ތަރައްގީވެފައިވާ ގައުމުތަކުގައި އެހެން ގައުމުތަކުގެ ސިފައިން ތިބޭނެ: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ----

ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި ކޮންމެސް އެހެން ގައުމެއްގެ އަސްކަރިއްޔާ ތިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އެ ސިފައިންނަށް ސަރުކާރުން ކުރާ ހަރަދު ހާމަކޮށްފި ނަމަ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫ އަރައި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޑިފެންސްގެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ޕާޓީތަކުންނާއި ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ވަނީ މަޖިލިސް ރައީސް އާ ސުވާލުކުރައްވައިފަ އެވެ. ނޫސްވެރިޔާ ސުވާލުކުރީ، ސިފައިންގެ އަދަދު ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާތޯ ނުވަތަ ނޫންތޯ އެވެ.

އެ ސުވާލަށް މަޖިލިސް ރައީސް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެކަމާ ގުޅުންހުރި ހުރިހާ ކަމެއް ވެސް ދިވެހިން އެނގެން ބޭނުންވާނެ ކަމަށެވެ.

"އެކަމަކު އެއްވެސް ގައުމަކަށް އެބަ އެނގޭތޯ އަނެއް ގައުމެއްގައި ތިބެނީ، އެ ގައުމެއްގެ ކޮން ބައެއް ކަން؟" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ ހުއްދަ ދީގެން އައިސް، އެގްރީމަންޓްތަކުގެ ތެރެއިން ދޭދޭ ގައުމުތަކުގެ މެދުގައި ހިނގާ ތަމްރީނުތަކާއި އެބާވަތުގެ އެހެން ކަންކަން އަބަދު ވެސް ހިނގަމުންދާ ކަމަށާއި އެއީ ހަމައެކަނި މިހާރު ހިނގާ ކަމެއް ނޫން ކަމަށެވެ.

އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ މައްސަލައެއް ނޫން ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވެސް މަޖިލިސް ރައީސް ރޭ ވަނީ ވާހަކަދައްކަވައިފަ އެވެ.

"ތިޔަ ބޭފުޅުން މިހާރު މިސާލަކަށް ބައްލަވާ، ޖަޕާނު މިނިވަންތޯ؟ ޖަރުމަނު މިނިވަންތޯ" އެ ދެ ގައުމުގައި އަދި ޔޫރަޕުގެ ގިނަ ގައުމުތަކުގައި ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި ކޮންމެސް އެހެން ގައުމެއްގެ އަސްކަރިއްޔާ ތިބޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

މީ ލާމެހިފައިވާ ދުނިޔެއެއް ކަމަށާއި ދުނިޔޭގައި ހިނގާ ކަންކަން އިންސާފުވެރި ކަމާއެކީގައި ހަމަޖެހޭ ގޮތަކަށް ހައްލުކުރުމަށް ޓަކައި އެތައް ގައުމަކުން ބައިވެރިވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަދި ދިވެހި ސަރުކާރުން މިހާރު މިސްރާބު ބަހައްޓާފައި ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި އެ މަސައްކަތް ކުރަނީ އިންޑިއާ، ޖަޕާނު، އޮސްޓްރޭލިއާ، އެމެރިކާ އަދި އިނގިރޭސިވިލާތާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ބުއްދިވެރި ގޮތެއް. އަޅުގަނޑު ދެކޭ ގޮތުގައި އެއީ މި މަސައްކަތް ހިނގާންވީވެސް ގޮތް،" ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެވެ. ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އައްޑޫގައި އޮންނަ އިރު އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ.

އެމްއެންޑީއެފްގެ އެކި ބޭނުންތަކަށް އަދި ހާލު ދެރަ ބަލި މީހުން ރަށްރަށުން މާލެ ގެނައުމަށް ބޭނުން ކުރަމުން އަންނަނީ އިންޑީއާގެ ދެ ހެލިކޮޕްޓަރުންނެވެ. އެ ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރަމުން އަންނަނީ، އިންޑިއާ ސިފައިންނެވެ. ނަމަވެސް އެ މަސައްކަތުގައި ރާއްޖޭގައި އިންޑިއާ ކިހާ ސިފައިންނެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް