ޔޮޓް ޓުއާސްގެ އިންޝުއަރެންސް މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ފަށައިފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އަށް 22.78 މިލިއަން ޑޮލަރު (351 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އެލައިޑުން ހައިކޯޓުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ހައިކޯޓުގައި ފަށައިފި އެވެ.

ސިވިލް ކޯޓުން ޖުލައި 19ގައި ކުރި ހުކުމުގައި ބުނީ ހއ. އަލިދޫ ރިސޯޓް، އެލައިޑް އިންޝުއަރެންސުގައި 2014ގައި އިންޝުއާކޮށްފައި ވަނިކޮށް އެ އަހަރު މޫސުން ގޯސްވެ، އެ ރިސޯޓްގެ މޫދު ކޮޓަރިތަކަކަށް ބޮޑެތި ގެއްލުންތަކެއްވި ކަމަށެވެ. އަދި އެއީ އެ ރިސޯޓުން ނަގާފައިފައިވާ ޕޮލިސީގެ ދަށުން އެލައިޑް އިންޝުއަރެންސުގެ މައްޗަށް ކްލެއިމް ކުރެވޭނެ ކަމެއް ކަމަށާއި ބަދަލުގެ ގޮތުގައި 22.78 ދޭން ޖެހޭނެ ކަމަށެވެ. ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ނެރުއްވި ހުކުމުގައި ބުނެފައި ވަނީ އެލައިޑުން ދައްކަން ޖެހޭ ފައިސާ ހުކުމް ކުރާ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.

އެ ހުކުމާ އެއްގޮތަށް އެއް މަސް ދުވަހުގެ ތެރޭގައި އެލައިޑުން ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 3.8 މިލިއަން ޑޮލަރު ދޭން ޖެހޭ ނަމަވެސް، އެ ފައިސާ ދީފައި ނުވާ ކަމަށް ބުނެ ހުކުމް ތަންފީޒު ކޮށްދޭން ފިޔަވަޅު އަޅައިދިނުމަށް އެދި ޔޮޓް ޓުއާސްއިން ވަނީ ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ސިޓީއެއް ފޮނުވާފަ އެވެ.

ނަމަވެސް، އެ ފަހުން އެލައިޑުން ވަނީ ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި އެލައިޑުން ވަނީ މައްސަލަ ނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށްވެސް އެދިފަ އެވެ.

މިއަދު އެ މައްސަލައިގައި ހައިކޯޓުގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި އެންމެ ފުރަތަމަ ވާހަކަ ދެއްކީ އެ ވަގުތީ އަމުރާ ގޮތުންނެވެ. އެ މައްސަލައިގައި އެލައިޑުގެ ފަރާތުން ބުނީ އެ އަމުރު ނެރެނުދީފި ނަމަ އެލައިޑުގެ ވިޔަފާރިއަށް ވަރަށް ބޮޑު އަސަރެއްކޮށް، އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމަށެވެ.

ނަމަވެސް ޔޮޓް ޓުއާސްގެ ފަރާތުން ބުނީ، ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން ސިވިލް ކޯޓުން އާންމު ގޮތެއްގައި ހުކުމް ތަންފީޒު ކުރުމުގެ ކަންކަން ހުއްޓާލާ ކަމަށެވެ. އެހެން ކަމުން، ކޮންމެހެން ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނެރުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކޭ ކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑުން އެކަމާ ގުޅިގެން ފާހަގަ ކުރީ، އިސްތިއުނާފު ކުރުމާ ގުޅިގެން ހުކުމް ތަންފީޒު ކުރުން ފަސް ކުރަނީ ބައެއް ފަހަރު ކަމެވެ. އަދި އެކަމުގައި ވަކި އުސޫލެއް ނޯންނަ ކަމެވެ. ހުކުމް ތަންފީޒު ކުރުމަށް އެދި ޔޮޓް ޓުއާސްއިން ސިވިލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާކަންވެސް ފާހަގަކުރި އެވެ. ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނެރެދިނަސް ޔޮޓް ޓުއާސްއަށް ވަކިން ގެއްލުމެއް ނުވާނެ ކަމަށްވެސް އެލައިޑުން ބުންޏެވެ.

ޔޮޓް ޓުއާސްއިން އެދުނީ އެ އަމުރު ނެރުމުގެ ޟަރޫރަތެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ މައްސަލައިގައި ވަކި ގޮތެއް ނިންމަވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި އެލައިޑުގެ ފަރާތުން ވަނީ އިސްތިއުނާފު ކުރާ ހަތް ނުކުތާވެސް އިއްވައިފަ އެވެ.

އެގޮތުން، ދައުވާ ބިނާކުރި އިންޝުއަރެންސް ޕޮލިސީއަކީ ރަނގަޅު އިންޝުއަރެންސް ޕޮލިސީއެއް ނޫން ކަމަށް އެލައިޑުން ހުށަހެޅި އިޖުރާއީ ނުކުތާއާ މެދު ބަލަން ޖެހޭ ވަރަށް ބަލާފައި ނުވާ ކަމަށް އެލައިޑުގެ ފަރާތުން ބުނެފައިވެ އެވެ.

ޔޮޓް ޓުއާސްއިން އިންޝުއަރެންސް ފައިސާ ހޯދުމަށް ދައުވާކޮށްފައި ވަނީ އިންޝުއަރެންސް ޕޮލިސީއިން ކަވަރު ކުރާ ކޮން ޕެރިލްއެއްގެ ދަށުންކަން ސާބިތުކޮށްދީފައި ނުވަނީސް އިންޝުއަރެންސް ފައިސާ ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށް އެލައިޑުން ބުނެފައިވެ އެވެ.

ވިލް ކޯޓުން މައްސަލަ ބެލި އިރު "ބާޑަން އޮފް ޕްރޫފް" ނުވަތަ ދައުވާ ސާބިތު ކުރުމުގެ ބުރަ، އެ މައްސަލައިގައި ދައުވާ ކުރި ޔޮޓް ޓުއާސްގެ ބަދަލުގައި އެލައިޑަށް ފުރޮޅާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ފައިސާ ދޭން ސިވިލް ކޯޓުން ކަނޑައަޅާފައި ވަނީ ޔޮޓް ޓުއާސްއަށް ލިބުނު ގެއްލުމުގެ މިންވަރު ވަޒަންކުރުމެއް ނެތި ކަމަށްވެސް އިސްތިއުނާފުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ގާޒީ ނިންމަވާފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބުނާ ގޮތާ ހިލާފަށް ހެއްކާ ގަރީނާއަށް ރިއާއަތް ނުކޮށް، ތައައްސުބުން އެއްކިބާނުވެ ކަމަށެވެ. އަދި މައްސަލަ ނިންމުމުގައި ހިލާފުވެފައިވާ ކަމަށް އެލައިޑުން ދެކޭ ގާނޫނުއަސާސީގެ މާއްދާތައްވެސް ބަޔާން ކުރި އެވެ.

ދަށު ކޯޓުގައި މައްސަލަ ހިނގި އިރު ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއް އަލުން ރިވިއު ކުރުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް އެލައިޑުން ބުނެފައިވެ އެވެ. ރިވިއު ކުރަން އެދުނު މައްސަލައިގެ ހުކުމް ބަދަލުވެއްޖެ ނަމަ މި މައްސަލައިގެ ހުކުމަށް އަސަރު ކުރާނެތީ އެ މައްސަލައާ މެދު ވަކި ގޮތެއް ނިމެންދެން މަޑުކޮށްދޭން ސިވިލް ކޯޓުގައި އެދުނު ކަމަށް އެލައިޑުން ބުންޏެވެ. ނަމަވެސް، އެގޮތަށް މަޑުކޮށްފައި ނުވާތީ އެކަންވެސް އިސްތިއުނާފު ނުކުތާއެއްގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

ރިވިއު ކުރަން އެދުނު މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ. ނަމަވެސް، އެގޮތަށް ނިންމީ އެލައިޑުން ހައިކޯޓުގައި އިސްތިއުނާފު ކުރި ފަހުންނެވެ. އެހެންވެ އެ އިސްތިއުނާފީ ނުކުތާ ކުރިއަށްނުގެންދަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް