ބާސާ - ސުއަރޭޒް ފިލްމުގެ ނުބައިބައި ކުޅުނީ އަހަރެންނެއް ނޫން: ކޫމަން

ސްޕެނިޝް ލީގުގައި ޑިޕޯޓިވޯ ލަ ކޮރޫނާއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ތެރޭން. 4-0 ލަނޑުން ބާސާ މޮޅުވި މެޗުގައި އެޓީމަށް ލަނޑު ޖަހައި ދިނީ ލުއިސް ސުއަރޭޒް 2 ލަނޑު އަދި ޕައުލީނިއޯ 2 ލަނޑު-- ފޮޓޯ: ގެޓީ

ބާސެލޯނާގެ ކުރީގެ ފޯވާޑް ލުއިސް ސުއަރޭޒް އެކުލަބު ދޫކޮށްލަން އެންގުމާއެކު ކުލަބުގެ ތެރޭގައި ހިނގި "ހާޖާނު"ގެ ޒިންމާ ނުނަގާނެ ކަމަށް އެކުލަބުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

އުމުރުން 33 އަހަރުގެ ސުއަރޭޒް ބާސެލޯނާ ދޫކޮށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބަދަލުވީ ވާދަވެރި އެތުލެޓިކޯ މެޑްރިޑަށެވެ. ބާސެލޯނާގެ އާ ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުން އޭނާ އަށް ފުރުސަތެއް ނެތްކަން އެނގުނު ހިސާބުން ސުއަރޭޒް ވަނީ އެހެން ކްލަބްތަކާ ވާހަކަ ދައްކަން ފަށައިފަ އެވެ. އެގޮތުން ޔުވެންޓަސްއާ އެކު ވެސް ވާހަކަތަކެއް ދެކެވުނު އިރު، އެތުލެޓިކޯއަށް ބަދަލުވާން ސުއަރޭޒް ނިންމީ ސްޕެނިޝް ލީގުގައި މަޑުކުރުމުގެ ގޮތުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނަމަ ސުއަރޭޒްއާ އެކު ބާސެލޯނާގެ ސީނިއާ ކުޅުންތެރިންތަކަކަށް އެ ޓީމުގެ ކޯޗު ވަނީ ކުރީ ސީޒަނުގެ ނާކާމީޔާބީއަށް ފަހު ޓީމު ދޫކޮށްލަންޖެހޭކަން އަންގައިފަ އެވެ. އެކަމަކު އެވާހަކަތަކުގައި ހުރީ ހުސް ތެދުވާހަކަތައް ނޫންކަމަށް ބުނެ ކޫމަން ވަނީ ސުއަރޭޒްއާ ދެމެދު ކަންތައް ހިނގިގޮތް މީޑިއާއަށް ތިލަ ކޮށްދީފަ އެވެ.

"އަހަރެން މަޖުބޫރެއް ނުކުރަން ސުއަރޭޒް ކުލަބު ދޫކޮށްލާކަށް. އޭނާ ބޭނުން ނަމަ މަޑުކުރެވުނީސް. އެކަމަކު ކުރިން ލިބުން ކަހަލަ ރޯލެއް ދެން ކުލަބުން ނުލިބިދާނެ،" ކޫމަން ބުންޏެވެ.

ކޫމަން ބުނީ ބާސެލޯނާގެ ޓްރާންސްފާގައި އުފެދުނު ހާޖާނުގެ ތެރޭގައި އޭނާ ވަނީ "ނުބައިބައި ކެރެކްޓަރެއް"ގެ ގޮތުގައި ލޭބަލް ވެފަ އެވެ. އެކަމަކު އެއީ ހަގީގަތާ ޙިލާފު ވާހަކަތަކެއް ކަމަށްބުނެ ކޫމަން ވަނީ އެކަމުގެ ކަންބޮޑުވުންތައ ފާޅުކޮށްފަ އެވެ.

"ސުއަރޭޒްގެ ކަންތަކުގައި އެންމެ ފުރަތަމައިން އޭނާއާ ވާހަކަ ދެއްކި ހިސާބުން ވެސް އަހަރެން އޭނާއަށް އިހުތިރާމް ކުރިން. އަދި ޓީމުގައި މަޑުކުރަން ބޭނުން ނަމަ ކުރެވިދާނެ ކަމަށާއި، އެކަމަކު ޓީމުން ދެން ޖާގަ ހޯދުމަށް އުންދަގޫވާނެ ކަމަށް އޭނާއަށް ވިސްނައިދިނިން،"

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށްލަން ހުށަހަޅައި ފަހުން އެ ނިންމުން ބަދަލުކުރަން ޖެހުމުން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ހުރީ ހިތްހަމަނުޖެހިފަ އެވެ. ސުއަރޭޒް ވިއްކާލުމާ ގުޅިގެން މެސީ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ކްލަބް ދޫކޮށްލިއިރު ސުއަރޭޒަށް ހައްގުވާ ވަރުގެ މަސައްކަތެއް ބާސެލޯނާ އިން އޭނާ އަށް ކޮށްނުދޭ ކަމެވެ.

"މެސީގެ ހިތްހަމަ ނުޖެހުން އެކަމުގައި އައުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން. އޭނަގެ ގާތް ރައްޓެއްސެއް ސުއަރޭޒް އެއީ. މެސީއާ ދޭތެރޭ ޝައްކެއް ނެތް. ފަރިތަކުރުންތަކުން ޕޮޒިޓިވްކޮށް ފެންނަނީ،" ކޫމަން ބުންޏެވެ.

comment ކޮމެންޓް