ޕީއެސްޖީ ދޫކޮށް އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް މިފަހުން ގުޅުނު އުރުގުއޭގެ ފޯވާޑް އެޑިސަން ކަވާނީ އެކުލަބަށް ބަދަލުވުމުގެ ކުރިން ކޮވިޑް-19އަށް ޕޮޒިޓިވްވެ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ވެސް ގަސްތު ކުރި ކަމަށް އޭނާ ބުނެފި އެވެ.
ނިމިގެން ދިޔަ 2019-2020 ވަނަ ސީޒަން ނިމުމަށް ފަހު ލިބުނު ކުރި ޗުއްޓީގައި ޕީއެސްޖީގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، ކަވާނީ، ނޭމާ ޖޫނިއާ އަދި އޭންހެލް ޑިމާރިއާގެ އިތުރުން ވެސް އިތުރު ބައެއް ކުޅުންތެރިން ވަނީ މި ޗުއްޓީގައި ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގެ ތެރޭގައި ކޮވިޑް ފެތުރިގަނެ އެ ކުލަބުގެ ހަޔަކަށް ވުރެން ގިނަ ކުޅުންތެރިންނަށް ވަނީ ބަލި ޖެހިފަ އެވެ.
ކަވާނީ 33، ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޖޫން މަހު ހަމަވި އިރު، އޭނާ މީގެ ކުރިން ހުރީ ކުލަބަކާ ނުގުޅެ އެވެ. އެހެންކަމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ކަވާނީ ޔުނައިޓެޑަށް ސޮއިކުރި އިރު، ޔުނައިޓެޑާއެކު އޭނާ ވަނީ އެއް އަހަރުގެ އެއްބަސްވުމެއް ހަދާފަ އެވެ. އެކަމަކު އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
އެކަމަކު މިފަހުން ކޮވިޑުގެ ޝިކާރައަކަށްވެ، އަމިއްލަ ގައުމުގައި ހޭދަކުރި ވަގުތުތަކުގައި ދެން ފުޓުބޯޅަ ނުކުޅެން ގަސްތު ކުރި ކަމަށް ކަވާނީ ވަނީ ޔުނައިޓެޑަށް ބަދަލުވުމަށްފަހު ބުނެފަ އެވެ.
"އަހަރެން އެކަން [ކޮވިޑަށް ޕޮޒިޓިވްކަން] ސިއްރުކޮށްގެން ހުރީ. އެކަމަކު އިނގުނު ކޮންމެސް އިރަކުން އެކަން ހާމަ ކުރަން ޖެހޭނެ ކަން. އަހަރެންނާއި އަހަރެންގެ ބައިވެރިޔާ ޕޮޒިޓިވްވެގެން ގިނަ ދުވަސްތަކެއް ވަންދެން ކަރަންޓީނުގައި ހޭދަކުރަން ޖެހުނު. އެކަމަކު އެކަން އިނގޭނީ މަދުބަޔަކަށް،" ކަވާނީ ބުންޏެވެ.
ކަވާނީ ބުނީ އޭނާއަށް ކޮވިޑް ޖެހިފައިވާކަން އިނގުނީ ސްޕެއިނުގައި ހުރެފައި އެނބުރި ފްރާންސްގެ ޕެރިހަށް ދިޔަތަނުން ކަމަށެވެ. އަދި އެއަށް ފަހު ޕްރޮޓޮކޯލްއާ އެއްގޮތަށް އަމަލުކޮށްފައިވާނެ ކަމަށާއި ކަރަންޓީން ނިމުމަށް ފަހު ވަގުތުތައް ހޭދަކުރީ ގައުމުގައި ކަމަށެވެ.
"އަހަރެން ގަސްތުކޮށްގެން ހުރީ ފުޓުބޯޅަ ކުޅުން ހުއްޓާލަން. ކުޅުން ހުއްޓާލާފައި ގައުމުގައި ވަގުތު ހޭދަކުރުމަކީ އަބަދު ވެސް ބޭނުންވެފައި ހުރި ކަމެއް."
އިޓަލީގެ ނާޕޮލީން 2013 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު ކަވާނީ އެ ކުލަބު ދޫކޮށްލާފައިވާ އިރު، އޭނާ ވަނީ ޕީއެސްޖީއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން ޕީއެސްޖީއަށް ކުޅެދިން 301 މެޗުން 200 ލަނޑު ޖަހައިދީފައިވާ ކަވާނީ ވަނީ ޕީއެސްޖީއާ އެކު ފްރެންޗް ލީގު ހަ ފަހަރު ހޯދައިފަ އެވެ. އަދި ވަނީ އެ ކުލަބާއެކު ފްރެންޗް ކަޕް ހަތަރު ފަހަރު އަދި ފްރެންޗް ލީގު ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.