ކޮވިޑް ނެތް ރަށްރަށުގެ ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު ފަސްގަޑިއިރަށް އިތުރުކުރަނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ވައިރަސް ނެތް ރަށްރަށުގެ ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު ފަސްގަޑިއިރަށް އިތުރުކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މިއަންނަ ހަފުތާއިން ފަށައިގެން މި ބަދަލަށް އަމަލުކުރަން ނިންމާފައިވާ ކަމަށެވެ.

"މިހާރު މަސައްކަތް ކުރަމުން މިދަނީ އާ އާންމު ހާލަތަކުން އާންމު ހާލަތަކަށް ރުޖޫއަވާން. މި މަގުން މަސައްކަތް ކުރަމުންދާއިރު ކޮވިޑް ނުފެތުރޭ ރަށްރަށުގައި ކިޔަވައިދޭ ގަޑިތައް ގިނަކުރަން އަޅުގަނޑުމެން ވަނީ ނިންމާފައި. ކުރިން އަޅުގަނޑުމެން ކިޔަވައިދެނީ ސެޝަންއެއްގައި ހަތަރު ގަޑިއިރު. ނަމަވެސް އަންނަ ހަފްތާއިން ފަށައިގެން ފަސްގަޑިއިރާ ހަމައަށް ކިޔަވައިދިނުމުގެ ފުރުސަތު އަތޮޅުތަކުގެ ސްކޫލްތަކުގައި ހުޅުވާލާނަން." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޮވިޑް19އާ ގުޅިގެން ދިގު މުއްދަތަކަށް ސްކޫލަށް ނުދެވި ތިބުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އޮންލައިންކޮށް ކިޔެވުމާ އަޅާބަލާއިރު ކްލާހަށް ގޮސްގެން ކިޔެވުމަކީ ދަރިވަރުންނަށް ގިނަ ފައިދާތަކެއް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ދިރާސާވެރިން ދިރާސާތައް ވެސް ހަދަމުން އެބަދޭ މީގެ އަސަރު ދެނެގަންނަން. އެއިން ފެންނަ އެއްޗަކީ ދަރިވަރުންގެ ލާނިން ލޮސް ވަރަށް ބޮޑަށް ދިމާވާކަން. މިސާލަކަށް މެތެމެޓިކް ސްކިލްސް ވަރަށް ބޮޑަށް ދަށަށް އެބަދޭ ގިނަ ދުވަސްތަކަކަށް ދަރިވަރު ސްކޫލަށް ނުގޮސް ހުރީމަ. އެހެންވީމަ ދަރިވަރު ސްކޫލަށް ގެނެސްގެން ކިޔަވައިދިނުމަކީ ވަރަށް މުހިންމު ކަމެއް." މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗް މަހު އެވެ. އޭގެ ފަހުން ޓެލެކިލާސް އަދި އޮންލައިން ކްލާސްތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ.

ޖުލައި މަހު މާލޭގައި ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވައިދޭން ފެށި ނަމަވެސް، ކޮވިޑްގެ ހާލަތު ގޯސްވުމުން އަނެއްކާވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

މިހާރުވެސް މާލޭގެ ސްކޫލްތަކުގައި ގްރޭޑް 11 އަދި 12ގެ ދަރިވަރުން ސްކޫލަށް ގޮސް ކިޔަވަމުންދާއިރު، މާލޭގެ ސްކޫލްތަކުގައި ގްރޭޑް ނުވައެއް އަދި 10ގެ ކިޔެވުން ފަށާނީ އަންނަ މަހު ހަތަރުވަނަ ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް