ޗެމްޕިއަންސް ލީގު: ގުރޫޕް ސްޓޭޖުގައި މެސީއާއި ރޮނާލްޑޯގެ ކުރިމަތިލުމެއް

ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފީފާ ބެލަންޑޯ އެވޯޑް ހަފްލާގައި -- ފޮޓޯ: ޑެއިލީމެއިލް

ފުޓުބޯޅައިގެ ދިގު ތާރީހުގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު ވާދަވެރިކަމަކީ ބާސެލޯނާއަށް ކުޅެމުން އަންނަ ފޯވާޑް ލިއޮނެލް މެސީއާއި މިހާރު ޔުވެންޓަސްގެ ކުރި ބަލަހައްޓަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯގެ ރައިވަލްރީ އެވެ. ވޭތުވެ ދިޔަ 15 ވަރަކަށް އަހަރު އެ ވާދަވެރިކަމަށް ބަދަލެއް ނައިސް މިއަދުވެސް އެ ދެކުޅުންތެރިން ދެކޮޅުގައި ތިބެ ކުޅޭ މެޗަކީ ފުޓުބޯޅައިގެ ހުރިހާ ސަޕޯޓަރުން އިންތިޒާރު ކުރާ މެޗެކެވެ.

ރޮނާލްޑޯ ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅުނު އިރު ވާދަވެރިކަން އެންމެ ބޮޑުވެގެން ދިޔަ އެއް ސަބަބަކީ އެލްކުލެސިކޯއެވެ. ޒަމާނުއްސުރެން އެންމެ ފޯރިގަދަ އެ މެޗުގައި އެއްކޮޅުގައި ރޮނާލްޑޯ ހުންނަ އިރު އަނެއްކޮޅުގައި ނަގައި ކިޔަން މެސީ ހުރެއެވެ. ދެކުޅުންތެރިންވެސް ތަފާތު ދައްކައެވެ. މެސީ ބައެއް ފަހަރު މޮޅުވާ އިރު އަނެއްބައި ފަހަރު ރޮނާލްޑޯ ކުރި ހޯދަނީ އެވެ.

އެހެން ނަމަވެސް މީގެ ދެ އަހަރު ކުރިން ރޮނާލްޑޯ ރެއާލް ދޫކޮށް ޔުވެންޓަސްއާ ގުޅުނު ހިސާބުން އެލްކުލެސިކޯގެ ފޯރި ވަނީ ކޮންމެސް ވަރަކަށް ކެނޑިފަ އެވެ. އެކަމަކު އެ ބަދަލާ ގުޅިގެން ވެސް މެސީ-ރޮނާލްޑޯގެ ވާދަވެރިކަމަށް ބަދަލެއް ނާދެއެވެ. ދެކުޅުންތެރިން ކުޅޭ ކޮންމެ މެޗެއްގައި ވެސް އަޅާ ކިއުން އޮވެ އެވެ. އެއާ އެކު ދެކުޅުންތެރިން އަނެއްކާވެސް އެއް ދަނޑެއްގައި ކުޅޭ މެޗެއް ބަލާލުމަށް ގިނަބަޔަކު ތިބީ އިންތިހާއަށް ބޭނުންވެފަ އެވެ.

އެ އިންތިޒާރަށް ނިމުން އަންނާކަށް ދެން މާގިނަ ދުވަހެއް ނެތެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ދެކުޅުންތެރިން އަނެއްކާވެސް އެއްތަން ވާނެ އެވެ. ބާސެލޯނާއާއި ޔުވެންޓަސް ލައްވާލީ އެއް ގުރޫޕަކަށެވެ. އެހެންވީމަ ހަމަ ގައިމު ވެސް ދެ ކުޅުންތެރިން ވާދަކުރާ ދެ މެޗެއް ހުރިހާ ސަޕޯޓަރުންނަށް ވެސް ފެންނާނެ އެވެ.

ސްވިޒަލެންޑުގެ ނިޔޯނުގައި މިރޭ އޮތް އަހަރުގެ އިނާމާއި، ޗެމްޕިއަންސް ލީގުގެ ގުރު ނެގުމުގެ ރަސްމިއްޔާތަށްފަހު މެސީއާއި ރޮނާލްޑޯގެ ސަޕޯޓަރުން މިހާރު ތިބީ ކެތްމަދުވެފަ އެވެ. ގްރޫޕް ޖީގައި ބާސާ އާއި ޔުވެންޓަސް ހިމެނުނުއިރު، ދެން މި ގްރޫޕުގައި ހިމެނެނީ ޑީނަމޯ ކިއެވް އާއި ފެރެންސްވަރޮޝީއެވެ.

މީގެ އިތުރުންމި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ބަޔާން މިއުނިކް ހިމެނުނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އެތުލެޓިކޯ މެޑްރިޑާއި، ސާލްޒްބާގް އަދި ލޮކޮމޯޓިވް މޮސްކޯއެވެ. ގްރޫޕް ބީގައި ހިމެނެނީ ރެއާލް މެޑްރިޑާއި، ޝަޚްތަރު ޑޮނެސްކާއި، އިންޓަ މިލާން އަދި ބޮރޫޝިއާ މޮންޗެންގްލަޑްބަކެވެ. އަދި ގްރޫޕް ސީގައި ހިމެނެނީ ޕޯޓޯ އާއި، މެންޗެސްޓާ ސިޓީ އާއި، އޮލިމްޕިއާކޯސް އަދި މާސޭއެވެ.

މުބާރާތުގެ ގްރޫޕް ޑީގައި ލިވަޕޫލާއި، އަޔަކްސް އާއި، އެޓަލާންޓާ އަދި މިޗީލޭންޑް ހިމެނޭއިރު، ގްރޫޕް އީގައި ހިމެނެނީ ސެވިއްޔާ އާއި، ޗެލްސީ އާއި، ކްރޮސްނޮޑާރް އަދި ރެނެސްއެވެ. ގްރޫޕް އެފްގައި ޒެނިތާއި، ބޮރޫޝިއާ ޑޯޓްމުންޑާއި، ލާޒިއޯ އަދި ކުލަބު ބްރޫޖް ލައްވާލިއިރު، ގްރޫޕް އެޗުގައި ހިމެނެނީ މިދިޔަ ސީޒަނުގެ ރަނަރަޕް ޕީއެސްޖީ އާއި، މެންޗެސްޓާ ޔުނައިޓެޑާއި، އާރްބީ ލެއިޕްޒީގް އަދި އިސްތަންބޫލް ބަޝަކްޝެހީރެވެ.

comment ކޮމެންޓް