އަދީބު ތައުބާވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދިއްޖެ

އަދީބް: އޭނާ ވަނީ ތައުބާވެ، މައާފަށް އެދިފައި --

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޢަފޫރު ތައުބާވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދިއްޖެ އެވެ.

ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އޭނައާ ދެކޮޅަށް ކުރި ހަތް ދައުވާއަށް އަދީބު މިއަދު ވަނީ ކްރިމިނަލް ކޯޓުގައި އިއުތިރާފުވެފައެވެ.

ކޯޓުގައި އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކަތަކަކީ އޭނާ ނުކިޔައިދީފި ނަމަ، ދައުލަތަށް އެނގޭނެ ވާހަކަތަކަކެއް ނޫން ކަމަށާއި އޭނާ އެދެނީ އެކަމަށް އިންސާފުވެރި ނިޔާއެއް ކަނޑައެޅުމަށް ކަމަށެވެ. އަދި މައުލޫމާތު ހިއްސާ ކުރުމަކީ، އޭނާގެ އިސް ވާޖިބެއްގެ ގޮތުގައި ދެކޭ ކަމަށް އަދީބު ވިދާޅުވިއެވެ.

"އަޅުގަނޑު ޖަލުގައި އޮތް އިރުވެސް މިކަމާ ހިތާމަ ކުރަން. އަޅުގަނޑު ވަނީ ޖަލުގައި އޮތް އިރު މިކަމަށް ތައުބާވެ، މިކަމާ ހިތާމަކޮށް ދިވެހި ރައްޔިތުންނާއި ދައުލަތުގެ ކިބައިން މައާފަށް އެދެން،" އަދީބު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި މީގެ ކުރިން މައާފަށް އެދިފައެއް ނުވެ އެވެ. މިއީ އޭނާ އެ މައްސަލައިގައި މައާފަށް އެދުނު ފުރަތަމަ ފަހަރެވެ.

އަދީބު ވިދާޅުވީ، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތާައެކު އެ ފައިސާ ހޯދޭނެ ކަމަށާއި އެ ފައިސާ ހޯދުމަށް ތަހުގީގަށް ދެވެން އޮތް އެއްބާރުލުމެއް މިހާރުވެސް ދެމުންދާ ކަމަށާއި ކުރިއަށް އޮތްތާގައިވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"މި ސަރުކާރުން އުފައްދާފައިވާ ކޮމިޝަންތަކާއި އޭސީސީ އާއި ޕީޖީ އާއި ފުލުހުންނާ ގުޅިގެން ކުރަމުންދާ މަސައްކަތުން މި ފައިސާ އަނބުރާ ހޯދޭނެ،" އަދީބު ވިދާޅުވި އެވެ.

އެމްއެމްޕީއާއުރުސީގެ ކޮރަޕްޝަނަކީ ހިނގައިގެން ނުވާނެ ކަމެއް ކަމަށާއި ކުރިއަށް އޮތްތާގައި އެފަދަ ކަމެއް ތަކުރާރު ނުވުމަށް ނިޒާމް ބައްޓަންވުމަކީ ވެސް މުހިންމު ކަމެއް ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވި އެވެ. އަދި އެ ފައީސާއިން ވަރަށް ގިނަ ފަރާތްތަކަށް މަންފާވި ކަމަށްވެސް އަދީބު ވިދާޅުވި އެވެ.

"މި މައްސަލައިން މަންފާ ނުވާ ސިޔާސީ ޕާޓީއެއް ނުވޭ. އަދި މަޖިލިސްގައި ނެގުނު ވޯޓުތަކާއި މި ހުރިހާ ކަމަކަށް މި ފައިސާ ވަނީ ބޭނުންކޮށްފައި،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ކޮރަޕްޝަން ހިންގުމުގައި މުގުލުގައި ހުރި ފަރާތަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ. އަދި އެމްއެމްޕިއާރުސީން ރަށްތައް ދޫކުރަމުން ދިޔައީވެސް ރައީސް އޮފީހުން އަންގާ ގޮތެއްގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މިދިޔަ ސަރުކާރުން ވަކި ގޮތަކަށް ރޭވިގެން، ވަކި އިންތިޒާމެއްގެ ދަށުން ވަކި ސްކޭމެއްގެ ދަށުން އެތައް ބަޔަކު ބައިވެރިގެން ހިންގާފައިވާ ކަމެއް މިއީ،" އަދީބު ވިދާޅުވި އެވެ.

ހިޔާނާތާ ގުޅިގެން ޖަލުގައި ހަތަރު އަހަރާއި ފަސް އަހަރު ދެމެދުގެ މުއްދަތެއްގައި މިހާރުވެސް އެކި އަދަބުތަކުގައި ހޭދަކުރެވިއްޖެ ކަމަށާއި އެކަމުގެ ސަބަބުން ސިއްހީ ގޮތުން ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށްވެސް މިއަދު ވިދާޅުވި އެވެ.

އަދީބާއި ދައުލަތާއެކު ހެދި އެއްބަސްވުމު ދަށުން އޭނާއަށް އަންނާނީ ޖުމްލަ 20 އަހަރު ދުވަހުގެ ޖަލު ހުކުމެވެ. އަދީބު މިއަދު އެދިފައިވަނީ އެ އަދަބު މުރާޖައާކޮށް، އެއަށް ވުރެ ކުޑަ އަދަބެއް ދިނުމަށެވެ. އޭނާ ވިދާޅުވީ، މިހާރުވެސް ޖަލުގައި ފަސް އަހަރެއްހާ ދުވަސް ހޭދަވެެއްޖެ ކަމަށާއި އޭނާގެ ސިއްހީ ހާލަތުވެސް ވަރަށް ދައްވެފައިވާކަމަށެވެ. އެގޮތުން ދެވެން އޮތް ކުޑަ އަދަބެއް ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮތީ އަވަސް ނިއާއެއް ކަނޑައެޅުމެވެ. ދެން އަންނަ އަޑުހުމެއް ބޭއްވުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ.

comment ކޮމެންޓް