުން ލަސްވެގެން ދިޔައީ ކުރިމިނަލް ކޯޓުގެ އިދާރީ ކަންތައްތަކެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ކަންކަމަށް ރިއާޔަތް ނުކޮށް ޖޭއެސްސީއިން މައްސަލަ ނިންމީ ކަމަށް ވެސް އިބްރާހިމް އަލީ ވިދާޅުވި އެވެ.

"އަޅުގަނޑާ ހަމައަށް މައްސަލަ އައި ހިސާބުން އަޅުގަނޑު އޮންނާނީ އެ މައްސަލަ ހިންގަން ފަށާފައި. އެހެން ނަމަވެސް މިއިން އެއްވެސް ކަމަކަށް ރިއާޔަތްނުކޮށް ފަސް ދުވަހުގެ ތެރޭ އަޅުގަނޑު ގޮތެއް ނުނިއްމިއްޔޭ ކިޔާފައި ވަކިކުރީ. އެހެންވެއްޖިއްޔާ ވަރަށް ގިނަ ގާޒީން މިހާރު ތިބޭނީ ސުލޫކުވެފައި ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޖޭއެސްސީގެ ނިންމުން އިންސާފުވެރި ނޫންކަން ފާހަގަ ކުރައްވާ އިބްރާހިމް އަލީ ވިދާޅުވި އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވިއިރު ޖޭއެސްސީއިން ވަނީ އޭނާ ސަސްޕެންޑްވެސް ކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން އިބްރާހިމް އަލީ ވިދާޅުވީ އޭނާ ސަސްޕެންޑް ކުރީވެސް ނުބައި ގާނޫނީ މާއްދާއަކަށް ރިއާޔަތްކޮށް ކަމަށެވެ. ނަމަވެސްް ފަހުން އެއީ ޓައިޕިން ކުށެއް ކަމަށް ބުނެ އުޒުރު ދެއްކި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖޭއެސްސީއިން ބުނީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތުވި 10 މީހަކު ބަންދުން ދޫކޮށްލުމަށް އިބްރާހިމް އަލީ ކުރެއްވި އަމުރު އަލުން މުރާޖައާ ކުރަން ހައިކޯޓުގެ އަމުރަށް ޕީޖީ އޮފީހުން ހުށަހެޅި ނަމަވެސް އަދި އެކަމަށް ޕީޖީ އޮފީހުން ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް އިބްރާހީމް އަލީ އެކަމާ މެދު ގޮތެއް ނުނިންމާ ގަސްތުގައި ލަސްކޮށްފައިވާކަން ކޮމިޝަންގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމުގައި ވެސް، ހައިކޯޓުގެ އަމުރަށް ގޮންޖަހައި، އެ އަމުރުގެ ހުރުމަތް ކެނޑޭ ގޮތަށް އިބްރާހިމް އަލީ ވާހަކަ ދެއްކެވި ކަމަށް ވެސް ޖޭއެސްސީއިން ފާހަގަކޮށްފައިވެ އެވެ.

އެކަންކަމަށް ރިއާޔަތް ކޮށް ޖޭއެސްސީއިން ބުނީ އިބްރާހީމް އަލީގެ އަމަލުތަކަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ އަމަލުތަކެއް ކަމަށް ވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، ގާޒީ އިބްރާހީމް އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމީ ކަމަށެވެ.

comment ކޮމެންޓް