ފަހަތުން އަރައި ޖެހި ތިން ލަނޑުން ޗެލްސީ ސަލާމަތްވެއްޖެ

ޗެލްސީއާއި ވެސްޓް ބްރޯމް ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން --- ފޮޓޯ//ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ބްރޯމް ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައިވަނިކޮށް، ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ޗެލްސީ ޕޮއިންޓެއް ހޯދައިފި އެވެ.

ވެސްޓް ބްރޯމްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު 3-3ގެ ނަތީޖާއަކުން އެއްވަރުވި އިރު، މިހާތަނަށް ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ޗެލްސީ އޮތީ ތާވަލުގެ ހަވަނައިގަ އެވެ. އަދި ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ވެސްޓް ބްރޯމް އޮތީ 16 ވަނައިގަ އެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި 222 މިލިއަން ޕައުންޑް ހަރަދުކޮށްފައިވާ ޗެލްސީން، ރޭގެ މެޗުގައި މިފަހުން ޕީއެސްޖީން އެކުލަބަށް ގެނައި ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ މުޅިން އަލަށް އެ ޓީމަށް ކުޅެފަ އެވެ. ޗެލްސީން ވަނީ މި މެޗުގައި އޭނާއަށް ކެޕްޓަން ބޭންޑް ދީފަ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗު ފަށައިގެން ހަތަރު ވަނަ މިނަޓުގައި ވެސްޓް ބްރޯމްއިން ވަނީ ލީޑު ނަގައިފަ އެވެ. އެ ޓީމުގެ ވިންގަކަށް ކުޅެމުން އަންނަ މަތެއުސް ޕެރެއިރާ ދިން ޕާހަކުން އެ ގޯލު ޖެހީ ކަލުމް ރޮބިންސަން އެވެ.

މެޗުގައި ވެސްޓް ބްރޮމުން ލީޑު ފުޅާކުރީ 25 ވަނަ މިނެޓުގަ އެވެ. ތިއާގޯ ސިލްވާ ހެދި ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ވެސްޓް ބްރޮމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި ކަލުމް ރޮބިންސަނެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޑާނެލް ފާލޯންގުގެ އެހީއާ އެކު ކައިލް ބާޓްލީ ވަނީ ވެސްޓް ބްރޮމުގެ ތިންވަނަ ލަނޑު ޖަހައިފަ އެވެ.

ފުރަތަމަ ހާފުގައި ބައިކޮޅަށް ވަން ގޯލުތަކާ އެކު ޗެލްސީން ދެވަނަ ހާފު ފެށީ ވަރުގަދަޔަށެވެ. ބަދަލުތަކަކާ އެކު އެ ހާފު ޗެލްސީން ފެށި އިރު އެ ހާފުގެ 10 ވަނަ މިނަޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލަށް އަމާޒު ކޮށްލީ ޒުވާން ފޯވާޑް މޭސަން މައުންޓް އެވެ.

އެއަށްފަހު މެޗުގެ 70 ވަނަ މިނެޓުގައި ކައި ހަވާޓްޒް ދިން ޕާހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކަލުމް ހަޑްސަން-އޮޑޯއި ވަނީ ޗެލްސީއަށް ފަރަގު ކުޑަކޮށްދީފަ އެވެ. މި މެޗުން ޗެލްސީ ބަލިނުވެ ސަލާމަތްވީ އިތުރު ވަގުތުގައި ޓެމީ އަބްރަހަމް ކާމިޔާބުކުރި ލަނޑުންނެވެ.

މީގެ އިތުރުން ރޭ މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓޮން ބައްދަލު ކުރި މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއްގެ ފައިދައި ނަގައި ޔުނައިޓެޑުން ވަނީ ލީގުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ. އެ މެޗުގައި ޔުނައިޓެޑަށް ގޯލުތައް ޖަހައިދިނީ މާކަސް ރަޝްފޯޑްއާއި ބްރޫނޯ ފަނަންޑޭޒް އެވެ. އަދި އެ ޓީމުގެ ފުރަތަމަ ގޯލަކީ ބްރައިޓަނުގެ ކެޕްޓަން ލެވިސް ޑަންކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ބްރައިޓޮންއިން އެ މެޗުގައި ޖެހި ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ނީލް މޯޕޭއާއި ސޮލީ މާޗް އެވެ.

comment ކޮމެންޓް