މެލޭޝިއާގެ ސަބާ ސްޓޭޓްގެ އިންތިހާބު އެގައުމުގެ ވެރިކަން ކުރާ ކޯލިޝަނުން ކާމިޔާބުކޮށްފި

މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން (މ)--

މެލޭޝިއާގެ ސަބާ ސްޓޭޓްގެ ލެޖިސްޓޭޓް އެސެމްބްލީގެ އިންތިހާބު އެ ގައުމުގައި މިހާރު ވެރިކަންކުރާ ކޯލިޝަނުން ކާމިޔާބުކޮށްފި އެވެ.

ސަބާ ސްޓޭޓްގެ އިންތިހާބް ސަރުކާރަށް ކާމިޔާބުވުމުން ސަރުކާރު ކޯލިޝަންގެ ބާރުއެބައޮތްކަން ހާމަވެއްޖެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ ސްޓޭޓްގެ އިންތިހާބް ނާކާމިޔާބު ވެއްޖެ ނަމަ އެއީ މުހްޔިއްދީން ސަރުކާރު ވެއްޓުމުގެ ނިޝާނެއް ކަމަށް ވެސް ސިޔާސީ ތަޖުރިބާކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ސަބާ ސްޓޭޓްގެ މެޖޯރިޓީ އޮންނަނީ އިދިކޮޅުގަ އެވެ. ނަމަވެސް އިއްޔެ ބޭއްވި އިންތިހާބުގައި މުހްޔިއްދީން ނިސްބަތްވާ ޕެރިކަތާން ނެޝަނަލް ޕާޓީއާއި އެ ޕާޓީއާ ގުޅިފައިވާ އެހެން ޕާޓީތަކުގެ މައްޗަށް އެކުލެވޭ ކޯލިޝަނުން ވަނީ ސަބާ ސްޓޭޓްގެ 73 ގޮނޑީގެ ތެރެއިން 38 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ސަބާ ސްޓޭޓް ކާމިޔާބުކުރި އިރު ދާދި ފަހުން މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ވިދާޅުވީ އެގައުމުގެ މިހާރުގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން މަގާމުން ދުރުކުރަން ޕާލިމަންޓްގެ މެޖޯރިޓީ ލިބިފައިވާ ކަމަށެވެ.

ނަމަވެސް އަންވަރަށް ސަޕޯޓްކުރާ ޕާލެމަންޓްގެ މެމްބަރުންގެ ނަންތައް ހާމަކުރަން އޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

މެލޭޝިއާގެ ރަސްގެފާނު އާލާސްކަންފުޅާ އުޅުއްވާތީ އަންވަރާ އެކު ބާއްވަން އޮތް ބައްދަލުވުން ދާދި ފަހުން ވަނީ ފަސްކުރައްވައިފަ އެވެ.

ކޮވިޑް-19 އާ ހުރެ މެލޭޝިއާގެ ސަރުކާރަށް ސިޔާސީ ގޮތުން ދަނީ ބޮޑެތި ފިއްތުންތަކާ ކުރިމަތިވަމުންނެވެ.

ކޮރޯނާއާ ގުޅިގެން މުހްޔިއްދީންގެ ސަރުކާރުން ވަނީ 73.16 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ތައާރަފްކުރައްވައިފަ އެވެ. އެ ޕެކޭޓް ތައާރްފްކުރީ ސަބާ ސްޓޭޓްގެ އިންތިހާބް ބޭއްވުމުގެ ތިން ދުވަސް ކުރިންނެވެ.-- އަލްޖަޒީރާ

ގުޅޭ ޓެގު
comment ކޮމެންޓް