60 ޕަސެންޓް އަންހެނުންނަށް އޮންލައިން ފުރައްސާރައާ ކުރިމަތިލާން ޖެހޭ

އެންމެ ގިނަ އަންހެނުންނަށް ފުރައްސާރަ ކުރިމަތިވަނީ ފޭސްބުކް މެދުވެރިކޮށް --- ފޮޓޯ : ވޯކްޕޮލިސް

އޮންލައިން ޕްލެޓްފޯމުތަކުގައި ހިމެނޭ އަންހެން ކުދީންނާއި އަންހެނުންގެ އާބާދީގެ 60 ޕަސެންޓަކީ ކޮންމެވެސް ކަހަލަ އޮންލައިން އަނިޔާއެއް ނުވަތަ ގަނާއެއް އަދި އެ ނޫން ވެސް ފުރައްސާރައެއްގެ ޝިކާރައަށްވާ ފަރާތްތައް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ޖިންސީ ހަމަހަމަކަމަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ ޕްލޭން އިންޓަނޭޝަނަލް އިން ކުރިއަށް ގެންދިޔަ ބައިނަލްއަގުވާމީ ދިރާސާއަކުން ދައްކާގޮތުގައި އޮންލައިންކޮށް 60 ޕަސެންޓު އަންހެނުންނަށް އެކި ކަހަލަ އަނިޔާތަކާއި ފުރައްސާރަ ކުރިމަތިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ގިނަ އަދަދެއްގެ އަންހެނުން ދަނީ ސޯޝަލް މީޑިއާތައް ދޫކޮށް ޕްލެޓްފޯމްތަކުން އެކައުންޓްތައް ޑީއެކްޓިވޭޓްކުރަމުން ކަމަށް ވެސް އެ ދިރާސާ އިން ދައްކަ އެވެ.

އެ ޖަމިއްޔާގެ ޗީފް އެގްޒެކިއުޓިވް އޭން ބާގިޓް ވިދާޅުވީ ކޮންމެ ފަސް އަންހެނުންގެ ތެރެއިން އެކަކީ އެކި ކަހަލަ ފުރައްސާރަ އާއި އޮންލައިން ގަނާ އަދި އަނިޔާތަކުގެ ސަބަބުން ކޮންމެވެސް ކަހަލަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ދޫކޮށްލާފައިވާ ފަރާތެއް ކަމަށެވެ.

އަދި އޭގެ ތެރެއިން ބައެއް ފަރާތްތަކަކީ އުމުރުން އެންމެ އަށް އަހަރުން ފެށިގެން އެފަދަ ފުރައްސާރަ ކުރިމަތިވާން ފަށާފައިވާ ފަރާތްތައް ކަމަށް ވެސް އޭން ވިދާޅުވި އެވެ.

"އަންހެން ކުދީންނާއި އަންހެނުންނަށް ނުރައްކާ ވާ ވަރަށް ސޯޝަލް މީޑިއާގައި ގަނާ ކުރުމާއި ފުރައްސާރަކުރުމުގެ ކަންތައް ދަނީ ފެންމަތިވަމުން،" އޭނާ ވިދާޅުވި އެވެ.

އޭން ވިދާޅުވި ގޮތުގައި އެންމެ ގިނަ އަންހެނުންނަށް އަދި އަންހެން ކުދީންނަށް އެފަދަ ފުރައްސާރައާ ކުރިމަތިވެފައި ވަނީ ފޭސްބުކް އިންނެވެ. އެގޮތުން ފޭސްބުކް ބޭނުންކުރި އަންހެނުންގެ އާބާދީ 39 ޕަސެންޓަކީ ކޮންމެވެސް ގޮތަކުން އޮންލައިން ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކެވެ. ދެވަނައަށް އެންމެ ގިނައިން އެފަދަ މައްސަލަތައް ކުރިމަތިވެފައި ވަނީ އިންސްޓަގްރާމްގަ އެވެ. އެއީ އަންހެނުންގެ އާބާދީގެ 23 ޕަސެންޓެވެ. ވަޓްސްއެޕްއިން 14 ޕަސެންޓު އަންހެނުންނަށް ފުރައްސާރަކޮށްފައިވާ އިރު ސްނެޕްޗެޓުން އެފަދަ މައްސަލަ ދިމާވެފައި ވަނީ 10 ޕަސެންޓަށެވެ. އަދި ޓްވިޓާގައި އެފަދަ މައްސަލަ ނުވަ ޕަސެންޓަށް ކުރިމަތިވިއިރު ޓިކްޓޮކްގައި އެފަދަ މައްސަލަ އުޅެނީ ހަ ޕަސެންޓުގަ އެވެ.

ޕްލޭން އިންޓަނޭޝަނަލްގެ ދިރާސާއިން ދައްކާ ގޮތުގައި ފުރައްސާރައިގެ މައްސަލަތައް ރިޕޯޓުކުރުމަށް އެކުލަވާލާފައިވާ ޓޫލްތައް އެކަށީގެންވާ ފެންވަރުގައި ފަރުމާކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެންމެ އެކަށީގެންވާ ގޮތުގައި އެފަދަ މައްސަލަތައް ހުށަހަޅަން ދަތިވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

comment ކޮމެންޓް