ޑްރަގް ވިޔަފާރިވެރިން ޝަރުއީ މަރުހަލާގައި ދޫވާތީ މިނިސްޓަރު ކަންބޮޑުވެއްޖެ

މަސްތުވާތަކެތި ނައްތާލުމަށް މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ --- ސަން ފޮޓޯ : ފަޔާޒު މޫސާ

މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ ފަރާތްތަކުން ޝަރުއީ މަރުހަލާގައި ސަލާމަތްވެގެން ދާތީ އެކަމާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ ފަރާތްތައް ސަލާމަތްވެގެން ދިޔުމަކީ މުޖުމަތަމައަށް އޮތް ވަރަށް ބޮޑު ބިރެއް ކަމަށެވެ.

"އެހެންކަމުން ޝަރުއީ މަރުހަލާގައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ސަލާމަތް ވެގެން ދިޔުމަށް ހުރި މަގުތައް ބަންދުކުރުމަށް މުޅި ދައުލަތް އެކުގައި މަސައްކަތް ކުރަން ޖެހޭ،" އިމްރާން ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ލިބޭނީ ފުލުހުން، މަސްތުވާތަކެތި ހޯދައި ތަހުގީގުކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ ހަވާލުކުރުމުން ޕީޖީގެ ތެރެއިން ރަނގަޅަށް މަސައްކަތް ކުރެވިގެން އަދި ކޯޓުގެ ތެރެއިން އެފަދަ މައްސަލަތައް ރަނގަޅަށް ނިންމިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކުރާ ކުށްތަކުގެ ގާތްގަނޑަކަށް 70 ޕަސެންޓް މައްސަލަތަކަކީ ކޮންމެވެސް ކަހަލަ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ގޭންގު މާރާމާރީ ފަދަ ކަންތައްތައް ހިމެނެއެވެ.

އިމްރާން އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ ސަބަބުން ޒުވާނުންނަށް ބޮޑަށް އަސަރު ކުރާއިރު އެ ފަރާތްތައް ރިހެބިލިޓޭޓްކުރަން މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

"މަސްތުވާތަކެތީގެ ވަބާގެ ޝިކާރައަށް ވެފައިވާ ޒުވާނުން ރިހެބިލިޓޭޓް ކުރުމަކީ ބޮޑު މަސައްކަތެއް،" އޭނާ ވިދާޅުވިއެވެ.

ޒުވާނުންނާއި ޒުވާނުންގެ އާއިލާތައް ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ފައިދާ ނަގާ ކަމަށް އިޝާރަތްކޮށް މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް މުއްސަނދިވާ މީހުންނާ ދެކޮޅަށް މުޅި މުޖުތަމައު އެކީގައި ނިކުންނަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް