ފްލައިމީ އިން ޑޮމެސްޓިކް ދަތުުރުތައް ފަށައިފި

ފްލައިމީގެ ފްލައިޓުތަކެއް ވީއައިއޭގައި -- ސަން ފޮޓޯ: ފަރީހާ އަބްދުﷲ

ކޮވިޑް19 އާއި ގުޅިގެން ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު ވިލާއެއާ ފްލައިމީ އިން އެ އެއާލައިނުގެ ޑޮމެސްޓިކް ދަތުރުތައް ފަށައިފި އެވެ.

ކޮވިޑް19 އާއި ގުޅިގެން އެ އެއާލައިނުން ދަތުރުތައް ހުއްޓާލީ މާޗު މަހު އެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މިއަދު "ސަން" އަށް ވިދާޅުވީ އެ އެއާލައިނުން މާލެ އާއި މާމިނގިއްޔާ ދެމެދު ޝެޑިއުލް ދަތުރުތައް ފަށާފައިވާ ކަމަށެވެ.

"ޓުއަރިސްޓު އެރައިވަލް އަށް ބަލާފައި ފްރެކުއެންސީ އިތުރު ކުރާނަން. އުއްމީދު ކުރަނީ މިއަދު ފެށި ފެށުން ގްރެޖުއަލީ އިންކްރީޒް ވާނެ ކަމަށް،" ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަތުރުތައް ޝެޑިއުލް ކުރާނީ ބުކިންގްސް ލިބޭ މިންވަރަށް ބަލާފައި ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ނަމަވެސް ފްލައިމީގެ ދަތުރުތައް ނުފެށި އޮތީ ފަސިންޖަރުންގެ ޑިމާންޑު ނެތުމުން ކަމަށް ނާޝިދު ވިދާޅުވި އެވެ.

"ގިނަ ރިސޯޓުތައް އަރިއަތޮޅުގައިވެސް ނުހުޅުވާ. އަހަރު ފަހުކޮޅު ގިނަ ރިސޯޓުތައް ހުޅުވަން އޮތީ އަރިއަތޮޅުގައިވެސް ބ އަތޮޅުގައިވެސް. ރިސޯޓު ލޯޑު އަންނަ ވަރަކަށް ބަލާފައި ދަތުރުތައް އިތުރުވާނެ،" ނާޝިދު ވިދާޅުވި އެވެ.

ވިލާ އެއާއިން މީގެ ކުރިން ވަނީ މާމިނގިލީގެ އިތުރުންރަވަންދޫ އަށް ދަތުރުތައް ބޭއްވި އެވެ.

ވިލާ އެއާގެ ދަތުރު ތަކުގައި ބޭނުންކުރަނީ 48 މީހުންގެ ޖާގައިގެ ބޯޓަކާއި 68 މީހުންގެ ޖާގައިދެ ދެ ބޯޓުގެ އިތުުރުން 72 މީހުންގެ ޖާގައިގެ ބޯޓެކެވެ. ނާޝިދު ވިދާޅުވީ 4-5 އެންމެ ފަސިންޖަރުންނާއެކު ދަތުރު ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

މި ހާލަތުގައި އެކުންފުނީގެ ސީޕްލޭނެއް އޮތްނަމަ ދަތުރުތައް ކުރެވުނީސް ކަމަށް ނާޝިދު ވިދާޅުވި އެވެ. އެގޮތުން 2013 ވަނަ އަހަރު ވިލާ އެއާ އިން ގެނައި ސީޕްލޭން ވިއްކާލަން ޖެހުނީ ސިވިލް އޭވިއޭޝަނުން ހުއްދަ ދިން ބަމަވެސް ސީޕްލޭން ހިންގާނެ ބިން ހުޅުލޭން ހަމަނުޖެހުމުންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކޮވިޑާ ގުޅިގެން ޓޫރިޒަމަށް ލޮޅުން އައުމުގެ ކުރިން ފްލައިމީ އިން ދިޔައީ ދަރަވަންދޫ އަށް ދުވާލަކު 12 ފްލައިޓު އަދި މާމިނގިއްޔަށް 14 ފްލައިޓު ބާއްވަމުންނެވެ. ޗާޓަރު ދަތުރުތަކާއެކީ އާންމުކޮށް އޭރު 32 ފްލައިޓު އެ އެއާލައިނުން ބައްވަމުން ދިޔަ އެވެ.

"އޭރު ދުވާލަކު 1400 - 12000 ފަސިންޖަރުން އުފުލޭ. މިހާރު އެއަދަދާ ގާތްކުރާވަރަށް ރާއްޖެ ވެސް ނާދޭ ފަތުރުވެރިން ދުވާލަކު. އެކަމަކު ގްރެޖުއަލީ އެރައިވަލްސް އެބަ އިންކްރީޒްވޭ. އެ އިތުރުވާވަރަކަށް ފްލައިޓުތައް އިތުރު ކުރާނެ،" ނާޝިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފްލައިޓުތައް އިތުރުވެ އެއާލައިނުގެ އޮޕަރޭޝަން ފުޅާވާވަރަކަށް ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ނޯޕޭގައި ތިބި މުވައްޒަފުން މަސައްކަތަށް ނެރޭނެ ކަމަށެވެ.

މިދިޔަ މަހު ސިވިލްއޭވިއޭޝަނުން ވަނީ ވިލާ އެއާއަށް އިންޓަނޭޝަނަލް ދަތުރުތައް ކުރުމުގެ ހުއްދަ ދީފައެވެ.

comment ކޮމެންޓް