އަބުރުގެ ބިލުގެ ބޭނުމަކީ ސަރުކާރުގެ ކަންކަމުގެ ވާހަކަ ދެއްކިޔަނުދީ އަޅުވެތި ކުރުން: ފައްޔާޒު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް --

އަބުރުގެ ބިލުގެ ބޭނުމަކީ، ސަރުކާރުގެ ކަންކަމުގެ ވާހަކަ ދެއްކިޔަނުދީ އަޅުވެތިކުރުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

ފައްޔާޒު ވަނީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ކަންތައްތަކުން އެމަނިކުފާނަކީ އަބަދުވެސް ދޮގު ހައްދަވާ ބޭފުޅެއްކަން ހާމަވެގެން ދިޔަކަމަށް ވިދާޅުވެފައެވެ. ރަސްމާލޭގެ ވާހަކަ މިހާރު ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި މަޖިލީހަށް ހުށަހަޅާފައިވާ ބިލުން ކޮންމެ ދިވެއްސަކަށް ވެސް އެ ބަލާލުމުން އެއީ ދާއިމަށް ދޭ ބިމެއްކަން އެނގިލައްވާނެ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އޭގެ ސަބަބުން ދިމާވެދާނެ އެކިއެކި ކަންތައްތަކުގެ ވާހަކަ މިހާރު ވެސް ދައްކަމުންދާ ކަމަށާއި އެކަމަށް ރައްޔިތުންގެ ފަރާތުން ބަހެއް ބޭނުންވާނެ ކަމަށް ތަކުރާރުކޮށް ގޮވާލާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދުވެސް ރައްޔިތުންގެ އަޑު އަހަންނުޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު ސިފަކުރެއްވި ގޮތުގައި މިއީ ރައީސް މުއިއްޒުގެ ކަންކަމާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުންދާތީ، ރައްޔިތުންގެ ދުލާއި ގަލަމުގެ އިތުރުން ޚިޔާލާއި ފިކުރުގައި ތަޅު އެޅުވުމުގެ ބިލެކެވެ.

"އަނެއްކާވެސް ރައްޔިތުންގެ ދުލާ، ގަލަމާއި ޚިޔާލާއި ފިކުރުގައި ތަޅުއެޅުވުމުގެ ގޮތުން ބޮޑެތި ޖޫރިމަނާތަކާއި ބޮޑެތި އަދަބުތައްދޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް އެ އޮތީ ހުށަހަޅާފަ. ބޭނުމަކީ ރައީސް މުއިއްޒު އެ ކުރައްވާ ކަންތައްތަކުގެ ވާހަކަ މީހުން ދެއްކިޔަނުދީ، ރައްޔިތުން އަޅުވެތިކޮށްގެން ބޭއްތިއްބުން،" ފައްޔާޒު ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާ ވަނީ އަބުރުގެ ބިލަކީ މި ރާއްޖޭގައި އޮތް ޑިމޮކްރަސީ ނައްތާލައި ސަރުކާރާ ދެކޮޅު އަޑުތައް އެއްކޮށް ކަނޑުވާލުމަށް ހުށަހެޅި ބިލެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބުނާ ބަހަކުން، ލިޔާ ލިޔުމަކުން، ކިޔާ ލަވައަކުން އަދި ކުރާ އިޝާރާތަކުން ދިވެހިން ކުށްވެރިއެއް ނުކުރެވޭނެ ކަމަށާއި މަރުގެ އަދަބުގެ ވާހަކަ އަލުން އެ ދެއްކެވީ ވެސް ރަސްމާލެއާ ދެކޮޅު އަޑުތައް ކަނޑުވާލުމަށް ފައްޔާޒު ވިދާޅުވިއެވެ.

https://www.sun.mv/230257

ފާހަގަކޮށްލެވޭ ގޮތުގައި ދައްކާ ވާހަކައަކުން ނުވަތަ ލިޔާ ލިއުމަކުން ނުވަތަ ލަވަޔަކުން ވިޔަސް އަބުރުގެ ދައުވާކުރެވޭނެ ކަމަށް ކަނޑައަޅައި، ބައިމިލިއަން ރުފިޔާއާ ހަމައަށް ބަދަލު ނަގައިދެވޭ ގޮތް ހަދަން ސަރުކާރު ފަރާތުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ.

ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހެޅުއްވި އެ ބިލުގައި، އެ ބިލު ގާނޫނަކަށްވާ ހިސާބުން ފެށިގެން މީޑިއާތަކަށާއި މީސްމީޑިއާ ޕްލެޓްފޯމްތަކަށާއި އޮންލައިން ޚިދުމަތްދޭ ފަރާތްތަކަށް ގާނޫނު ހިނގާނެ ކަމަށެވެ.

އެ ބިލުގައިވާ ގޮތުން އަބުރާ ބެހުމަކީ މަދަނީ ކުށެކެވެ. ބިލުގައިވަނީ، އަބުރާ ބެހުމުގެ ދައުވާއެއް އެއް އަހަރު ހަމަވުމުގެ ކުރިން އުފުލަންޖެހޭނެ ކަމަށެވެ. އަދި ޝަރީއަތަށް ހުށަހެޅޭ ތާރީޚުން ފެށިގެން ގިނަވެގެން ހަ މަހުގެ ތެރޭ ގޮތެއް ނިންމަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް