އެއްބަސްވީ 20 އަހަރަށް، އަދީބަށް ހުކުމް ކުރުން މިއަދު 6 ޖަހާއިރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ---- ސަން ފޮޓޯ: އަހުމަދު އާޒިފް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާގެ ހުކުމް މިއަދުު ހަވީރު 6:00ގައި އިއްވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދީބުގެ މައްޗަށް އިއްވި ހަތް ދައުުވާއަށް އޭނާ ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ.

އެ ދުވަހު ގާޒީ ހަސަން ސައީދު އަވަސް ނިޔާއިން މައްސަލަ ނުނިންމެވީ، އަދީބާއި ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އަދީބަށް ލިބޭ ޖުމްލަ 20 އަހަރުގެ ޖަލު ހުކުމް އެއަށް ވުރެ ކުޑަ ކުރެވޭތޯ ދައުލަތާއެކު މަޝްވަރާ ކުރަން އިތުރު ވަގުތަށް އަދީބުގެ ފަރާތުން އެދުމުންނެވެ.

ނަމަވެސް، އަދީބަށް އިތުރު ލުޔެއް ދިނުމަށް އެއްބަހެއް ނުވެވުނެވެ. ދައުލަތާއެކު އަދީބު ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން، އޭނާއަށް އަންނާނީ ކުރިންވެސް އެއްބަސްވި ގޮތަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އޭނާ ދެ މިލިއަން ރުފިޔާއިން ޖޫރިމާނާ ކުރާނެ އެވެ.

ދައުވާތަކާއި އަދަބުތައް:

  • ހިޔާނާތްތެރިވުމުގައި ބައިވެރިވުން: 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް
  • ހިޔާނާތްތެރިވުމުގައި ބައިވެރިވުން: 2 އަހަރާއި 4 މަހާއި 26 ދުވަސް
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން: 6 މަސް ދުވަސް
  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުން: 1 މަހާއި 15 ދުވަސް
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުުން: 3 މަސް ދުވަސް
  • މަނީ ލޯންޑަރިން: 5 އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށް ލުމާއެކު 1000000 ރުފިޔާއިން ޖޫރިމާނާ
  • މަނީ ލޯންޑަރިން: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމާއެކު 1000000 ރުފިޔާއިން ޖޫރިމާނާ

މިއަދުގެ އަޑުއެހުމުގައި އެއްބަސްވުމުގެ ދަށުން އަންނާނެ އަދަބުތައް ދައުލަތުން ކިޔައިދީ ނިމުމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، ހުކުމް ކުރުމުގެ އަޑުއެހުން ބާއްވާނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް، އެކަމާ ދައުލަތުން ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ، ގާނޫނުގައިވާ ގޮތުން ހުކުމް ކުރުންވެސް ބާއްވަން ޖެހޭނީ މިއަދު ކަމަށެވެ.

ދައުލަތުން އެކަމާ ދެކޮޅު ހެދުމުން ގާޒީ އަޑުއެހުން މެދުކަނޑާލެއްވި އެވެ. އަދި ވިއްސަކަށް މިނެޓު ފަހުން އަޑުއެހުން ފައްޓަވައި ގާޒީ ވިދާޅުވީ، މިއަދު ހަވީރު 6:00ގައި ހުކުމް ކުރަން ނިންމަވާފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އަދީބަށް އެންމެ ފުރަތަމަ 30އަށް ވުރެ ގިނަ ދައުވާ ކުރި އެވެ. ނަމަވެސް، ފަހުން އެ ދައުވާތައް އަނބުރާ ގެންދިޔައީ އެވެ.

ކުރިން ދައުވާ ކުރީ ބޮޑު ހިޔާނާތުގެ ވަކިވަކި މުއާމާލާތްތަކާއި ވަކި ކުށުގެ އަމަލުތަކަށެވެ. ނަމަވެސް ފަހުން ދައުވާތައް އެކުލަވާލީ ގިނަ އަދަދެއްގެ މުއާމަލާތްތައްކާއި ކުށުގެ އަމަލުތައް ހަތް ދައުވާއަށް އެއްކޮށްލައިގެންނެވެ.

ދައުލަތާއެކު ހެދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން އަދީބު ގެންދަވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި އެހެން މީހުންގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް ދެމުންނެވެ.

comment ކޮމެންޓް