ސުޝާންތު މަރުވުމުގެ ގަޑިއިރުތަކެއް ކުރިން ރިއާ އާ ބައްދަލުވި

ޖޫން 13 ވަނަ ދުވަހު ސުޝާންތު އާ ރިއާ އާ ބައްދަލުވިކަމަށް ތިން މީހަކު ބުނެފި---

ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް މަރުވުމުގެ ގަޑިއިރުތަކެއް ކުރިން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީއާ ބައްދަލުވިކަމަށް ތިން މީހަކު ބުނެފި އެވެ.

މީގެ ކުރިން މީޑިއާތަކަށް ދިން ހުރިހާ އިންޓަވިއުއެއްގައި ރިއާ ބުނީ އޭނާ އަށް އެންމެ ފަހުން ސުޝާންތު ފެނުނީ ޖޫން މަހުގެ އަށް ވަނަ ދުވަހު ކަމަށެވެ. އެ ދުވަހަކީ ސުޝާންތުގެ ގެއިން ރިއާ ނުކުމެގެން ދިޔަ ދުވަހެވެ. މީގެ ފަސް ދުވަސް ކުރިން އިންޑިއާގެ ސިޔާސީ ޕާޓީ ބީޖޭޕީގެ މެންބަރެއް ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ 13 ވަނަ ދުވަހުގެ ރޭ ރިއާ ގެއަށް ލާދޭން ސުޝާންތު ދިޔަތަން މީހަކަށް ފެނުނު ކަމަށެވެ. އަދި އެ މީހާ އޭނާ ގާތު އެވާހަކަ ބުނިކަމަށެވެ. އެއީ އެ ރޭ މެންދަމު 2:00 ގެ ފަހުން ކަމަށެވެ. އޭގެ ފަހުން ކަރްނީ ސޭނާގެ މެންބަރު ސުރިޖީތު ސިންހް ރާތޯރު ވެސް ވަނީ ބީޖޭޕީގެ މެންބަރާ އެއްބައިވެ ވާހަކަ ދައްކާފަ އެވެ.

އޭގެ ފަހުން އިއްޔެ ރިއާގެ އަވަށްޓެރިއަކު ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ 13 ވަނަ ދުވަހުގެ ރޭ ސުޝާންތާ އެކު ރިއާ ގެއަށް އައި ކަމަށެވެ. ރިއާއާ ސުޝާންތު އައި ކާރުގައި ޑްރައިވަރެއް ނެތް ކަމަށާއި ކާރު ދުއްވަން އިނީ ސުޝާންތު ކަމަށެވެ. އަދި އެވާހަކަ ސުޝާންތުގެ މަރު ތަހުގީގު ކުރަމުން އަންނަ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް ބުންޏެވެ، އެ ތިން މީހުންގެ ތުހުމަތާ އެކު މީގެ ކުރިން ރިއާ ހެދީ ދޮގުކަން މިހާރު މިވަނީ ފަޅާއަރާފަ އެވެ.

ބަޔަކު ވެގެން ސުޝާންތު މަރާލީ ކަމަށް ގިނަ ބަޔަކު ބުނިިއިރު ދާދިފަހުން އޭނާގެ ޕޯސްޓްމޮޓާމް ރިޕޯޓް ދިރާސާކުރުމަށްފަހު އެއިމްސްގެ ޑޮކްޓަރެއް ވަނީ ސުޝާންތު އަމިއްލައަށް މަރުވީކަމަށް ބުނެފަ އެވެ. ޑރ. ސުދީރް ގުޕްތާ އާ ހަވާލާދީ ގިނަ މީޑިއާތަކުން އެ ވާހަކަ ރިޕޯޓްކުރިއިރު އެއިމްސް އިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ރަސްމީ އެއްވެސް ސިފައެއްގައި ސުޝާންތު އަމިއްލައަށް މަރުވީކަމަށް އެއިމްސް އިން ބުނެފައިނުވާއިރު ސުދީރު އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދެއްކުމުން މައްސަލަ ވަރަށް ގޯސްވި އެވެ. އޭގެ ފަހުން ބޭރުގެ ޗެނަލަކުން ވަނީ ސުދީރުގެ އޯޑިއޯ އެއް ވެސް ލީކުކޮށްލާފަ އެވެ. އެ އޯޑިއޯގައި ސުދީރު ބުނީ ސުޝާންތުގެ މަރަކީ އާދައިގެ މަރެއް ނޫން ކަމަށާއި ބަޔަކުވެގެން އޭނާ މަރާލީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެ އޯޑިއޯ އަކީ އޯގަސްޓް މަހުގެ އޯޑިއޯއެކެވެ. މަހެއްހާ ދުވަސްތެރޭ މި ކޭހާ ދޭތެރޭ ދެކޭ ގޮތް ކުއްލިގޮތަކަށް ބަދަލުކުރުމުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

އެއިމްސްގެ އިސް ޑޮކްޓަރު، ސުދީރު ސުޝާންތު އަމިއްލައަށް މަރުވީކަމަށް ދާދިފަހުން ބުނި އިރު ސީބީއައި އިން ނެރުނު ބަޔާނުގައި ބުނީ ސުޝާންތުގެ ކޭސް އަދި ވަކި ގޮތަކަށް ނުނިންމާކަމަށެވެ. ހުރިހާ ކޮޅަކުން ވެސް ބަލަމުން ގެންދާ ކަމަށެވެ.

comment ކޮމެންޓް