އާސެނަލްގެ "ގަނާސޯރަސް" ގެ ދިފާއުގައި އޮޒިލް

އާސެނަލުގެ މެސްކޮޓް "ގަނާސޯރަސް" ގެ ދިފާއުގައި އޮޒިލް --- ފޮޓޯ//ލައިވްސްކޯ

އިނގިރޭސިވިލާތުގެ އާސެނަލުގެ އޮފިޝަލް މެސްކޮޓް "ގަނާސޯރަސް" ގެ ފުލް މުސާރަ ކުލަބުގައި ދެމިހުރިހާ ދުވަހު ދޭން ތައްޔާރު ކަމަށް އެކުލަބުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ރިޕޯޓްތައް ބުނާގޮތުން އާސެނަލުގެ އެތެރޭގެ ޙަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު އެކުލަބުގެ 27 އަހަރުވީ އޮފިޝަލް މެސްކޮޓް ވެސް ވަޒީފާއިން ވަކިކުރުމަށް ވަނީ ނިންމާފަ އެވެ. އާސެނަލުގެ މެޗުތަކާއި، އިވެންޓުތަކުގައި ހަރަކާތްތެރިވާ ފެހި ކުލައިގެ ޑައިނަސޯގެ ވަޒީފާ ކުލަބުން އުވާލަން ނިންމިކަމަށް ރިޕޯޓްކުރުމާ ގުޅިގެން އެކުލަބުގެ ސަޕޯޓަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ކުލަބަށް ކުރިމަތިވި މާލީ ދަތިކަމާ އެކު އާސެނަލުން ކުލަބުގެ އެތެރޭގެ 55 ވަޒީފާއެއް ވަގުތީ ގޮތުން ވަނީ އުނިކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ސްޓާފުންގެ މުސާރަވެސް ކުޑަކޮށްފައިވާ އިރު، އެ ޓީމުގެ މެސްކޮޓް ކުލަބުގެ ފޮޓޯއިން ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ މެސްކޮޓާ އެކު ބޮޑެތިވެފައި ތިބި އެތައް ސަޕޯޓަރުންނެއް ކުލަބުގައި އެބަތިބިކަން ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ އެވެ.

ގަނާސޯރަސް ގެއްލުމުގެ ބިރު ހީވެފައިވުމާ އެކު އޭނަގެ ވަޒީފާގެ ދިފާއުގައި އެކުލަބުގެ ތަރި އޮޒިލް ވަނީ މިހާރު ތެދުވެފަ އެވެ. އޮޒިލް ބުނީ ކުލަބުގެ މެސްކޮޓަކީ އެކުލަބާ އެކު ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ ކުލަބުގެ މުހިއްމު ބައެއް ކަމަށެވެ.

"އަހަރެން މިކުލަބުގައި ދެމިހުރިހާ ހިނދަކި އޭނާ [މެސްކޮޓް ގަނާސޯރަސް] ގެ ފުލް މުސާރަ ދޭން މިހުރީ ތައްޔާރަށް. އެކަން ކުލަބުގެ މެނޭޖްމެންޓަށް ވެސް އަންގަން." އޮޒިލް ޓްވިޓާގައި ބުނެފައިވެ އެވެ.

އާސެނަލްގެ އެތެރޭގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ކުލަބުގެ އޮނިގަނޑަށް ވެސް ބޮޑު ބަދަލެއް ގެނެސްފައިވާ އިރު މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އެކުލަބުން ވަނީ 77 މިލިއަން ޕައުންޑުގެ ހޭދައެއް ކޮށްފަ އެވެ. އެގޮތުން އެތުލެޓިކޯ މެޑްރިޑްގެ މިޑްފީލްޑަރު ތޯމަސް ޕާޓޭއާއި ގެބްރިއެލް މަގަޅެސް އަދި ޕަބްލޯ މާރީ ކުލަބަށް ގެނައި އިރު، އެ ޓީމަށް މިހާރު ކުޅެމުން އަންނަ ބައެއް ކުޅުންތެރިންގެ އެއްބަސްވުންތައް ވެސް ވަނީ އާ ކޮށްފަ އެވެ.

comment ކޮމެންޓް