އިންޑިއާއިން ދިން ބޯޓު ދުއްވަނީ ކޮން ބައެއްކަން އެމްއެންޑީއެފް އިން ސާފުކޮށްނުދިން

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ކަމަށް ޑޯނިއާ --- ފޮޓޯ: އެމްއެންޑީއެފް

އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖެއަށް ހަދިޔާ ކުރި ކަމަށް ބުނާ ދޯނިއާ މަތިންދާ ބޯޓު ދުވަނީ ކޮން ބައެއްކަން އެމްއެންޑީއެފް އިން ސާފު ކޮށް ނުދީފި އެވެ.

އިންޑިއާގެ ސިފައިންނާއެކު އެ ބޯޓު ރާއްޖެ އައިސްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެމްއެންޑީއެފް އިން ވެސް އެ ބޯޓާ ގުޅިގެން ދީފައިވަނީ ވަރަށް މަދު މައުލޫމާތުތަކެވެ.

އެމްްއެންޑީއެފް އިން އެ މައުލޫމާތު ދިނުމުގެ ކުރިން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން އަންގާރަ ދުވަހު ބުނީ، އެ ބޯޓު އޮޕަރޭޓު ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށާއި އަދި އެ އެއާކުރާފްޓް ބާއްވާފައި އޮންނާނީ ހަނިމާދޫ އެއާޕޯޓްގައި ކަމަށެވެ.

އެމްބަސީން ބުނި ގޮތުގައި ޑޯނިއާ ފްލައިޓަކީ ދެ ގައުމުގެ ދެމެދުގައި ކުރި މަޝްވަރާތަކުގެ ތެރެއިން ހަދިޔާކުރި މަތިންދާބޯޓެއް ކަމަށެވެ. ކުރީގެ ސަރުކާރުތަކުން ވެސް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ސަަވައިލެންސްގެ މަސައްކަތުގައި ބޭނުންކުރުމަށް ޑޯނިއާ އެއް ހޯދުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށްފައިވާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

"މިފްލައިޓް ރާއްޖޭގައި އުދުހޭނީ ރާއްޖޭގެ ދިދައާއި ކުލަތަކާއެކު، އެމްއެންޑީއެފްގެ ޕައިލެޓުން ވެސް ހަރަކާތްތެރިވާ ގޮތަށެވެ،" އެމްއެންޑީއެފްގެ މިޑީއާ އޮފިޝަލް އަންގާރަ ދުވަހު ނޫސްވެރިން ތިބޭ އެ މުއައްސަސާގެ ގްރޫޕަށް ފޮނުވި މެސެޖްގައި ބުނެފައިވެ އެވެ.

އެ ބޯޓާ ގުޅޭ ގޮތުން އާންމުނަށް އެނގެން ޖެހޭ އަދިވެސް ބައިވަރު ސުވާލުތަކުގެ ޖަވާބު އެމްއެންޑީއެފް އިން ނުދެ އެވެ. އެގޮތުން އެ ބޯޓު ދުއްވަނީ ސީދާ ރާއްޖޭގެ ސިފައިންތޯ އިންޑިއާގެ ސިފައިންތޯ ސާފެއް ނުވެ އެވެ.

އެމްއެންޑީއެފްގެ ކޮމާންޑް ކޮންޓްރޯލުގެ ދަށުން ޑޯނިއާ އޮޕަރޭޓު ކުރި ނަމަވެސް އެ ބޯޓުގެ މެއިންޓެނެންސް އާއި އެހެނިހެން ހަރަދުތައް ބަލަހައްޓާނީ އިންޑިއާ އިން ކަމަށް އެމްބަސީން ބުނި އިރު، އެ އޮޕަރޭޝަނަށް އިންޑިއާގެ ކިހާ އަދަދެއް ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭނެތޯ އާއި އެ ބޯޓާއެކު އިންޑިއާގެ ކިހާ އަދަދެއްގެ ސިފައިން ރާއްޖެ އައިސްފައިވޭތޯވެސް ސާފެއް ނުވެެ އެވެ.

އެފަދަ ބޯޓުތައް ދުއްވުމަށް ދިވެހިން ޕައިޕަލަޓުން ތަމްރީން ކޮށްފައިވާ ކަމަށް މީގެ ކުރިން އެމްއެންޑީއެފް އިން ބުނެފައިވެ އެވެ. މިހާތަނަށް އައީ ދިވެހި އަސްކަރިއްޔާގައި އެފަދަ ޕައިލެޓުން ތިބިތޯ އާއި ތިބި ނަމަ އެއީ ކިހާ އަދަދެއްގެ މީހުންތޯ އެމްއެންޑިއެފް އިން އަދި ސާފުކޮށް ނުދެ އެވެ.

އެ ސުވާލުތަކުގެ ޖާވާބު ހޯދުމަށް ތިން ދުވަސް މަތިން "ސަން"އިން މަސައްކަތް ކުރުމުން އެމްއެންޑީއެފުން ބުނީ، އެ ސުވާލުތަކަށް ފަހުން ޖަވާބު ދޭނެ ކަމަށެވެ.

އެމްއެންޑީއެފް އިން އަންގާރަ ދުވަހު ބުނި ގޮތުގައި، ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓާކުރުމަށް ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން ކުރެވޭ މަސްތުވާތަކެއްޗާއި އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް އެ ބޯޓު ބޭނުން ކުރާނެ ކަމަށް އެމްއެންޑިއެފް އިން ބުންޏެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ގައިމްވެ ތިބުމުން އެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މިހާރުވެސް އިންޑިއާގެ ދެ ހެލިިކޮޕްޓަރު ރާއްޖޭގައި އޮވެ އެވެ. އެ ދެ ހެލިކޮޕްޓަރު އޮޕަރޭޓުކޮށް މެއިންޓެއިން ކުރުމުގައި ހަރަކާތްތެރި ވަނީ ވެސް އިިންޑިއާ އަސްކަރިއްޔާއިންނެވެ.

comment ކޮމެންޓް