މަގާމުތަކުގައި ތިބޭ މީހުންގެ އަބުރާ ބެހިގެން ބަދަލު ނެގުމުގެ ހައްގު އޮވެގެން ނުވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލެއް ހުށަހެޅުމަށް މިހާރު ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
އެ ބިލް ފަރުމާކޮށްފައި ވަނީ ނޫސްވެރިކަމުގެ ހައްގު ނުގެއްލޭ ގޮތަށް މަދަނީ ކުށެއްގެ ގޮތުގައި އެކަން ބޭއްވުމުގެ ގޮތުން ކަމަށް ސަރުކާރުން ބުނެ އެވެ.
އެކަމާ ގުޅޭ ގޮތުން ފައްޔާޒް އިއްޔެ ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ ދައުލުގެ ޖުޑީޝިއަރީ، ގާނޫނު ހަދާ ބޭފުޅުންނާއި އަދި މިނިވަން މުއައްސަސާތައް ފަދަ ކޮމެޓީތަކުގައި ތިއްބަވާ ބޭފުޅުން އަބުރުގެ ދައުވާ ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ. ނަމަވެސް އާންމު ރައްޔިތުން އަބުރުގެ ދައުވާކޮށް ބަދަލު ނަގައި ދިނުމަށް އެދުމުގެ ފުރުސަތު އޮވެގެންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން އަޅުގަނޑު ދެންނެވިޔަސް ދައުލަތުގެ އޮފިޝަލުންނާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ދައްކައިިފި ނަމަ އެ ބުނި ބަސް އަނބުރާ ގެނެސް މާފަށް އެދުމަށް އެދި މައްސަލަ ހުށަހެޅޭނެ. އެހެން ހެދުމުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކުރެވޭނެ،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒްގެ ވާހަކަތަކަށް ރައްދު ދެއްވައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ އިސް މަގާމެއްގައި ހުންނަވާ އިރު މީހުން ކުރާ ހަގީގަތެއް ނެތް ތުހުމަތުތައް ބަލައިނުގަންނަވާނެ ކަމަށެވެެ. އަދި ފާޑު ކިޔަންވާނީ ޒިންމާދާރުކަމާއެކުގައި ކަމަށާއި އަދި މީހުންގެ ޝަހުސް ކަތިނުލާގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބުރާ ބެހުމުގެ ކުށަކީ މިހާރު ވެސް އޮންނަ ފަދައިން މަދަނީ ކުށެއްގެ ގޮތުގައި ބޭއްވުމަށާއި ޖިނާއީ ކުށަކަށް ނުހެދުމަށް މޯލްޑިވްސް ޖާނަސިލްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ގޮވާލައިފަ އެވެ.
އެމްޖޭއޭ އިން ބުނީ ސަރުކާރުގެ އިދާރާތަކާ ދެމެދު މިހާތަނަށް އެ މައްސަލާގައި ކުރެވުނު ކުރު މަޝްވަރާތަކުގައި، އެ ބިލުގައި ނޫސްވެރި ކަމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން އެއިދާރާތަކުން ދީފައިވާ ކަމަށެވެ.