ޓްރަމްޕްގެ ސިއްހީ ހާލުކޮޅު ވަނީ "ކަންބޮޑުވާ ހިސާބަށް" ގޮސްފައި: ނަން ހާމަކުރަންނޭދޭ މަސްއޫލުވެރިއެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް--- --- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޮކްޓޯބަރު 3) : ކޮވިޑް-19 ޖެހިގެން އެމެރިކާގެ އަސްކަރީ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިއްހީ ހާލުކޮޅު "ކަންބޮޑުވާ ހިސާބަށް" ގޮސްފައިވާ ކަމަށާ ކުރިޔަށް އޮތް 24 ގަޑިއިރަކީ ޓްރަމްޕްގެ ސިއްހަތަށް ސީރިޔަސް މައްސަލަތަކެއް ކުރިމަތިވެދާނެކަމުގެ ބިރުއޮތް ވަގުތުތަކެއް ކަމަށް ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕަށް ވަނީ ނޭވާލުން ދަތިވާ މައްސަލަ ކުރިމަތިވެފައި

ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ "އެސޯސިއޭޓެޑް ޕްރެސް" ބުނާ ގޮތުން ޓްރަމްޕަށް ވަނީ ނޭވާލުން ދަތިވާ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އެމެރިކާގެ އަސްކަރީ ހޮސްޕިޓަލެއްކަމަށްވާ "ވޯލްޓާރީޑް ނެޝަނަލް މިލިޓްރީ މެޑިކަލް ސެންޓަރު" އަށް ޓްރަމްޕް ގެންގޮސް އެނދުމަތިކޮށް ފަރުވާދޭން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން ނޭވާލާން ޓްރަމްޕަށް ދަތިވުމުން ކަމަށާއި ޓްރަމްޕްގެ ހުންވެސް ވަރަށް ގަދަ ކަމަށް ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.

ވައިޓް ހައުސްއިން ވެސް ވަނީ އަސްކަރީ ހޮސްޕިޓަލަށް ޓްރަމްޕް ގެންދިޔުމުގެ ކުރިން އޭނާ އަށް އޮކްސިޖަންގެ ފަރުވާދިން ކަމަށް ފަހުން އެއްބަސްވެފަ އެވެ. ވައިޓް ހައުސް އިން މިކަމަށް އެއްބަސްވީ ޓްރަމްޕްގެ ސިއްހީ ހާލަތާ މެދު ފުށުއަރާ ގޮތަށް ވައިޓް ހައުސްގެ ފިޒިޝަން ޑރ. ޝޯން ކޮންލޭ އެމެރިކާގެ ބައެއް މަސްއޫލުވެރިން ބަޔާންތައް ދެއްވަމުން ގެންދާތީ އެކަމާ މެދު އެމެރިކާގެ މީޑިއާ އިން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ކޮވިޑްގެ އިލްމީ ހަގީގަތްތަކަށް ޓްރަމްޕް މަލާމާތް ކުރެއްވި

ޓްރަމްޕަކީ ކޮވިޑް-19ގެ ކޭސްތައް އެމެރިކާ އިން ފުރަތަމަ ފެނުމާ އެކު، އެއީ އެ ގައުމަށް އޮތް ނުރައްކަލެއް ނޫން ކަމަށް ވިދާޅުވެ ކޮވިޑްގެ އިލްމީ ހަގީގަތްތައް އެމެރިކާގެ ރައްޔިތުންނަށް އޮޅުވާލައި އެކަން ގަބޫލުކުރުމަށް ދެކޮޅު ހައްދެވި ބޭފުޅެކެވެ. އަދި މާސްކް އެޅުން ފަދަ ކޮވިޑްއާ ދެކޮޅަށް ސިއްހީ ގޮތުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެސް ޓްރަމްޕް ވަނީ ޖޯކު ޖައްސަވައި އެފިޔަވަޅުތަކަށް ތަބާވުމަށް ދެކޮޅު ހައްދަވައިފަ އެވެ.

މީގެ އިތުރުން އެމެރިކާގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ޓަކައި އެޅި ފުރަބަންދުގެ ފިޔަވަޅުތަކާ ދެކޮޅަށް ވެސް ވާހަކަ ދައްކަވައި ޓްރަމްޕް ވަނީ އެކަމަށް ފާޅުގައި ގޮންޖައްސަވައިފަ އެވެ. ކޮވިޑް ކޮންޓްރޯލް ކުރުމުގައި ދުނިޔޭގެ އެންމެ ނާކާމިޔާބު ގައުމަށް އެމެރިކާވެ، އެމެރިކާގެ ދެލައްކައަށް ވުރެ ގިނަ އާންމުން ކޮވިޑް ޖެހިގެން މަރުވި ސަަބަބުތަކުގެ ތެރޭގައި ޓްރަމްޕްގެ މި ހަރުކަށި ސުލޫކު ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓްރަމްޕަށް ފަރުވާ ދިނުމަށް ބޭނުންކުރަނީ ރެމްޑެސިވިރް އާއި ބައެއް ވިޓަމިން

މިހާރު ކޮވިޑްގެ ޝިކާރައަކަށް ވުމުގެ ސަބަބުން ހަށިގަނޑު ބަލިކަށިވެފައިވާ ޓްރަމްޕަށް ފަރުވާ ދިނުމަށް ޑޮކްޓަރުން ބޭނުންކުރަނީ ވައިރަސްތަކާ ދެކޮޅަށް ދޭ ބޭހެއް ކަމަށްވާ ރެމްޑެސިވިރް Remdesivir ކަމަށް މައުލޫމާތު ލިބެ އެވެ. ރެމްޑެސިވިރް އަކީ ބޭސް އުފެއްދުމަށް މަޝްހޫރު އެމެރިކާގެ ކުންފުންޏެއް ކަމަށްވާ Gilead Sciences ގިލެއާޑް ސައެންސެސް އިން އެބޯލާ ބައްޔާ ދެކޮޅަށް 2015 ވަނައަހަރު އުފެއްދި ބޭހެކެވެ. މީގެ އިތުރުން ޒިންކް، ވިޓަމިން ޑީ، ފެމޮޑިޓިން އާއި މެލޮޓޮނިން އާއި އެސްޕްރިން ވެސް ޓްރަމްޕަށް ދޭކަމަށް ވައިޓް ހައުސްގެ ފިޒިޝަން ޑރ. ޝޯން ކޮންލޭ ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ ކޮވިޑް-19 އަށް މަލާމާތް ކުރައްވަމުން އެބަލީގެ ޝިކާރައަކަށްވާ އެމެރިކާގެ ރައްޔިތުންނަށް ބްލީޗް ދިނުމަށް ވެސް ގޮވާލައްވައިފަ އެވެ. މީގެ އިތުރުން ކޮވިޑް ބަލި ސިޔާސީ ކުރައްވައި އެއީ ޗައިނާގެ އުފެއްދުމެއް ކަމަށް ވިދާޅުވެ ޓްރަމްޕް ޗައިނާ އަށް ވެސް ބަހުގެ ވަރުގަދަ ޙަަމަލާތަކެއް ދެއްވާފައިވެ އެވެ.

ޓްރަމްޕްގެ ކޭންޕޭން މެނޭޖަރާއި ކޮންގްރެސްގެ ބައެއްމެންބަރުން ކޮވިޑްއަށް ޕޮޒިޓިވް

ނަމަވެސް އެންމެ ފަހުން ޓްރަމްޕާއި އޭނާގެ އަނބިކަނބަލުންނަށް ކޮވިޑް ޖެހި ޓްރަމްޕްގެ ސިޔާސީ މުސްތަގްބަލަށް އެބަލީގެ ހިޔަނި އެޅިފައިވާ އިރު ޓްރަމްޕްގެ އަރިސް ބޭފުޅެއް ކަމަށްވާ އޭނާގެ ކޭންޕޭން މެނޭޖަރު ހޯޕް ހިކްސް އާއި ޓްރަމްޕާއެކުގައި އުޅުއްވި ކޮންގްރެސްގެ ބައެއް މެންބަރުން ވެސް ވަނީ ކޮވިޑްއަށް ޕޮޒިޓިވް ވެފަ އެވެ. (އެސޯސިއޭޓެޑް ޕްރެސް +އަލްޖަޒީރާ)

comment ކޮމެންޓް