ދެހާސްތޭރަ ވަނަ އަހަރު ސިފައިންގެ ވަޒީފާއިން ވަކިކުރި މީހަކަށް ވަޒީފާ އިޔާދަކޮށްދީ، އޭނާގެ އެއް އަހަރުގެ މުސާރައާއި އިނާޔަތްތައް ދޭން ސިވިލް ކޯޓުން އިއްޔެ ހުުކުމްކޮށްފި އެވެ.
ކޯޓުން ހުކުމް ކުރީ ގއ. ވިލިނގިލީ، ގޮންގަލީއާބާދު، ޝަހުރާބު ރާޝިދަށް، އޭނާ އޭރު އެމްއެންޑީއެފްގެ ލާންސް ކޯޕްރަލްގެ މަގާމުގައި އަދާކުރި ވަޒީފާ އިޔާދަކޮށްދިނުމަށެވެ.
ޝަހުރާބު ވަޒީފާއިން ވަކިކުރީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހު އެވެ.
ދައުލަތުން ބުނެފައި ވަނީ ޝަހުރާބު ރާޝިދުގެ ފަރާތުން ކޮށްފައިވާ ދައުވާއަށް އިންކާރުކުރާ ކަމަށާއި، އޭނާ އެމްއެންޑީއެފްގެ ވަޒީފާއިން ވަކިކުރީ ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމުގެ ގޮތުން ސިފައިންގެއާ ގުޅުންހުރި ސިއްރު މައުލޫމާތެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާކަމަށް ޝަހުރާބުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލަ މިލިޓަރީ ޕޮލިހުން ތަހުގީގުކުރި އިރު، އެ ކުށް އޭނާގެ މައްޗަށް ސާބިތުވާތީ، ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމުގެ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެއީ ސިފައިންގެ އެހެން މީހަކު ސަސްޕެންޑް ކުރިކަމުގެ އެންގުން ސިފައިންގެ ނޯޓިސް ބޯޑެއްގައި ހަރުކޮށްފައި، އެ އެންގުން ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑިއާގައި އާންމުކުރި ކަމަށް ބުނެ އެވެ.
އެހެންކަމުން އޭނާގެ ވަޒީފާ އިޔާދަކޮށްދީ، އޭނާ ހޯދަން އެދިފައިވާ ބަދަލު އެފަރާތަށް ދޭންޖެހޭނެ ގާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމައި ކުރި ހުކުމުގައި ބުނެފައި ވަނީ، އެ ފޮޓޯ ނަގައި އާންމުކުރީ ޝަހުރާބު ކަން ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.
އެހެންކަމުން މައްސަލައިގައި ޝަހުރާބަށް ފިޔަވަޅު އަޅާފައި ވަނީ އެކާށީގެންވާ ކާފީ ހެއްކާއި ގަރީނާ ނެތީސް ހަމައެކަނި ހީކުރެވޭ ހީކުރެވުމެއްގެ މައްޗަށް ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށް ހުކުމްގައިވެއެވެ.
އެހެންކަމުން އޭނާއަށް ވަޒީފާ އަނބުރާ ދީ، ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތަށްވާ މުސާރައާއި އިނާޔަތްތައް ދިނުމަށް ވަނީ ހުކުމް ކޮށްފައެވެ.
އެގޮތުން 15 ދުވަހުގެ ތެރޭގައި އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ދިނުމަށާއި ގެއްލުނު މުއްދަތަކީ ހިދުމަތް ކުރި މުއްދަތު ކަމަށް ބަލައި، ގާނޫނާ ހިލާފަށް ވަކި ކުރުމުގެ ސަބަބުން އަދަލުވެރި ބަދަލެއްގެ ގޮތުން އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތަކަށް ވާ 166،646 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގައިފައެވެ.