އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުން އަހަރަކު 47 މިލިއަން ސަލާމަތް ކުރެވޭނެ: ފެނަކަ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު --- ފޮޓޯ/ ޕީއެސްއެމް

އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުން އަހަރަކު 47 މިލިއަން ސަލާމަތް ކުރެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ ކުންފުުނިން ކަރަންޓްގެ ހިދުމަތް ދޭ 22 ރަށެއްގައި 12 މެގަވޯޓުގެ ސޯލާ ޕީވީ ހަރުކުރުމަށް މަޝްރޫއެއް އިފްތިތާހްކޮށްފަ އެވެ.

ރާއްޖެ ޓީވީން ރޭ ގެނެސްދިން "ފަލަ ސުރުހީ" ޕްރޮގްރާމްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ 2022 ވަަނަ އަހަރުގެ މެދުތެރޭގައި އެ މަޝްރޫއުން ކަރަންޓްގެ ހިދުމަތް ދިނުން ކަމަށެވެ.

"އަޅުގަނޑުމެން 12 މެގަވޯޓުގެ ސޯލާ ޕެނަލް ޖެހީމާ އޭގެ މާނައަކީ އަޅުގަނޑުމެން ތަަލަށް ކުރާ ހަރަދުގެ ވަރަށް ބޮޑު ބައެއް ރައްކާކުރެވިގެން ދާނެއޭ. އެ ހިސާބުތައް ހަދާއިރު އަޅުގަނޑުމެންނަށް ނުކުންނަ އަދަދަކީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް ތެލުން 47 މިލިއަން ރުފިޔާ ސަލާމަތްވާނެކަމަށް" ސައީދު ވިދާޅުވި އެވެ.

އެއާއެކު ޖައްވަށް ދޫކުރާ ވިހަގޭހުން 16،000 ޓަނު ކާބަންޑާ އޮކްސައިޑް ސަލާމަތްކުރެވޭނެކަމަށް ސައީދު ވިދާޅުވި އެވެ.

މިވަގުތުވެސް ފެނަކައިން ދަނީ 48 ރަށެއްގައި އަށް މެގެވޯޓިގެ ސޯލާ ބޭނުންކުރަމުންދެއެވެ.

"އެހެންވީމާ ޖުމްލަ 12 މެގަވޯޓުގެ ކަރަންޓް ސޯލާ ޕީވީ ހަރުކުރެވިގެން ދިޔައިމާ ފެނަކައިގެ ކަރަންޓް ހިދުމަތްދޭ ރަށްތަކުގެ ތެރެއިން 44 ޕަސެންޓް އިއާދަކުރަނިވި ހަކަަތައަށް ބަދަލުވެގެން ދިޔައީ 2022 ވަނަ އަހަރުގެ މެދުތެރެއާ ހިސާބުން" ސައީދު ވިދާޅުވި އެވެ.

ފެނަކައިން މިހާރުވެސް ދަނީ ރަށްރަށުގައި ހުރި ބާ އިންޖީނުގެތައް ރަށުގައި މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރަމާއި އެ އިންޖީނުގެ ތަކަކީ ރައްކާތެރި ތަންތަނަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް