ޕެވީލިއަން ހުސްކުރުން މަޑުޖައްސާލަން އެންގީ ރަނގަޅަށް: ހައިކޯޓު

ރަސްފަންނު ޕެވީލިއަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަސްފަންނުގައި ކެފޭތައް ހަދާފައި ހުރި ޕެވިލިއަން ހުސްކުރުން ފަސްކުރަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރަސްފަންނު ތަރައްގީ ކުރިއިރު މޫދުގައި އެޅި ޕެވީލިއަންގައި ނަން މަޝްހޫރު ރެސްޓޯރެންޓުތައް ހިންގި އެވެ. ޗިކިންސް، ގްލޯރިއާޖީންސް އަދި މޯޓީ މަހަލް ކިޔާ އިންޑިއާ ރެސްޓޯރަންޓެއް ވެސް ހިންގި ޕެވީލިއަންގައި ހިންގަމުންދިޔަ މި ހުރިހާ ރެސްޓޯރެންޓެއް މިދިޔަ ނޮވެމްބަރުން ފެށިގެން ހުންނަނީ ބަންދުކޮށްފަ އެވެ.

އެމްޑަބްލިއުއެސްސީ އާއި ސިބްކޯ ޕްރައިވެޓް ލިމިޓެޑާ ދެމެދު
11 އޮކްޓޯބަރު 2017ގައި ވެފައިވާ "ސަބްލީސް ފޯ ދަ އޮޕަރޭޝަން އެންޑް މެއިންޓެންނަންސް އޮފް ދަ ވެސްޓް ކޯސްޓް ބީޗް ޕެވީލިއަން" އެއްބަސްވުމާ އެއްގޮތަށް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްނުދިނުމުގެ ސަބަބުން، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، އެތަނުގައި ވިޔަފާރިކުރުމަށް ހުރަސްއެޅި ސިބްކޯއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބެމުންދަނިކޮށް، އެކަންކަމަށް ހައްލެއް ގެނެސްދިނުމެއް ނެތި، އެއްބަސްވުމާ ހިލާފަށް އެތަން ހުސްކުރުމުގެ ނޯޓިސް ދީފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެތަން ހުސްކުރުމަށް ނޯޓިސް ދީފައިވަނީ، ސިބްކޯ އިން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް މަސައްކަތްކުރަމުން ދަނިކޮށްކަމަށް ބުނެ، އެއްބަސްވުމާ އެއްގޮތަށް އެތަން ހިންގުމަށް ފުރުސަތުދީ، އެމްޑަބްލިއުއެސްސީން ފުރިހަމަކޮށްދޭންޖެހޭ އެންމެހާ ކަންކަން ފުރިހަމަކޮށް، އެއްބަސްވުމަކީ ދެމި އޮތް އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑަބްލިއުއެސްސީގެ މައްޗަށް ސިބްކޯ އިން ވަނީ ދައުވާކޮށްފަ އެވެ.

ދައުވާގެ މައުޟޫއުގައި ޝަރީއަތުން ގޮތެއް ނިންމުމުގެ ކުރިން، ދެފަރާތުގެ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރުމަށް ދީފައިވާ ނޯޓިސްގެ މުއްދަތު ހަމަވެ، އެއްބަސްވުން ބާތިލުވެއްޖެނަމަ، އެއްބަސްވުން ތަންފީޒުކުރުމަށް ދަތިތަކާ ކުރިމަތިވެދާނެތީ، އެނޯޓިސްއަށް އަމަލުކުރުން ފަސްކުރުމަށް އެމްޑަބްލިއުއެސްސީއަށް އަންގައިދިނުމަށް އެދި ސިބްކޯގެ ފަރާތުން ވަގުތީ އަމުރަކަށް އެދުނެވެ.

ސިވިލް ކޯޓުން ވަނީ އެ އަމުރު ނެރެދީފަ އެވެ. ސިވިލްކޯޓުގެ އަމުރުގައި ބުނެފައި ވަނީ ޝަރީއަތުން ހުކުމެއް ކުރަންދެން ނުވަތަ ޝަރީއަތުން ވަކިގޮތަކަށް އަންގަންދެން، އެއްބަސްވުމުގެ ދަށުން ސިބްކޯ އަށް ކުއްޔަށް ދޫކޮށްފައިވާ އިމާރާތް ހުސްކުރުމަށް ދީފައިވާ ނޯޓިސްއަށް އަމަލުކުރުން ފަސްކޮށްލުމަށް އެމްޑަބްލިއުއެސްސީއަށް އަންގައި އަމުރުކުރާ ކަމަށެވެ.

ނަމަވެސް އެ ވަގުތީ އަމުރު ނެރެފައިވާގޮތް ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށް ބުނެ އެމްޑަބްލިއުއެސްސީގެ ފަރާތުން ވަނީ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

މައްސަލައިގައި ހައިކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ ސިބްކޯ އަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ނުވަތަ ގާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ގާއިމު ވެފައިވާކަން އެނގެން އޮތް ކަމަށެވެ.

އިމާރާތް ހުސްކުރުމަށް ދީފައިވާ ނޯޓިސްއަށް އަމަލުކުރުން ފަސްކޮށްލުމަށް އެމްޑަބްލިއުއެސްސީ އަށް އަންގައި އަމުރުކޮށް ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެފައިވަނީ ވަގުތީ އަމުރެއް ނެރުމުގައި ޝަރީއަތުން ބަލަންޖެހޭ އެންމެހައި ކަންކަމާއި، ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކުން ފާހަގަކޮށްފައިވާ މަބްދައުތަކާއި ހިލާފަށް ކަމުގައި ބެލެވެން ނެތް ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަށް ބަދަލު ގެންނަންޖެހޭތަނެއް ނެތްކަމަށް ކަނޑައަޅައި ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.

އެތަން ތަރައްގީކުރީ ދުނިޔޭގެ ނަން މަޝްހޫރު ފްރެންޗައިޒް ރެސްޓޯރެންޓުތައް ހިންގުމަށް އަމާޒުކޮށްގެން ނަމަވެސް ކުރިން އިއުލާނުކުރި ގިނަ ބްރޭންޑުތައް ގެނެސްފައެއް ނުވެ އެވެ. އަދި މިހާރު އެތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

comment ކޮމެންޓް