ދައުލަތުގެ އިދާރާތަކުން ކުޑަކުދިންނާމެދު އިހުމާލުވެފައިވާކަމަށް ބެލެވޭ މައްސަލަތަކެއް ތަހުގީގުކުރަނީ

ކުޑަކުދިން

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތަކާގުޅޭ ތަހުގީގެއް ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިއަދު ބުނެފިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ މަގުސަދުގައި ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވީ މިދިޔަ ފެބުރުއަރީ 20 ވަނަ ދުވަހުއެވެ.

އެ ކޮމިޝަނުން މިއަދު ވަނީ، އެ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކޮށްފައެވެ.

ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ކަމާބެހޭ މުއައްސަސާތަކުން އަމަލުކޮށްފައިވާ ގޮތް ދެނެގަތުމަށް، ޖެންޑާ އާއި ފުލުހަށް ހުށަހެޅޭ މައްސަލަތަކުގެ ފައިލް އޮޑިޓެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ގާނޫނީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުކުރެވޭކަން ވަޒަންކުރުމަށްޓަކައި ކަމާގުޅޭ ގާނޫނުތައް
ރިވިއުކުރުމުގެ މަސައްކަތާއި، ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާ ކަމަށް ފާހަގަކުރެވޭ މައްސަލަތަކާގުޅޭ ތަހުގީގުގެ މަސައްކަތްތައް ވެސް ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގެ ހާލަތު ވަޒަންކޮށް، އެ މަރުކަޒުތަކުގައި އެކުދިންނާމެދު އަމަލުކުރަމުންދާ ގޮތްތައް ދެނެގަތުމަށްޓަކައި ދައުލަތުގެ ބެލުމުގެދަށުގައި ކުޑަކުދިން ބައިތިއްބާ ފަސް މަރުކަޒަކަށް މިދޔަ މާޗު މަހާއި އޭޕްރީލް މަހުގެ ތެރޭގައި ޒިޔާރަތްކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެގޮތުން، ކޮމިޝަނުން އެންމެ ފުރަތަމަ ކުޑަކުދިންގެ ހިޔާއަށް ކުރި ޒިޔާރަތުން ފާހަގަކުރެވުނު ކަންކަމާއި، ކުޑަކުދިންގެ ހިޔާގައި އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް 26 މާޗް ވަނަ ދުވަހު ޕްރެލިމިނަރީ ރިޕޯޓެއް ތައްޔާރުކޮށް ރައީސް ސޯލިހާ ހިއްސާކޮށްފައި ވާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

އަދި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ރިކޮންމެޑޭޝަންތައް ތަންފީޒުކުރަން ޖެންޑާ މިނިސްޓްރީން ޕްލޭނެއް އެކުލަވާލައި، އެ ޕްލޭންއާ އެއްގޮތަށް
މަސައްކަތް ކުރަމުން ދާކަމަށް ވެސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެއަށްފަހު، ދޫނިދޫ އަދި އަތޮޅުވެހި ކަސްޓޯޑިއަލްއަށާއި، އައްސޭރި ޖަލަށް އެ ކޮމިޝަނުން ކުރި ޒިޔާރަތާއި، ފިޔަވަތި މަރުކަޒަށް ކުރި ޒިޔާރަތުގައި، އެ މަރުކަޒުތަކުގެ ސާފުތާހިރުކަމާއި، ތަނުގެ ރައްކާތެރިކަމާއި، އެތަންތަނުގައި ތިބޭ ކުދިންނަށް ލިބޭ ހިދުމަތްތަކާއި، އެތަންތަނުގައި ހުރި ލައިފް/ހެލްތު ރިސްކުތަކާއި، އެ މަރުކަޒުތަކުގައި ކުދިންނާމެދު އަމަލު ކުރަމުންދާ އުސޫލުތަކާމެދު މައުލޫމާތު އެއްކޮށް، އެ މަރުކަޒުތަކުގައި ރަނގަޅު ކުރަންޖެހޭ ކަންކަން ވަނީ ދެނެގަނެފައެވެ.

އެ މަރުކަޒުތަކުގައި މިހާރުން މިހާރަށް އިސްލާހުކުރަންޖެހޭ ކަންކަމާއި،
އެކަންކަން އިސްލާހުކުރުމަށް ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ބަޔާންކޮށް، ކޮމިޝަނުން ތައްޔާރުކޮށްފައިވާ ހަތަރު ޕްރިލިމިނަރީ ރިޕޯޓް ވެސް ރައީސް ސޯލިހާ ވަނީ ހިއްސާކޮށްފައެވެ.

އަދި މިދިޔަ މަހުގެ އަށްވަނަ ދުވަހު އެ ކޮމިޝަނުން ވަނީ ރައީސް އާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ކުޑަކުދިން ބަލަހައްޓާ މަޒުކަޒުތަކުގައި ކުދިންނަށް ލިބެމުންދާ ހިދުމަތްތަކާއި، އެތަންތަނުގައި ތިބޭ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމާއި، އެ މަރުކަޒުތަކުގެ ހާލަތާގުޅޭގޮތުން ކޮމިޝަނުގެ ކަންބޮޑުވުންތައް އެމަނިކުފާނާ ވަނީ ހިއްސާކޮށްފައެވެ.

ހަމއެއާއެކު، 14 ސެޕްޓެންބަރުގައި ފިޔަވަތި މަރުކަޒާއި، ދޫނިދޫ ކަސްޓޯޑިއަލްއާއި، އަތޮޅުވެހި ކަސްޓޯޑިއަލްއާއި އައްސޭރި ޖަލާގުޅޭ ޕްރެލިމިނަރީ ރިޕޯޓުތައް ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ފޮނުވާފައިވާ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ ޕްރިލިމިނަރީ ރިޕޯޓުތަކުގައި ފިޔަވަތި މަރުކަޒުގައި އިސްލާހުކުރަންޖެހޭ ކަންކަން ބަޔާންކޮށް 15 ރިކޮމެންޑޭޝަން، ދޫނިދޫ ކަސްޓޯޑިއަލްއާއި އަތޮޅުވެހި ކަސްޓޯޑިއަލްގައި އިސްލާހުކުރަންޖެހޭ ކަންކަން ބަޔާންކޮށް 11 ރިކޮމެންޑޭޝަން، އަދި އައްސޭރި ޖަލުގައި އިސްލާހުކުރަންޖެހޭ ކަންކަން ބަޔާންކޮށް 13 ރިކޮމެންޑޭޝަން ހުށަހަޅާފައިވާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

ކޮވިޑް19 ޕެންޑެމިކްގެ ހާލަތާ ގުޅިގެން އެ ކޮމިޝަނުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދިޔުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށާއި އެހެން ނަމަވެސް، ކޮމިޝަނުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކޮށް، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތަކާއި، ކުޑަކުދިންނަށް ހިދުމަތްތައް ފޯރުކޮށްދޭ މުއައްސަސާތަކުގައި ރަނގަޅުކުރަން ޖެހޭ ކަންކަން ދެނެގަނެ، އެކަންކަން އސްލާހުކުރެވޭނެ ގޮތްތައް ހުށަހަޅައި، ކޮމިޝަންގެ ހުށަހެޅުންތައް ތަންފީޒުކުރުމަށް ބާރުއެޅުން ކަމަށް ބުނެފައިވެއެވެ.

ރިޔާސީ ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ.

އަދި ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި، އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި، އިގްތިސޯދީ ހާލަތާއި، އިޖުތިމާއީ ހާލަތާއި، ކުށް ކުރާން ނުވަތަ އަނިޔާލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި، އަނިޔާލިބުނު ކުދިންގެ މިހާރު ހާލަތާ ބެހޭ މައުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމެވެ.

comment ކޮމެންޓް