އަބުރާ ބެހުމުގެ ކުށަކީ މިހާރު ވެސް އޮންނަ ފަދައިން މަދަނީ ކުށެއްގެ ގޮތުގައި ބޭއްވުމަށާއި ޖިނާއީ ކުށަކަށް ނުހެދުމަށް މޯލްޑިވްސް ޖާނަސިލްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.
ރައްޔިތުން މަޖިލިހުގެ މި އަހަރުގެ ތިން ވަނަ ދައުރަށް ދައުލަތުގެ އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހަޅަން ނިންމާފައިވާ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދުނުމުގެ ބިލް"އާ ގުޅިގެން އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ބިލާ ގުޅިގެން ނޫސްވެރިންނާއި މީޑިއާތަކުން ގިނަ ކަންބޮޑުވުންތަކެއް ޖަމިއްޔާ އަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ހެދުމަކީ އޭގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިންތައް ހަނިކުރެވިގެންދާނެ ކަމެއް ކަމުގައި އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެ އެވެ.
އަދި އޭގެ އިތުރުން އަބުރާ ގުޅުން ހުރި މައްސަލަތައް ޖިނާއީ ކުށަކަށް ހެދުމަކީ މުޖުތަމައުގެ ލާބަޔާއި ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހައްގުތައް ބޭނުން ކުރަން ނޫސްވެރިންނާއި އާންމުން ފަސްޖެހި، އަދި އެ ހައްގުތައް ހެޔޮ ގޮތުގައި ބޭނުން ކުރާ ފަރާތްތަކުގެ އަނގަ ބަންދުކުރުމަށް ބާރުވެރި ފަރާތްތަކަށް ހުޅުވައިދެވޭ ދޮރެއް ކަމުގައި ގަބޫލު ކުރާ ކަމަށް އެމްޖޭއޭ އިން ބުނެ އެވެ.
އެ ޖަމިއްޔާ އިން އިތުރަށް ބުނެފައި ވަނީ ނޫސްވެރިކަމާ ގުޅުން ހުރި ކަންކަން ރެގިއުލޭޓްކުރުމުގައި ސަރުކާރަށް ނުފޫޒު ފޯރުވޭ ދައުރެއް، ނުވަތަ ޖިނާއީ ދައުރެއް އޮތުމަކީ، ފާޑުކިޔުން ގިނަ، މިނިވަން އަދި ތަހުގީގީ ނޫސްވެރިކަމެއް ކުރުމަށް އޮތް ޖާގަ ހަނިވެގެންދާނެ ކަމެއް ކަމަށެވެ.
އެހެން ކަމުން، އަބުރާ ބެހުން ޖިނާއީ ކުށަކަށް ހެދުމަކީ އެޖަމިއްޔާ އިން އަބަދު ވެސް ދެކޮޅު ހަދާނެ، އަދި އެކަމާ ދެކޮޅަށް ވަކާލާތު ކުރާނެ ކަމެއް ކަމުގެ ޔަގީންކަން ހުރިހާ ނޫސްވެރިންނަށް ވަނީ އެމްޖޭއޭ އިން ދޭނެ ކަމަށެެވެ.
ސަރުކާރުގެ ފަރާތުން އަލަށް ހުށަހަޅާ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދުނުމުގެ ބިލް"ގައި ވެސް، މިހާރު އޮތް ގޮތަށް، އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ބޭއްވުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.
އެމްޖޭއޭ އިން ބުނީ ސަރުކާރުގެ އިދާރާތަކާ ދެމެދު މިހާތަނަށް އެ މައްސަލާގައި ކުރެވުނު ކުރު މަޝްވަރާތަކުގައި، އެ ބިލުގައި ނޫސްވެރި ކަމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން އެއިދާރާތަކުން ދީފައިވާ ކަމަށެވެ.