ޒިކުރާ މިސްކިތުގެ މަައްސަލަ: ޑަބްލިއު އެންޑް އޭ ކުންފުނީގެ މައްސަލައެއް ފުލުހަށް ފޮނުވަން ލަފާ ދީފި

ޒިކުރާ މިސްކިތް ހުރި ތަން މިހާރު -- ސަން ފޮޓޯ

މިދިޔަ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީއިން ޒިކުރާ މިސްކިތް އިމާރާތް ކުރަން ހަވާލު ކުރުމުގެ ތެރޭގައި ހިނގާފައިވާ ބައެއް ކަންކަން ތަހުގީގު ކުރަން ފެންނަ ކަމަށް ބުނެ އެ މައްސަލަ ފުލުހަށް ފޮނުވަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލަފާ ދީފި އެވެ.

ޒިކުރާ މިސްކިތް ހެދުމަށް ހަވާލު ކުރީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ މުއާމަލާތާ ގުޅޭ ތަހުގީގެއް ހިންގުމަށް ފަހު އޭސީސީއިން ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދާއި، އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، މ. މުހައްމަދީއާބާދު، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އެ މަޝްރޫއު އެސްޖޭއާ ހަވާލު ކުރި ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އިސްލާމިކް މިނިސްޓްރީއިން އެދުނު ކަމަށް އޭސީސީގެ ތަހުގީގުން ވަނީ ދައްކައިފަ އެވެ. ނަމަވެސް އެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލެއްގެ ހޯދާފައިވާ ކަމަށްވެ އެވެ. އެ ތިން ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، އެ ޕްރޮޕޯސަލްތަކުގެ މައުލޫމާތު ރައީސް އޮފީހަށް ފޮނުވާފައި ކަމަށްވެސް އޭސީސީއިން ބުނެފައިވެ އެވެ.

ޒިކުރާ މިސްކިތުގެ މަޝްރޫއު ހަވާލު ކުރުމުގެ މުއާމަލާތުގެ އެކި މަރުހަލާތަކުގައި ޑަބްލިއު އެންޑް އޭ އޯވަސީސް ޕީޓީއީ ކުންފުނިވެސް ހިމެނެ އެވެ. އެ މުއާމަލާތުގެ ތެރޭގައި އެ ކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެ އެކަން ފުލުހުންނަށް ހުށަހެޅުމަށް އޭސީސީއަށް ލަފާ ދީފައިވާނެ ކަމަށް މިއަދު ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

"...ޑަބްލިއު އެންޑް އޭ އޯވަރސީސް ޕީޓީއީއާއި އެކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެމައްސަލައިގައި ހިމެނޭ އެބައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށް އޭސީސީއަށް ވާނީ ލަފާދީފައެވެ،" ޕީޖީ އޮފީހުން މިއަދު ބުނެފައިވެ އެވެ.

ޑަބްލިއު އެންޑް އޭ ކުންފުންޏަކީ ސިންގަޕޫރުގައި ރަޖިސްޓާކޮށްފައިވާ ކޮންސްޓްރަކްޝަން ކުންފުންޏެކެވެ. އެ ކުންފުނީގެ އޮފީހެއް ރާއްޖޭގައިވެސް ހުރެ އެވެ.

comment ކޮމެންޓް