އިންޑިއާ ސަރުކާރުގެ ބިރުދެއްކުންތަކާ ހުރެ، އެމްނެސްޓީ އިން އެ ގައުމުގައި މަސައްކަތްކުރުން ހުއްޓާލަން ނިންމައިފި

އިންޑިއާ ސަރުކާރުގެ ބިރުދެއްކުންތަކާ ހުރެ، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް އިން އެ ގައުމުގައި މަސައްކަތް ހުއްޓާލަން ނިންމައިފި އެވެ.

މީގެ ކުރިން 2009 ވަނަ އަހަރު ވެސް އެމްނެސްޓީ އިންޓަނޭޝަނަލްއަށް ފައިސާ ލިބުމުގައި ކުރިމަތިވި ދަތިތަކާ ގުޅިގެން މަސައްކަތް ކުރުން ހުއްޓާލި އެވެ.

އެމްނެސްޓީން ބުނީ މިފަހަރު އިންޑިއާގައި މަސައްކަތްތައް ހުއްޓާލަން ނިންމީ އެ ޖަމިއްޔާގެ ބޭންކް އައުންޓްތައް ފްރީޒްކުރުމާ ގުޅިގެން ސްޓާފުން ވަކިކުރަން ޖެހި އެކި އެކި ދިރާސާތައް ކުރަން ކުރިމަތިވި މައްސަލަތަކާ ގުޅިގެން ކަމަށެވެެ.

އިންޑިއާގެ ސަރުކާރުން އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.

"މީގެ ކުރިން ދުވަހަކު ވެސް ކުރިމަތިނުވާވަރުގެ ހާލަތެއް މިވަނީ ކުރިމަތިވެފައި. ސަރުކާރުން ރާވައިގެން ކެނޑިނޭޅި މިހާރު ދަނީ ފުރައްސާރުކޮށް ބިރު ދައްކަމުން." އެމްނެސްޓީ އިންޓަނޭޝަނަލްގެ ސީނިއާ ޑައިރެކްޓާ އޮފް ރިސާޗް އެންޑް އެޑްވޮކަސީ އެންޑް ޕޮލިސީ، ރާޖަތު ޚޯސްލާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިންޑިއާ ސަރުކާރުން އެ ޖަމިއްޔާއަށް ފިއްތުންތައް ކުރިމަތިކުރަމުންދަނީ އިންޑިއާގެ ވެރިރަށް ދިއްލީގައި މިދިޔަ ފެބްރުއަރީ މަހު ހިނގި ވަރުގަދަ ލޭ އޮހޮރުވުންތަކާއި ކަޝްމީރުގައި ހިނގާ ކަންތައްތަކާ ހުރެ އެ ޖަމިއްޔާ އިން އަޑުއުފުލަމުންދާތީ ކަމަށެވެ.

ޚޯސްލާ ވިދާޅުވީ އެ ޖަމިއްޔާ އިން 70 ގައުމެއްގައި އޮޕަރޭޓްކުރާއިރު މިހާތަނަށް ފިއްތުންތައްކުރިމަތިވެ އޮޕަރޭޝަން ހުއްޓާލަން ޖެހުނީ ރަޝިއާގައި އެކަނި ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި މަޝްހޫރު އިންޑިއާގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މިފަހަކަށް އައިސް ހުރަސް އަޅަމުންދާ ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.-- ބީބީސީ

comment ކޮމެންޓް