ވިލާ އެއާ ފްލައިމީ އިން އިތުރު ދެ މަތިންދާބޯޓު ގެނެސް އިންޑިއާ އަދި ޗައިނާ އަށް ދަތުރު ފަށަން ޕްލޭނުގައި އެބައޮތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މިއަދު ވިދާޅުވީ އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް އިންޓަނޭޝަނަލް ދަތުރުތައް ފެށުމަށް ސެޕްޓެމްބަރު ތިނެއްގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން އެ އެއާލައިނަށް ހުއްދަ ދީފައިވާ ކަމަށާއި ސެޕްޓެމްބަރު ހަތަރުވަނަ ދުވަހު ސްރީލަންކާގެ ކޮލަމްބޯ އަށް ޗާޓާޑް ދަތުރެއް ބާއްވާފައިވާ ކަމަށެވެ.
"ސްރީލަންކާގެ ބޯޑަރު ހުޅުވާލާހާ އަވަހަކަށް ލަންކާގެ ރަޓަމަނާލާ އަށް ޝެޑިއުލް ދަތުރުތައް ފަށާނެ. އެކޮޅުން އަދި ހުޅުވާލާނެ ދުވަހެއް ނުނިންމާ،" ނާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިލާ އެއާއިން އޭ319 މަރުކާގެ ނެރޯ ބޮޑީ ދެ އެއާކްރާފްޓު ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އެއާއެކު އެ އެއާލައިނުން އިންޑިއާ އަށާއި ޗައިނާ އަށް ދަތުރު ފަށަން ޕްލޭން ކޮށްފައި އެބައޮތް ކަމަށް ނާޝިދު ވިދާޅުވި އެވެ.
"އިންޑިއާގެ ސަރުކާރުން ނަގަންޖެހޭ ހުއްދަތައް އަދި ނުލިބޭ. މިއަހަރުގެ ޑިސެމްބަރާ ހަމައަށް ހުއްދަ ލިބި ދަތުރު ފެށޭނެ ކަމަށް ލަފާކުރެވެނީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ތެރޭ ޗައިނާ އަށް ވެސް ޝެޑިއުލްޑް ދަތުރުތައް ފެށޭތޯ،" ނާޝިދު ވިދާޅުވި އެވެ.
ނާޝިދު ވިދާޅުވީ ޕްލޭނަކީ އިންޑިއާގެ ދިއްލީ، ބެންގަލޫރު، މުމްބާއީ އަދި އަހުމަދު އާބާދަށް ދަތުރު ފެށުން ކަމަށެވެ. މީގެ އިތުުރުން ޗައިނާގެ ކުންމިން އަދި ޗެންދޫއަށް ދަތުރު ފަށަން ޕްލޭނުގައި އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕްލޭނަކީ މި ހަ ޑެސްޓިނޭޝަަށް ވީކްލީ 12 ފްލައިޓު ޓޯޓަލް ބޭއްވުން،" ނާޝިދު ވިދާޅުވި އެވެ.
އިންޑިއާ އާއި ޗައިނާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު ދެ މަންޒިލެވެ.
ކޮވިޑް19 އާއި ގުޅިގެން ފްލައިމީގެ އެތެރޭގެ އުދުހުންތައް މާޗު މަހުގެ ތެރޭގައި މެދުކަނޑާލިއެވެ. އޭގެ ފަހުން އެ އެއާލައިނުގެ ދަތުރުތައް ފަށާފައިވަނީ މިއަދު އެވެ.