ރާއްޖޭގެ ޖީޑީޕީ 51.6 ޕަސެންޓް ދަށަށް

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ވީއައިއޭ ފަޅަށް -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު މި އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން، ޖީޑީޕީ 51.6 ޕަސެންޓް ދަށަށް ގޮސްފައިވާކަމަށް ނެޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ އިދާރާ އިން އާންމުކޮށްފައިވާ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ޖީޑީޕީ ވަނީ 54 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ޖީޑީޕީ ދަށަށް ގޮސްފައިވަނީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓޫރިޒަމް ދާއިރާ އަށް ކޮވިޑް19ގެ ސަބަބުން އައި ހީނަރުކަމާ ގުޅިގެންނެވެ. ޓޫރިޒަމް ދާއިރާ އަށް 25.5 ޕަސެންޓްގެ ދަށްވުމެއް ދެވަނަ ކުއާޓަރުގައި އައިސްފައިވާއިރު މުވާސަލާތާއި ދަތުރުފަތުރުގެ ދާއިރާ ވަނީ 6.8 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މީގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ދާއިރާ އަށް ހަތަރު ޕަސެންޓްގެ ދަށްވުމެއް މި އަހަރުގެ ދެވަނަ ކުއާޓަރުގައި އައިސްފައިވެ އެވެ.

އެންބީއެސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ރިއަލް ޖީޑީޕީ ހުރީ 77.1 މިލިއަން ރުފިޔާގަ އެވެ. އެއީ އޭގެ ކުރީ އަހަރު، 2018 ވަނަ އަހަރާ އަޅާބަލާއިރު ހަތް ޕަސެންޓްގެ އިތުރުވުމެކެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިއަލް ޖީޑީޕީ ހުރީ 19 މިލިއަން ރުފިޔާގަ އެވެ. ދެވަނަ ކުއާޓަރުގައި މި އަދަދު ވަނީ 8.8 ޕަސެންޓަށް ވެއްޓިފަ އެވެ.

comment ކޮމެންޓް