ހޯނޑެއްދޫގެ ކޭސްތަކުގެ އަސްލަކީ އެންމެ ސޯސްއެއް، ކަރަންޓީނާ ހިލާފުވި ކަމުގެ ހެއްކެތް ނެތް: ޑރ. ނަޒްލާ

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ--

ގދ. ހޯނޑެއްދޫ އިން ދާދި ފަހުން ފެނުނު ގިނަ އަދަދެއްގެ ކޮވިޑް ކޭސްތަކުގެ އަސްލަކީ އެންމެ ސޯސްއެއް ކަމަށާއި އެ ރަށުގައި ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނާ ހިލާފުވި ކަމުގެ ހެއްކެތް ނެތް ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ހޯނޑެއްދޫން ކޮވިޑްގެ ގިނަ ކޭސްތަކެއް މިފަހުން ފެނުމުންް ފުލުހުންނާއި ސިއްހީ ހިދުމަތްތަތައް ދޭ ފަރާތްތަކާ ގުޅިގެން އެކަން ހިނގި ގޮތް ވަރަށް ބޮޑަށް ބެލި ކަމަށެވެ.

"ސީދާ ހޯމް ކަރަންޓީނުގައި ހުރި މީހަކު ނިކުތްކަމުގެ ޕްރޫޕްއެއް މިހާތަނަަކަށް ލިބިފައެއް ނެތް. އެހެން ނަމަވެސް މިހާތަނަށް ފެނުނު ކޭސްތަކަކީ ފުރަތަމަ އެތަނުން ފެނުނު އިންޑިޕެންޑެންޓް ދެ ކޭސްއާ ގުޅުން ހުރި، އެމީހުންގެ ކޮންޓެކްޓްސްގެ ތެރެއިން ޕޮޒިޓިވް ކޭސްތަކަކަށް ވާތީ އެއް ޗެއިން އޮފް ޓްރާންސްމިޝަން މިއުޅެނީ. އެހެންވީމާ ލޯކަލް ސްޕްރެޑެއްގެ ގޮތުގައި މިއޮތީ." ޑރ. ނަޒްލާ ވިދާޅުވި އެވެ.

ހޯނޑެއްދޫން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައި ވަނީ މިމަގުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު ޕޮޒިޓިވްވެފައި ވަނީ ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އަދި ހަމަ އެ ދުވަހު އެމީހުންނާ ލިންކެއް ނެތް ދެ މީހެއްގެ ގައިން އަލާމާތްތައް ފެނިގެން އިތުރު ދެ މީހެއްގެ ގައިން ނެގުނު ސާމްޕަލްތައް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ މީހުންނާ ބައްދަލުވި މީހުންގެ ފަރާތުން ރަށުގެ އެހެން މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ.

ހޯނޑެއްދޫން މިހާތަނަށް ކޮވިޑް ޖެހިފައިވާ 45 މީހުން ވަނީ ފެނިފަ އެވެ.

comment ކޮމެންޓް