ޒިކުރާ މިސްކިތް އެވޯޑްކޮށްފައިވަނީ މާލިއްޔަަތު ގަވާއިދާ އެއްގޮތަށް: އެޑްވޮކެސީ ޗެމްބާސް

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެސްޖޭ ކޮންސްޓްރަކްސަންއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ

މިދިޔަ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީއިން ޒިކުރާ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރުމުގެ މަރުހަލާގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް އެ ކުންފުނީގެ ފަރާތުން ކޮށްފައިވާ ކަމަށް ފާހަގަވެފައި ނުވާ ކަމަށް އެޑްވޮކެސީ ޗެމްބާސް ލޯ ފާމުން ބުނެފިއެވެ.

ޒިކުރާ މިސްކިތް ހެދުމަށް ހަވާލު ކުރީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ މުއާމަލާތާ ގުޅޭ ތަހުގީގެއް ހިންގުމަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގުގެ މައްޗަށް ބިނާކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދާއި، އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، މ. މުހައްމަދީއާބާދު، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލާފައެވެ.

އެ މައްސަލައިގައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އިސްލާމިކް މިނިސްޓްރީއިން އެދުނު ކަމަށް އޭސީސީގެ ތަހުގީގުން ވަނީ އެނގިފައެވެ. ނަމަވެސް އެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލެއް ހޯދާފައިވާ އެ ކޮމިޝަނުން ބުންޏެވެ. އެ ތިން ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، އެ ޕްރޮޕޯސަލްތަކުގެ މައުލޫމާތު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް އޭސީސީއިން ބުނެފައިވެ އެވެ.

އެ މާއްދާގެ ދަށުން ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލާ ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއު ހިންގިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން އެ ޕްރޮޖެކްޓާ ހަވާލުވުމުގެ ކުރީން މިނިސްޓްރީގެ ފަރާތުން ހޯދަން ޖެހޭ ހުއްދަތައް ހޯދާފައިވޭތޯ ބެލި ބެލުމުން ބިޑްކުރުމަކާ ނުލާ އެވޯޑްކުރުމުގެ ގޮތުން އެ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު މާލިއްޔަތު ގަވާއިދުގެ 10.27ގައި ބަޔާންކޮށްފަިއވާ ހުއްދަ ހޯދުމަށް ރައީސް އޮފީހުގައި ދެންނެވުމުން، ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން "ފިނޭންސް މިނިސްޓްރީގެ ބައެއް ހޯދާފައިވާ ކަމަށް" އެޑްވޮކެސީ ޗެމްބާއިން ބުނެއެވެ.

އެސްޖޭ ކޮންސްޓްރަކްޝަން އަކީ ހައުސިން މިނިސްޓްރީގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ތެރޭގައި އަންލިމިޓެޑްކޮށް ބިޑްކުރެވޭ ގޮތަށް ކެޓަގަރައިޒް ކޮށްފައިވާ ކުންފުންޏެއް ކަމަށް އެ ލޯ ފާމް އިން ބުނެއެވެ.

އެޑްވޮކެސީ ޗެމްބާއިން އިތުރަށް ބުނެފައިވަނީ އެ ޕްރޮޖެކްޓް އެވޯޑްކޮށްފައިވަނީ ކޮމްޕެޓިޓިވް ބިޑީން ޕްރޮސެސްއެއްގެ ތެރެއިން ކަމަށް ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ވޭތުވެ ދިޔަ ސަރުކާރުންނާއި މިހާރުގެ ސަރުކާރުންވެސް ބިޑްކުރުމަކާ ނުލާ ސިންގަލް ސޯސްކޮށް ގިނަ ޕްރޮޖެކްޓްތަކެއް އެވޯޑްކޮށްފައިވާއިރު، އެ ޕްރޮޖެކްޓްވެސް އެވޯޑްކޮށްފައިވަނީ ސިންގަލް ސޯސްކޮށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27 ގައި ބަޔާންކޮށްފައިވާ އުސޫލުގެ ތެރެއިން ކަމަށް އެ ލޯ ފާމް އިން ބުންޏެވެ.

އެހެންކަމުން އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ގާނޫނާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާ ކަމަށް ދައްކައި، އެކުންފުނީގެ ނަން ހުތުރުވާގޮތަށް ވާހަކަ ދައްކަމުންދާއިރު އެ ވާހަކަތައް ގަބޫލު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް