ޓްރަމްޕްގެ ހަށިކޮޅުން ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށުމުން އަސްކަރީ ހޮސްޕިޓަލެއްގައި އެނދުމަތިކޮށް ފަރުވާދޭން ފަށައިފި

ޓްރަމްޕް ގޮވައިގެން އެމެރިކާގެ ރިޔާސީ ހެލިކޮޕްޓަރު އަސްކަރީ ހޮސްޕިޓަލަށް ދިޔުމަށް ވައިޓް ހައުސްގެ ގާޑްން އިން އުދުއްސާލަނީ

ވޮޝިންޓަން (އޮކްޓޯބަރު 3) : ކޮވިޑް-19ގެ ޝިކާރައަކަށް ވެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަށިކޮޅުން އެބަލީގެ އަލާމާތްތައް ފެންނަން ފަށައި ހުންވެސް ގަދަވަމުންދާތީ އެމެރިކާގެ އަސްކަރީ ހޮސްޕިޓަލަކަށް ޓްރަމްޕް ގެންގޮސް އެތަނުގައި އެނދުމަތިކޮށް ފަރުވާ ދޭން ފަށައިފި އެވެ.

ޓްރަމްޕް އޮންނެވީ "ވޯލްޓާ ރީޑް ނެޝަނަލް މިލިޓްރީ މެޑިކަލް ސެންޓަރު"ގައި

ޓްރަމްޕް އެނދުމަތީކޮށްފައި ވަނީ ވޮޝިންޓަނުގެ ރަށްބޭރުގައި ހުންނަ އެމެރިކާގެ އަސްކަރީ ހޮސްޕިޓަލެއްކަމަށްވާ "ވޯލްޓާ ރީޑް ނެޝަނަލް މިލިޓްރީ މެޑިކަލް ސެންޓަރު" އެވެ. އެތަނުގައި ޓްރަމްޕް އެނދުމަތިކޮށްފައި ވަނީ ސްޕެޝަލް ސުއިޓެއްގައި ކަމަށް ވައިޓް ހައުސް އިން ބުނެފައިވެ އެވެ.

އެ ސްވިޓްގައި އެޑްމިޓް ކުރުމުގެ ކުރުމުގެ ކުރިން އެމެރިކާގެ ރައްޔިތުންނަށް ފޮނުއްވި ކުރު މެސެޖެއްގައި ޓްރަމްޕް ވަނީ އޭނާއަށް ޝިފާއަށް އެދޭ އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކޮވިޑް އިން އަވަސް ޝިފާ ލިބޭނެކަމުގެ އުންމީދުގައި ހުންނެވި ކަމަށް ވެސް ޓްރަމްޕްގެ ކުރު މެސެޖްގައި ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބާއި ޓްރަމްޕްގެ މުސްތަގްބަލާމެދު ސުވާލުތަކެއް އުފެދިފައި

އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ރިޔާސީ އިންތިޚާބަށާއި އަދި ޓްރަމްޕްގެ ސިޔާސީ މުސްތަގްބަލަށް ވާނެ ގޮތަކާމެދު އެމެރިކާގެ އެތެރެއިންވެސް ވަނީ ގިނަ ސުވާލުތައް އުފައްދާފަ އެވެ. ކޮވިޑް ޖެހުމުން ޓްރަމްޕުގެ ހާލުކޮޅު އަދި މާބޮޑަށް ގޯސް ނުވިނަމަވެސް ޓްރަމްޕަކީ ލޭމައްޗަށްދާ ބޭފުޅެއްކަމަށްވެފައި ހިތްޕުޅުގެ މައްސަލަތައް ހުރުމާއެކު އުމުރުން 74 އަހަރުވެސް ވެފައިވާ ބޭފުޅަކަށްވާތީ އޭނާ ހިމެނެނީ ހައިރިސްކް ޕޭޝަންޓެއްގެ ގޮތުގަ އެވެ. އެހެންކަމުން ސިއްހަތަށް ވެދާނެ ގޮތަކާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ޓްރަމްޕް ހޮސްޕިޓަލަށް ވަޑައިގަތުމަށްޓަކައި ވައިޓް ހައުސް އިން ނުކުމެވަޑައިގަންނަވަނީ

އެެމެރިކާގެ ރައީސް ނުކުޅެދިެއޖެނަމަ އޭނާގެ މަސްއޫލިއްޔަތުތަކާ ހާވާލުވާނީ ކޮންބައެއް؟

އެމެރިކާގެ ދަސްތޫރުގެ 25 ވަނަ މާއްދާ ބުނާގޮތުން އެމެރިކާގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ރިޔާސީ މަސްއޫލިއްޔަތު އުފުއްލަވަން ނުކުޅެދިއްޖެ ހާލަތެއްގައި އެމަސްއޫލިއްޔަތާ ދެން ހަވާލުވެވަޑައިގަންނަވާނީ، ނައިބު ރައީސަކަށް ހުންނަވާ ބޭފުޅެކެވެ. ރައީސްކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނައިބު ރައީސް ނުކުޅެދިއްޖެނަމަ، ދެން ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވަންޖެހޭނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސްއެވެ. މިހާރު އެމަގާމުގައި ހުންނެވީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއްކަމަށްވާ ނެންސީ ޕެލޯސީ އެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް އެ ދައުރު އަދާކުރަން ނުކުޅެދިއްޖެ ހާލަތެއްގައި ދެން އެދައުރު އަދާކުރަންޖެހޭނީ ސެނެޓްގެ މެންބަރުންގެ ތެރޭގައި ހިމެނޭ އެންމެ ސީނިއާ މެބްބަރެވެ. ސެނެޓްގައި އެންމެ ސީނިއާ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވީ ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމަށްވާ ޗާލްސް ގްރާސްލީ އެވެ.

ޓްރަމްޕް މަސްއޫލިއްޔަތު އަދާކުރައްވަނީ ބަލިއެނދުގައި އޮންނަވައިގެން

ވައިޓް ހައުސް އިން ބުނާގޮތުން ޓްރަމްޕް ގެންދަވަނީ ހޮސްޕިޓަލުގައި ބަލި އެނދުގައި އޮންނަވައިގެން ރައީސްކަމުގެ މަސްއޫލިއްތުތަށް އަދާ ކުރައްވަމުންނެވެ. ކޮވިޑް އާ ގުޅިގެން އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ވާދަ ނުކުރެއްވޭހާލަތަށް އޭނާ ގޮސްފިނަމަ އެޕާޓީން ޖެހޭނީ އައު ބޭފުޅަކު ރިޔާސީ ކެންޑިޑޭޓަކަށް އިޚްތިޔާރު ކުރާށެވެ. މިކަންކުރާނީ އެޕާޓީގެ ގުނަވަނެއްކަމަށްވާ ނޭޝަނަލް ކޮމިޓީންނެވެ. އެއީ 168 މެންބަރުން ހިމެނޭ ގޮތަށް އެކުލަވާލަން ޖެހޭ ޚާއްސަ ކޮމިޓީ އެވެ.

އެމެރިކާގެ އިންތިޚާބުތަކާބެހޭ ގާނޫނުތަށް ބުނާ ގޮތުން ރިޔާސީ ކެންޑިޑޭޓަކަށް ކުރިމަތިވާ މައްސަލައަކާ ގުޅިގެން ރިޔާސީ އިންތިޚާބުގެ ތާރީޚް ބަދަލުކުރެވޭނީ ކޮންގްރެސްގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓްގެ އަޣްލަބިއްޔަތު ލިބިގެންނެވެ. ކޮންގްރެސް ގެ ދެގޭގެ ތެރެއިން ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގެ އަޣުލަބިއްޔަތު އޮންނަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށެވެ. ސެނެޓްގެ އަޣްލަބިއްޔަތު އޮންނަނީ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް