މާތްﷲ ގުރުއާނުގެ ފަތުހު ސޫރަތުގެ ހަތަރުވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. (هُوَ ٱلَّذِيٓ أَنزَلَ ٱلسَّكِينَةَ فِي قُلُوبِ ٱلۡمُؤۡمِنِينَ لِيَزۡدَادُوٓاْ إِيمَٰنٗا مَّعَ إِيمَٰنِهِمۡۗ وَلِلَّهِ جُنُودُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَكَانَ ٱللَّهُ عَلِيمًا حَكِيمٗا ) މާނައީ އެކަލާނގެއީ، مؤمن ންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ إيمان ކަމުގެ މައްޗަށް، އެއުރެންނަށް إيمان ކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި، ބިމުގެ لشكر މިލްކުވެގެންވަނީ، اللَّه އަށެވެ. މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.

***

"އިޒްންޓް ޝީ އެ ޑޯލް؟ ޕްރައިމޯޑިއަލް ޑްވާފިޒަމް ކުއްޖަކަށްވީމަ ލޫކާހެން އިސްކޮޅުން ދިގުނުވެ ކުޑަ ތަމްބްލީނާއެއް ގޮތަށް ހުރީ. އަދި އެހާ ލުއި. ސީމްސް ޝީ ލައިކްސް ޔޫ ދޮންބެ. އުރާލަބަލަ. ކެމީލާވެސް މި ކުދިން ފެނިއްޖެއްޔާ މޮޔަވާނެ ހަމަ........" ޒައިރާ ކުއްލިއަކަށް އަނެއް އަތަށް ލިލީ ލާ ދީފިއެވެ. ކިޔާންގެ ހިތް އަވަސްވިއެވެ. މިއީ ހަމަ އޭނަގެ ލޭހެއްޔެވެ؟ އަޖައިބުވަނީ ވިޔަސް ނުވިޔަސް އެކުއްޖާއާއިމެދު އަޖައިބެއްފަދަ ލޯތްބެއް އުފެދިއްޖެކަމެވެ. ވެދާނެއެވެ. އޭނަ ކުޑަކުދިންދެކެ ލޯބިވާވަރުންނެވެ. ޚާއްސަ ކުއްޖަކަށް ވީމައެވެ. ބަލި ކުއްޖަކަށްވީމައެވެ. ލޫކާ ގޮސް މާމަގެ ކައިރިއަށް ގޮސް ކިއްލިކޮޅެއް ހޯދަން މަސައްކަތް ކުރަން ފެށުމުން މާމަ ކިއްލިކޮޅެއް އަނގަޔަށް ލާ ދިނެވެ. ލޫކާގެ ތުންފަތްކޮޅު ކުރިއަށްވުރެ ރަތްވިއެވެ. މާމަގެ ހަށިގަނޑަށް ލެނގިލައިގެން އިނީ އަދިވެސް އެތިކޮޅެއް ލިބޭނެކަމުގެ އުއްމީދުގައެވެ. ކުއްލިއަކަށް ދޮރުމައްޗަށް މީހަކު އެރިހެން ހީވެފައި އެންމެނަށް ބަލައިލެވުނީ ދޮރާއި ދިމާލަށެވެ.

ދޮރުމަތީގައި ހުރީ އެލީނާއެވެ.

"އައްސަލާމް އަލައިކުމް..." އެލީނާ ސަލާމް ގޮވައިލިއެވެ.

ކިޔާންއާއި މާމަ ޖަވާބުދިނެވެ.

"ލޫކާ. މަންމަ ނުދުފާށޭ ނުބުނަންތަ؟ މަނާކަމެއްނު......"އެލީނާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.

"ސޮރީ މަންމި.."

"ލޫކް ކުޑަކޮށް ރަހަ ބަލައިލީ."

ކިޔާން އަވަހަށް ލިލީ ބިންމަތީ ބެހެއްޓިއެވެ. އެކަމަކު އޭގެ ކުރިން އެލީނާއަށް ކިޔާން ލިލީއަށް ބަލަން ހުރި ކުލުނާއި ލޯބިން ފުރިފައިވާ ނަޒަރު ކިތަންމެ ރަގަޅަށް ފާހަގަކުރެވި ހިތަށް ތަފާތު އިހުސާސެއް ކުރުވައިލިއެވެ. ކިޔާންގެ ހިތުގައި އޭނައަށްޓަކާ އަދިވެސް އިހުސާސްތަކެއް ވަނީހެއްޔެވެ؟އެލީނާ ރުޅިނައިސް އެހާ މަޑުމައިތިރިކަމާއެކު ވާހަކަދެއްކުމުން ޒައިރާއަށް ހައިރާންކަމެއް ލިބި އެސްފިޔަތައް ތަޅުވައިލެވުނެވެ. އެލީނާގެ ސިފަ ޖެހިގެން އައި ހަންޑިއެއް ނޫންކަމެއްވެސް ނޭގެއެވެ. އޭނަ ހީކުރީ އައިގޮތަށް މޫނަށް އެތިފަހަރެއް ވީއްލަން މަސައްކަތް ކުރާނެކަމުގައެވެ. ނަމަވެސް އެލީނާ ބުއްދިވެރީއެވެ. ޒައިރާގެ ގޭގައި ކުރިމަތިލުމެއް ހިނގައިގެން މޮޅު ނުވާނެކަން ދެނެގަތީ ކަމަށް އޭނަ ނިންމިއެވެ. ޒައިރާ ލާނެތް ހިންޏެއް އައިސްފަ ބަލަން ހުއްޓެވެ.

"މަންމި މިއައީ ލޫކާމެން ބަލާ. ހިނގާ ދަމާ..." އެލީނާ ކިޔާން އަތުން ލިލީ ނެގިއިރު އެހެން މީހުންނަށް ނުފެންނަހެން ލޯ އަޅައިލިއެވެ. ލިލީ އުރާލުމުގެ ހައްގެއް ނޯންނާނެއޭ ބުނާފަދަ ރުޅިވެރި ނަޒަރަކެވެ.

***

ޖުއާންގެ އެކުވެރިން ރޭވި ޕާޓީއެއްގައި ކެމީލާ ބައިވެރިވީ ޖުއާން ވަރަށް ކިޔައިގެންނެވެ. ސޯފިއާ ޖުއާންއަށް ކޮއްކޮ ރަގަޅަށް ބަލަން އެންގިއެވެ. ޖުއާން ބުނީ ކޮއްކޮއަކަށް ވީ ދުވަހުން ފެށިގެން ފުރިހަމަ ޒިންމާ ނަގަން ތައްޔާރަށް ހުރި ކަމުގައެވެ. އައުސަމްގެ އަހަރީ ދުވަސް ފާހަގަކުރަން ސަޕްރައިޒް ޕާޓީއެއް ދޭން ރޭވިކަން އެގުނީވެސް ތާނީގެ ގެއަށް ދިޔަ ފަހުންނެވެ. ޓެރެސް ޒީނަތްތެރިކުރުމުގައި އަވަދިނެތި އެންމެން އުޅުނުއިރު ފިރިހެން ކުދިންތައް މިއުޒިކް ސާމާނު ގެނެސް އަތުރާލައިފިއެވެ. ތާނީ އެހެން ދުވަހާއި ޚިލާފަށް ކެމީލާއަށް ޖެއްސުން ކުރުމުގެ ބަދަލުގައި ވިޝާ ގާތު އިށީދެލައިގެން އިނެވެ.

"މިއުޒިކް ހަރާމްތަ؟ " ތާނީ އަހާލައިފިއެވެ.

"ޔަގީން......" ވިޝާ ބުނެލިއެވެ.

"ހަރާމް ކަމެއްކުރާ ބަޔަކާއި އެކު އުޅެން ވިޝާ ފަދަ ދީނީ ކުއްޖަކު ކަންބޮޑު ނުވޭތަ؟ " ތާނީ ސުވާލުކުރިއެވެ. ކެމީލާ އިނީ ފޯނުން ކޮންމެވެސް އެއްޗެއް ބަލާށެވެ.

"ކުރީ ފަހަރުވެސް އަހަރެން ނަމާދުކުރީމަ ކެމީލާވެސް އިންސްޕަޔާވިއެއްނު. ބުރުގާވެސް އަޅަންފެށީނު. މިހާރު ޔަގީން ކެމީލާ އަބާޔާވެސް ލާހިތްވާނެ. އެކުވެރި ކުދިން ގޯސް ކަންތައް ކުރީމަ މަގުދައްކާނެ ބަޔަކު ތިބެން ޖެހޭނެ ތާ....... " ވިޝާ ޗިޕްސްދަޅު ކަނޑާލުމަށްފަހު ތާނީއަށް ދޭން އުޅުމުން އިންކާރުކުރިއެވެ. އޭނަ ކަނޑައިލީ ސުޕާރީއެކެވެ.

"ކެމީލާ. އަން...." ވިޝާ ދަޅު ދިއްކޮށްލުމުން ކެމީލާ ކާންފެށިއިރު ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެވެ. އަބަދުވެސް ނުފިލާފަދަ ރީތި ހިނިތުންވުމެކެވެ. އަވީގައި އުޅުމުގެ ސަބަބުން ހަން އަނދާފައިވާއިރު ވިދައެވެ.

"ކެމީލާ ލިޕްބާމު ކޮޅެއްލައި ބަލަ." ވިޝާ ދަބަސް ހުޅުވާލާފައި މޭބެލިން ލިޕްބާމު ފުޅި އެއް ދިއްކޮށްލިއެވެ.

"ކެމީލާ. މިއުޒިކް ހަރާމްކަން އެނގޭ ދަލީލެއް ބުނެބަލަ..." ތާނީ މިހާރު އޮޅުން ފިލުވާ ހިތްވަނީ ދީނީ ކަންތައްތަކެވެ. އޭނަ ކެމީލާއާއި ވައިބާއިން ވާހަކަ ދައްކައެވެ. ކެމީލާ ދޭތެރެއަކުން ދީނީ މެސެޖެއް ނޫނީ އެއްޗެއް ފޮނުވާނެއެވެ. ލެކްޗާތައް ބަލަން ޝައުގުވެރިވެއްޖެއެވެ.

"ލެކްޗާއެއް ފޮނުވަދޭނަން. " ކެމީލާ ފޯނު ހުޅުވާލައިފިއެވެ.

"ތާނީ ޔޫ ޝުޑް ހޭވް އާސްކްޑް މީ." ވިޝާ ހީލާފައި ބުނެލިއެވެ. " މީގައި ހުންނާނެ ކިތަންމެ ލެކްޗާސްތަކެއް.. އެކަމަކު ބައްޕަގެ ދަރުސް ބަލައިފިއްޔާ ތާނީ ތި މިއުޒިކް ސާމާނު ގެންގޮސް ހުޅުޖަހާނެ. އެބަ ފޮނުވަން އިނގޭ.......ބައިދަ ވޭ ތާނީ ކޮންއިރަކު ކެމީލާއާއި ތިހާ ފްރެންޑްވީ؟ "

"ދެމީހުން ރޫމްމޭޓުންނަށް ތިބެ ތިބެ " ތާނީ ލޯގަނޑުން އޭނަގެ މޫނަށް ބަލައިލިއެވެ. " މި ކުލައިގެ ވިގް އަހަންނާ ގުޅޭތަ؟ ނޫނީ ބުރުގާ އަޅަންވީތަ؟ "

ކެމީލާއަށް ވިޝާ އިންދާ އެއްޗެކޭ ބުނަން ފަސްޖެހުނެވެ. އޭނައަށް ވުރެ ވިޝާ ދީނީ ކަންތައްތަކަށް މޮޅުވާނެކަމަށް ގަބޫލުކުރެވުނީއެވެ. ވިޝާއަކީ ޝޭޚު އަމީރުގެ ދަރިފުޅެވެ. އެއީ މުފްތީއެކެވެ. ވީއިރު އޭނަފަދަ ދީނީ ކަންތައްތައް އުނގެނެމުންދާ ކުއްޖަކާއި ބަލާއިރު ވިޝާއަށް ދަސްވެ އެނގިފައި ހުރި ތައުލީމް ގިނަވެދާނެއެވެ.

އެކުދިން ގިނައިން ދެއްކީ ދީނީ ވާހަކަތަކެވެ. އޭރު އެހެން ކުދިން ނެށުމާއި ސަކަރާތްޖެހުމާއި މިއުޒިކް ކުޅުމުގައި މަޝްޣޫލުވެގެން އުޅުނެވެ. ރޭގަނޑު ކެއުމަށްފަހު އެންމެން ނަށާ ވައްތަރު ޖައްސާ މަސްތުވެގެން ކަހަލަ ގޮތަކަށް އުޅޭތަން ފެނި ކެމީލާ ބިރުގަންނަގޮތް ވެއްޖެއެވެ. އޭރު ވިޝާމެން އަދި ކާކަށް ނުފަށައެވެ. ޖޫހަށް ޕާޓީ ޑްރަގް އެޅީކަމުގައި ވިޝާ ޝައްކުކުރިއެވެ. ކުއްޖެއްގެ ފުރާނައަށް ނުރައްކާވުމަކީ އެކަށީގެންވާކަމެއް ކަމުގައި އޭނަ ބުނެލީ ބިރުގެންފައިވާ ގޮތަކަށެވެ. ޖުއާން ހޮޑުލާތަން ފެނުމުން ކެމީލާއަށް ވަގުތުން ގުޅައިލެވުނީ ފުލުހުންނަށެވެ.

މާގިނައިރުތަކެއް ނުވެ ފުލުހުން އެގެއަށް ވަދެ ހުރިހާ ކުދިން ހައްޔަރުކޮށްގެން ގެންދިޔައެވެ. ނޫސްތަކުގެ ހޫނު ސުރުޚީއަށް އެވާހަކަ އެރިއެވެ. ކެމީލާ ވިޝާ އަދި ތާނީ ދޫކޮށްލިޔަސް އެހެން ކުދިން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ނޫސްތަކަށް ޖުއާންގެ ނަން އެރިއެވެ. ރައީސްގެ ދަރިފުޅުވެސް ޕާޓީ ކުރަން ހުއްޓާ ހައްޔަރުކުރުން ވެގެން ދިޔައީ ތައިމޫރާއި ސޯފިއާގެ މޫނުގައި ޖެހި ތަފާލަކަށެވެ. ރައީސް ސީދާ ފުލުހުންގެ މަރުކަޒަށް ވަޑައިގެން ވާހަކަދެއްކެވިއެވެ. އެކުދިންނަށް ކޮންމެވެސް ބަޔަކު ދިން ލަނޑެއްކަމުގައި ނިންމިއެވެ. ސަބަބަކީ އެތާގައި ގިނައީ މާތް މުއްސަދިންގެ ދަރިންނެވެ. އެކުދިންގެ މައުސޫމް ޕާޓީއަކަށް ޖޫސްގެންދިޔައިރު ކޮންމެވެސް ބަޔަކު ޕާޓީ ޑްރަގްއެޅީއެވެ.

ކެމީލާ ގެއަށް ވަންގޮތަށް ފެންވަރާލައިގެން ސިޓިން ރޫމަށް ނުކުތްއިރު ދިމާވީ އާތިކާއާއެވެ.

"ކެމީލާ ކިހާ ލަދުކުޑަ ކަމެއްކޮށްފައި ހަމަޖެހިގެން ތިހިރީ؟ " އާތިކާގެ މޫނުމަތިން ނަފްރަތުގެ ކުލަ ފެނުނެވެ.

"އަޅުގަނޑު..ކޮން ކަމެއް.." ކެމީލާއަކަށް ނޭގުނެވެ.

"ޖުއާންމެން މަސްތުވާ އެއްޗެހި ބޭނުންކުރަނީއޭ ކިޔާފައި ފުލުހުންނަށް ރިޕޯޓްކުރުން. މުޅި ނޫސްތަކުގައި އެއޮތީ އެ ވާހަކަ. އެ ފޮޓޯތައް ހުރީ............." އާތިކާ ހަށަން ބަދެލައިގެން ހުއްޓި ބަލައިލި ނަޒަރުން ކެމީލާ ހާސްވެ އަތުން ދާ ހިއްލާލައިފިއެވެ.

"ޖުއާން ހޮޑުލާން ފެށީ. ވިޝާމެން ޝައްކުކުރީ ޕާޓީ ޑްރަގް އަޅައިގެން ކަމަށް އެހެންވެ ބިރުން...ޖުއާންއަށް ގެއްލުމެއް ވެދާނެތީ..." ކެމީލާ ބުނީ ހަގީގަތަށެވެ.

"ފުލުހަށް ގުޅީމަ ވާނެގޮތް ނޭގެން ތީ ކިރުބޯ ޅަ ކުއްޖެއްނޫން. އިންޓެންޝަނަލީ ހަމަ ލަނޑެއް ދޭންވެގެން ކުރިކަމެއް. ބަލިވީމަ ތިހާ ހާސްވިނަމަ ގުޅާނީ އެމްްބިއުލެންސަށް. ފުލުހުންނަކަށް ނޫން. ނޫނީ އޭނަގެ ބޭބެމެންނަށް. ބައްޕައަށް. ޑޮކްޓަރުން މިގޭ ތެރޭ އެބަތިބި. އެހެނެއްނޫން. ގަސްތުގައި..." އާތިކާގެ ޖުމްލައިން ކެމީލާއަށް އިސްޖެހިއްޖެއެވެ.

"އަޅުގަނޑު އެހެން ހެދީ ރަގަޅަކަށް...."

"އެހެންވެއެއްނު މުޅި ގައުމަށް ބަދުނާމު އެވީ. ސޯފިއާމެންގެ އިހުސާންތެރިކަމުގެ ބަދަލު ދޭން އެނގުނުގޮތަކީ ތިއީތަ؟ " އާތިކާ ކެމީލާގެ ކޮލުގައި ހިފާ ފިތައިލިގޮތުން ތަދުވެ ލޯ ކަރުނައިން ފުރިއްޖެއެވެ.

އޭނަ ހާސްވެއްޖެއެވެ. ހަގީގަތުގައިވެސް އޭނައަށް އެކަން ކުރެވުނީ ކުރަންވާ ގޮތަކަށް ނޫންހެއްޔެވެ؟ ނަމަވެސް ދީނާއި ޚިލާފުކަމެއް ވެއްޖެއްޔާ ހުއްޓުވަންވެސް ޖެހޭނެއެވެ. އެކަން ކުރި ބަޔަކު ދެނެގަންނަން ޖެހޭނެއެވެ. މަންމަ އޭނައަށް މާފުކުރާނެއެވެ. އޭނަގެ ނިޔަތަކީ ޖުއާންއަށް ދެރަގޮތެއް ނުވުމެވެ. ކުއްލިއަކަށް ބަޔެއްގެ ފިޔަވަޅުގެ އަޑު އިވުމުން ކެމީލާއަށް ބަލައިލެވިއްޖެއެވެ. ތައިމޫރު ވަންނަވާފާއި ބާރަށް ހިންގަވާފައިގޮސް ކޮރިޑޯއިން ގޮސް ކޮޓަރިއަކަށް ވެންނެވިއެވެ. ސޯފިއާއާއި ޖުއާން އެކީ ކަހަލަގޮތަކަށް ވަދެފައި ސޯފިއާވެސް ބަލަން ހުރީ ހިމޭންކަމުގެ ނަޒަރަކުންނެވެ. ނިކަން ސީރިޔަސްއެވެ.

"ޔޫ ވިލް ޕޭ ފޯ ދިސް ކެމީލާ...." ޖުއާން ގެ ހޭވިފައިވާ އިސްތަށިގަނޑާއި ރަތްވެފައިވާ ލޮލުން ހާމަކޮށްދިނީ ވަރަށް ރޮއިފަ ހުރިކަމެވެ.

"އެކަމަކު ފުލުހުންނަށް ގުޅީ އަސްލު ކުށްވެރިން ހޯދަން. އައި ނޯ އިޓް ވޯޒް ނޮޓް ޔޫ...އެހެންވެ........" ކެމީލާ އެއްޗެކޭ ބުނަން އުޅުނެވެ.

"އިނަފް..ޔޫ ކްރޮސްޑް ދަ ލައިން......" ޖުއާން އިނގިލި ދިއްކޮށްލިއެވެ.

"ކެމީލާ ކޮޓަރިއަށް ދޭ..." ސޯފިއާގެ އަޑުގައި ހަރުކަށިކަމެއްވިއެވެ.

ކެމީލާ އުއްމީދުކުރީ މަންމަގެ ފަރާތުން އޭނައަށް ތާއީދު އޮންނާނެކަމުގައެވެ. ނުބައިކަމެއް ހުއްޓުވަން ވަކި މީހެއްގެ މޫނަށް ބަލަން ޖެހޭނެކަމަކަށް އޭނައަކަށް ނުވިސްނުނެވެ. އުމުރު ހަގުކަމުން ކެމީލާގެ ތަޖުރިބާއެއް ނެތެވެ. ނަގައިލެވުނީ އާއިލާގެ މަސްލަހަތުކަމެއް ރޭކާ ނުލިއެވެ. ކެމީލާގެ މޫނު ހުދުވާގޮތްވިއެވެ. އޭނަ މަންމައަށް ހަގީގަތް އަންގަން ބޭނުންވިއެވެ. އެކުށްކުރީ ޖުއާންއެއް ނޫނެވެ. އެތަނުން ކޮންމެވެސް އެހެން ބަޔެކެވެ. ފުލުހުން ރަގަޅަށް ތަހުގީގުކޮށްފިއްޔާ ކުށްވެރިޔާ އަތުލައިގަނެވޭނެއެވެ. އޭނަ އެކަނިކޮށްލާފައި ސޯފިއާވެސް ދާން ހިނގައިގަތުމުން އާތިކާގެ ހަރުކަށި އަޑު އަނެއްކާ ކަންފަތުގައި ޖެހުނެވެ. ކެމީލާއަށް އިންޒާރު ދިނެވެ. ކިތަންމެ ލޯބިން ގެންގުޅުނަސް އުޅުމެއް އަޅުލާގެއް ނެތް އާއިލާއެއްގެ ތެރެއިން އަންނަ ކުދިންގެ ގައިގާވެސް އެ މިޒާޖާއި ނޭދެވޭ ސިފަތައް ހުންނާނެއެވެ. ސޯފިއާއަށް އެއްޗެއް ވިސްނޭނެކަމަށް އޭނަ އުއްމީދުކުރިއެވެ.

***

ޒައިރާ ހަމަ ހައިރާންވިއެވެ. އާއިޒާ ދުރުމީ އަޅައިގެން އެވަރުން ޝައުންއާއި ކުދިން އެގޭގެ ފަހަތު ފެންޑާގައި ކުޅެން ތިބި މަންޒަރު ދެކެން ހުންނަންވީ ކީއްވެހެއްޔެވެ؟ ޔަގީންވެ. ދުރުމީ އެޅީ ކުދިންނަކަށް ނޫނެވެ. ޝައުންއަށެވެ. އާއިޒާ ޝައުންދެކެ ލޯބިވާކަމާމެދު އޭނައަށް މިފަހުން ޝައްކުވެއެވެ. ޝައުންއަށް ސިއްރު ނަޒަރުތައް ހުއްޓޭ ގޮތާއި މޫނަށް ވެރިވާ ރަތްކުލަ އޭނަ ދެކެއެވެ. ޝައުން ފެންނައިރަށް އާއިޒާގެ މިޒާޖަށް ހިމޭންކަން ވެރިވެ ލަދުރަކި ކަން އޭނަ ވަށައިލައެވެ. ޝައުން ގެ ފަރާތުން ފެންނަނީ ފިނިކަމެވެ. ޒައިރާއަށް އެ ވާހަކަ އެލީނާ ގާތު ބުނެވުނީ އާއިޒާ އެހާ ބޮޑު ކުށެއް ކުރުމުން އެކަން ފޮރުވައިގެން ހުރުމުން ނުބައި ނަތީޖާއެއް ނެރެވިދާނެތީއެވެ.

"ޝައުންއާއި ހެދި އެހެން ގާލްސް އިން އުޅުނީމަ ޕިސެސް މީ އޮފް. ހީޒް މައިން. އައި ވިޝް އެލީނާއާއި ޝައުންވެސް މިކަމާއިހެދި މައްސަލަ ޖެހިގެން ވަރިވާނެ ނަމައޭ ހަހަ....." ޒައިރާ ކޮކޯ ތަށްޓެއް ހިފައިގެން ގޮސް ސޯފާގައި ހަމަޖެހިލިއެވެ. ބޮޑު ބިއްލޫރި ދޮރުތަކުން ވާރޭ ވެހޭ މަންޒަރު ފެނެއެވެ. މިގޮތަށް ޝައުންގެ ގެއެއްގައި އެމެރިކާ ތަނެއްގައި ސްނޯ ވެހޭތަން ބަލަން "ވިޝުއަލައިޒް" ކުރުމުން ސިކުނޑި ވަކިން ރިލެކްސްވެ ހިނިތުން ވެވިއްޖެއެވެ.

ކުއްލިއަކަށް ނޭފަތުގައި ޖެހުނީ ރަބަރު ކަހަލަ އެއްޗެއް އަނދާ ވަހެވެ.

ތަނެއްގައި ރޯވީ ބާވައެވެ. ލޫކާއާއި ލިލީ ކޮބާހެއްޔެވެ. ޒައިރާއަށް ފުންމައިގެން ތެދުވެ ދުއްވައިގަނެވިއްޖެއެވެ.

ނުނިމޭ

comment ކޮމެންޓް