ނަޕޯލީ ދަނޑަށް ހާޒިރު ނުވުމުން ޔުވެންޓަސް މެޗު ކުރިއަށް ނުގެންދެވުނު

ޔުވެންޓަސްގެ ހޯމް ސްޓޭޑިއަމް: ރޭގެ މެޗު ކުޅުމަށް ނަޕޯލީ ދަނޑަށް ހާޒިރު ނުވޭ --- ފޮޓޯ//ލައިވްސްކޯ

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ނަޕޯލީގެ ޓީމު ހާޒިރު ނުވުމުން އެ މެޗު ކުރިއަށް ގެންދެވޭ ގޮތް ނުވެ ގޮތެއް ނިންމުމަށްޓަކައި އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން މަސައްކަތް ފަށައިފި އެވެ.

ގެނާރޯ ގަޓޫސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ނަޕޯލީގެ ދެ ކުޅުންތެރިއަކާއި ކުލަބުގެ ސްޓާފް މެމްބަރެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެކުލަބުން ވަނީ މީގެ ދެ ދުވަސް ކުރިން ހާމަކޮށްފަ އެވެ. އެއާ އެކު ޔުވެންޓަސްއާ ދެކޮޅަށް މެޗު ކުޅެން އިޓަލީގެ ޓިއުރިންއަށް އެ ޓީމު ދަތުރު ކުރުމަށް ސިއްހީ އިދާރާތަކުން ހުއްދަ ދީފައި ނުވުމުން ރޭގެ މެޗަށް ނަޕޯލީގެ ކުޅުންތެރިން ހާޒިރުވެފައެއް ނުވެ އެވެ.

އެހެން ނަމަވެސް މެޗު ކުޅެން ހަމަޖެހިފައި އޮތް ވަގުތަށް ވުރެން ތިން ގަޑިއިރެއްހާ ކުރިން އިޓާލިއަން ލީގުގެ އިންތިޒާމީ ކޮމިޓީން ނަޕޯލީ ދަނޑަށް ހާޒިރުނުވާނެ ކަމަށް ބުނާ މައްސަލަ ވަނީ ބަލައިނުގަންނަ ކަމަށް ނިންމާފަ އެވެ. އެހެން ކަމުން އެ މެޗުގައި ޔުވެންޓަސްއަށް ތިން ޕޮއިންޓް ދިނުމަށްފަހު މެޗުގެ ނަތީޖާއަށް ގޮތެއް ނިންމުމަށް އިޓާލިއަން ލީގުގެ ކަމާ ބެހޭ ކޮމިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

ކޮވިޑުގެ ބަހަނާއާ އެކު ނަޕޯލީން ދަނޑަށް ހާޒިރު ނުވި އިރު، އިޓާލިއަން ލީގުން ބުނީ ނަޕޯލީގައި އެއްވެސް އައިސޮލޭޝަނެއް ވާން ނުޖެހި ފިޓްކޮށް 13 ކުޅުންތެރިއަކު ތިބި ކަމަށާއި، އަދި ޓީމުގެ ކޯޗު ގަޓޫސޯ ވެސް ސަލާމަތުން ހުރުމުން ބެލެވެނީ ގަސްތުގައި ދަނޑަށް ނައީ ކަމަށެވެ.

އަނެއް ކޮޅުން ޔުވެންޓަސްގެ ދެ ސްޓާފް މެމްބަރަކު ވެސް އިއްޔެ ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ޓީމުގެ ހުރިހާ ކުޅުންތެރިން އިއްޔެ ވަނީ އައިސޮލޭޓްވާން އަންގައިފަ އެވެ. އެކަމަކު ފަހުން މެޗަށް ހާޒިރުވާނެ ކަމަށް ބުނެ ޔުވެންޓަސްއިން ބަޔާން ނެރުނު އިރު، އެ ޓީމުގެ ކޯޗު އަންދުރޭ ޕިރްލޯ ވަނީ މެޗުގައި ޔުވެންޓަސް ކުޅޭނެ އެގާރަ ކުޅުންތެރިންގެ ސްކޮޑުވެސް އިއުލާން ކޮށްފަ އެވެ.

އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަންދުރޭ ޕިރްލޯގެ އިރުޝާދާ އެކު ޔުވެންޓަސްއިން އައު ސީޒަނަކާ ކުރިމަތިލި އިރު، މިހާތަނަށް ކުޅުނު މެޗުތަކުގައި އެ ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

ދުނިޔޭގައި ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވި އެއްގައުމު ކަމަށްވާ އިޓަލީން އެ ބަލި ކޮންޓްރޯލް ކުރުމަށްފަހު އަޅާފައިވާ ފިޔަވަޅުތަކަށް މިދޭތެރެއިން ވަނީ ލުއިތަކެއް ދީފަ އެވެ. އެއާ އެކު އަނެއްކާވެސް މިހާރު ވައިރަސް އެގައުމުގައި ފެތުރޭ މިންވަރު ވަނީ މައްޗަށް ދާން ފަށައިފަ އެވެ.

comment ކޮމެންޓް