ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީއާއި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެއް ފެންވަރެއްގައި ގިނަ އަހަރުތަކެއް ހޭދަކޮށް، އަދިވެސް އެ ލެވެލްގައި ހިފަހައްތަމުން އަންނާތީ އަޖައިބުވާ ކަމަށް ސްޕެއިނުގެ ގައުމީ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
މި ހަފުތާ ކުޅުމަށް ހަމަޖެހިފައި އޮތް އެކުވެރިކަމުގެ މެޗު ކުޅުމަށް ސްޕެއިނުގެ ގައުމީ ޓީމު ޕޯޗުގަލްގެ ލިޒްބަންއަށް ދަތުރުކޮށްފައިވާ އިރު، 2018 ވަނަ އަހަރުގެ ވޯލްޑްކަޕު މެޗަށްފަހު މިއީ ޕޯޗުގަލްއާއި ސްޕެއިނުގެ ފުރަތަމަ ކުރިމަތިލުމެވެ. ވޯލްޑްކަޕުގެ ގްރޫޕްސްޓޭޖުގައި ކުޅުނު އެ މެޗުގައި ރޮނާލްޑޯގެ ހިތްގައިމު ހިލޭ ޖެހުމެއް ފެނިގެން ދިޔައިރު، އޭނާ ވަނީ އެ މެޗުގައި ހެޓްރިކެއް ވެސް ފުރިހަމަ ކޮށްފަ އެވެ.
އެއަށްފަހުން ވެސް ޕޯޗުގަލް ކުޅުނު މެޗުތަކުގައި ތަފާތު ކުޅުމެއް ދައްކާ މިފަހުން 101 ބައިނަލް އަގުވާމީ ގޯލު ރޮނާލްޑޯ ހަމަކުރި އިރު، އޭނާ މިވަގުތު ހުރީ ރަނގަޅު ފޯމުގަ އެވެ. ރޮނާލްޑޯއާ ދެކޮޅަށް ސްޕެއިން ނުކުންނަން ތައްޔާރުވެފައި އޮތް އިރު، އެ ޓީމުގެ ކޯޗު އެންރީކޭ ވަނީ އޭނާ ކުރިން ބާސެލޯނާއަށް އިރުޝާދުދިން އިރު ވެސް އެ ޓީމުގެ އެންމެ އަލިގަދަ ތަރި މެސީއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބުނެފަ އެވެ.
"ނޫސްތަކުގެ އާކައިވް ބަލާލުމުން އަހަރެންނަށް އެންމެ މޮޅު ކުޅުންތެރިއަކީ ކާކުކަން ސާފުވާނެ. އެކަމަކު ހަމަ މެސީއެކޭ އެއްފަދައިން ރޮނާލްޑޯވެސް ހަމަ އެ ފެންވަރުގައި ހިފަހައްޓަމުން އެ އަންނަނީ އެތައް އަހަރެއް. އެއީ އާދަޔާ ޙިލާފު ދެ ކުޅުންތެރިން،" އެންރީކޭ ބުންޏެވެ.
އެންރީކޭ ބުނީ ކުރިއަށް އޮތް މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ނުކުންނަ އިރު، ރޮނާލްޑޯ ހުރުމަކީ ބިރުގަންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ރޮނާލްޑޯ އެ ޓީމުގައި ހުރުމުން އެ ޓީމު ތަފާތުވާނެ ކަން ގަބޫލުކުރާ ކަމަށާއި، އެންމެ ފަހުން ވޯލްޑްކަޕު މެޗުގައި ވެސް އެކަން ފެނިގެން ދިޔަ ކަމަށެވެ.
"ޓީމެއްގެ ގޮތުގައި އަހަރަމެން ނުކުންނީ މޮޅެއް ހޯދަން. ރޮނާލްޑޯ ހުއްޓަސް ނެތަސް ގޯލަކީ އެއީ. އެކަމަކު ރޮނާލްޑޯ ހުރުމަކީ ޕޯޗުގަލް ޓީމު އިތުރަށް ވަރުގަދަވާނެ ކަމެއް، އެ ދެ ކުޅުންތެރިން [މެސީއާއި ރޮނާލްޑޯ] އެހެން ކުޅުންތެރިންނާ ހަމަގައިމުވެސް ތަފާތު. އެހާ ގިނަ އަހަރުތަކެއް އެ ފެންވަރުގައި ހިފަހައްޓާތީ ހައިރާންވޭ."