މިދިޔަ ޖޫން މަހު ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައިގައި އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނަށް އުނިއިތުރު ގެނެސް، އޭނާގެ ގާނޫނީ ވަކީލުންނަށް ފުލުހުން ހަޖޫ ޖެހި މައްސަލައެއް ވަކީލުންގެ ފަރާތުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅައިފި އެވެ.
މި މަންޒަރުތައް ފެންނަ ވީޑިއޯއެއް ބިދޭސީ އަންހެން މީހާގެ ދިފާއުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންގެ ތެރެއިން ޝަފިއްޔާ ރިޒާ ވަނީ ޓުވީޓާގައި މިރޭ ހިއްސާކުރައްވާފަ އެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން ޝަފިއްޔާ ވިދާޅުވީ އެ ވީޑިއޯއަކީ ފުލުހުން ނެގި ބަޔާނެއް ހިއްސާކުރަން އުޅުމުގެ ތެރޭގައި އޮޅުމަކުން ހިއްސާކުރެވުނު ވީޑިއޯއެއް ކަމަށެވެ.
"އަސްލު ކަން ވީ ގޮތަކީ އަޅުގަނޑުމެންގެ ސެޝަންގެ ބްރޭކެއް ނެގީ، ތިމަންނާމެން ތިން މިނެޓުގެ ތެރޭގައި 13 ސެޕްޓެމްބަރުގައި ނެގި ވީޑިއޯ ސްޓޭޓްމަންޓްގެ ބަޔާން ސްކްރީން ޝެއާކޮށްގެން ދައްކާނަމޭ ކިޔާފައި. ތިން މިނެޓަށް ނެގި އެ ބްރޭކް ބަދަލުވެގެންދިޔައީ 20 މިނެޓަށް. އެވަގުތުކޮޅު ތެރޭގައި ދެއްކި ވާހަކަތަކެއް މިހިރީ އޮޅިގެން ފޮނުވިފައި،" ޝަފިއްޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިކްޓިމްގެ ބަޔާން އޮންނަން ޖެހޭނީ ވިކްޓިމް ކިޔައިދިން ގޮތަށް ކަމަށާއި ފުލުހުންނަށް އެ ބަޔާނަކަށް އުނިއިތުރެއް ނުގެނެވޭނެ ކަމަށެވެ.
"ވިކްޓިމްގެ ސްޓޭޓްމަންޓަކާ ނުކުޅެވޭނެ. ވިކްޓިމް ބުނާ ބަހަކުން ބުނާ ގޮތަކަށް އޮންނަން ޖެހޭނީ. އެހެންވީމަ ފެންނަ ނުފެންނައަށް، ފުލުހުންނަށް ފެނުނީމަ ވަކި ބަސްތަކެއް ލާފައި ވަކި ތަންތަން އުނިކޮށްފައި އެހެން ނުހެދޭނެ. ފުލުހުންނަކީ ވިކްޓިމްގެ ހައްގުތައް ހިމާޔަތްކޮށް، ވިކްޓިމްގެ މަސްލަހަތު ރިޕްރެޒެންޓް ކޮށްދޭން ޖެހޭ ފަރާތް. މިގޮތަށް ވަކީލުންނާ ބެހޭގޮތުން ވާހަކަ ދައްކާފައި ވިކްޓިމްގެ ބަޔާނަށް ބަދަލުގެންނަން އުޅޭކަމަށް ވާހަކަތަކެއް ހުރީމަ އެބަ އެނގޭ މި ކޭސްގައި ފުލުހުންގެ ނިޔަތް،" ޝަފިއްޔާ ވިދާޅުވި އެވެ.
ފުލުހުންނަށް އޮޅިގެން ފޮނުވުނު ވީޑިއޯގައި އިންވެސްޓިގޭޓިން އޮފިސަރުން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، މި މައްސަލަ ތަހުގީގު ކުރަމުންދާ އިންވެސްޓިގޭޓިން އޮފިސަރުން ބަދަލުކޮށްދިނުމަށް އެދިފައިވާނެ ކަމަށާއި މި މައްސަލަ ބަލައިދިނުމަށް އެދި އެންއައިސީއަށް ހުށަހަޅާފައިވާ ކަމަށް ޝަފިއްޔާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ޖުލައި 16ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލް މަންނާން ޔޫސުފް ވިދާޅުވެފައި ވަނީ، "ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް، އަދި މާ ލަސްތަކެއް ނުވެ ދައުވާ ކުރަން ފޮނުވާނެ" ކަމަށެވެ.
ޝަފިއްޔާ ވިދާޅުވީ ތަހުގީގު ކުރިއަށް ސްޕީޑަށް ބަލާފައި، ތަހުގީގު މުޅިން ނިމޭނެ ދުވަހެއް ދަންނަވަން ވަރަށް ދަތި ކަމަށެވެ.
"މި ތަހުގީގެއް ޖޫން މަހުން ފެށިގެން މި ކުރަނީ. މި ދެންނެވީ 13 ސެޕްޓެމްބަރުގައި ނެގި ވީޑިއޯ ސްޓޭޓްމަންޓެއް. އިނގިރޭސި ބަހުން ލިޔެފައި ޓައިޕްކުރަން މި ނެގީ އެއް މަސް ދުވަސް. އަސްލު ނޭނގޭ ދަންނަވާކަށް އެކަމަކު ފުލުހުން ވިދާޅުވި ވަރަށް އަވަހަށް ތަހުގީގު ނިމޭނެ ކަމަށް." ޝަފިއްޔާ ވިދާޅުވި އެވެ.
އުމުރުން 27 އަހަރުގެ ކެންޔާ އަންހެނަކަށް ހުޅުމާލޭ ބޭރުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ފަތިހު 05:00 ހާއިރު އެވެ.
އެ މައްސަލަ ރިޕޯޓުކުރީ ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެން މީހާ އާއި އިތުރު ދެ ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މައުލޫމާތު އޮޅުންފިލުވުމުން ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.
ފުލުހުން ބުނީ މައްސަލަ ހުށަހެޅި ވަގުތު އަންހެން މީހާ ފުރަތަމަ ބުނީ ތުހުމަތުވާ ދެމީހުން އޭނާގެ ފޯނު އަތުލައި، ފޯނު ނުދީގެން އުޅޭ ވާހަކަ ކަމަށެވެ.
ނަމަވެސް އެ ވާހަކައިގެ ތެރެއިން އޭނާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނި ކަމަށާއި، އެހިސާބުން ތުހުމަތުވާ ދެމީހުން ހައްޔަރުކޮށް، ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ފެށިގެން ދިޔަ ކަމަށެވެ.
މައްސަލައިގެ ތުހުމަތުގައި ދެ ދިވެހީން ހައްޔަރުކުރުމަށް ފަހު ހަމަ އެދުވަހު ވަނީ ދޫކޮށްލައިފައެވެ.