"ބައްޕާ އަޅުގަނޑު..." ޒީޝާން ހިތްވަރުކޮށްފައި ވާހަކަ ފެށިއެވެ.

"އަޅުގަނޑު އަޅުގަނޑުގެ ޙަޔާތަށް ގެންނަން ބައިވެރިއަކު އިޚްތިޔާރުކޮށްފީމޭ ބުނެފިނަމަ..." ވަކި ހިސާބަކަށް ބުނެފައި ޒީޝާން މަޑުޖެހިލިއެވެ. އޭނާއަށް އިތުރަށް ވާހަކަ ކުރިއަށް ގެންދާނޭ ގޮތެއް ނޭނގުނީއެވެ. ޖެހިލުންވެ ހާސްވީވަރުން ހިންދިރުވައިލެވުނީ ވެސް އުނދަގުލުންނެވެ. މީގެކުރިން މިއީ އެހާ އުނދަގޫ ވެދާނޭ ކަމެއްކަމުގައި ޒީޝާންއަށް ވިސްނިފައިނެތެވެ.

"ދަރިފުޅާ މީހަކާ އިންނައިރު އެއީ ކާކުކަމާ, އޭނާގެ އަޚުލާގަށް ވެސް ބަލަންޖެހޭނެއެއްނު. މި ޒަމާނުގައި ފެންނަ ކޮންމެ ކޮންމެ މީހަކާ ރައްޓެހިވުމަކީ ވެސް ރަނގަޅުގޮތެއް ނޫން!. މަންމަމެން ދުވަހަކުވެސް ނޭދެން ދަރިފުޅަށް ދެރަގޮތެއްވާކަށް. މަންމައާ ބައްޕަގެ ދުޢާއަކީ އަބަދުވެސް ދަރިފުޅު އުފަލުގައި ހުރުން..." ހިންދު ވާހަކަ ދައްކަމުން، އޭނާގެ ލޯބިވާ ދަރިފުޅަށް ބަލައިލިއެވެ.

"ތެދެއް ދަރިފުޅާ؟ އެއީ ކޮންކުއްޖެއްތަ؟ މަންމަ އެބުނި ހުރިހާ ކަމަކީ ވެސް މިޒަމާނުގައި ކުއްޖެއް އިޚްތިޔާރު ކުރާއިރު ބަލަންޖެހޭ ކަންތައްތައް!" އިލްހާމްއަށް ވެސް ސުވާލެއް ކޮށްނުލާ ނީނދެވުނެވެ. އޭނާގެ ދަރިފުޅުގެ ހިތް އަތުލީ ކޮން ޒުވާނެއްކަން އޭނާ ވެސް ވަނީ އެނގެންބޭނުންވެފައެވެ. އެ ދަރިފުޅަށް އޭނާ އިތުބާރުކުރެއެވެ. ޒީޝާން ގޯސް ކުއްޖެއް އިޚްތިޔާރެއް ނުކުރާނެއެވެ.

"އަރްޒަން... އެއާރލައިންގެ ކެޕްޓަންއެއް." މަޑުމަޑުން ބުނެލުމާއެކު، ޒީޝާން އިސްޖަހައިލި އެވެ. މަންމަމެންގެ މޫނުމައްޗަށް އަރާނެ ކުލަވަރު އެ ގަޑީގައި ބަލައިލަން ކިތަންމެ ބޭނުންވެފައި ހުރިނަމަވެސް، ޒީޝާންއަށް އިސްއުފުލައިލާކަށް ނުކެރުނެވެ. ނުތަނަވަސްކަމާއެކު، ޒީޝާން ދެއަތް ދެއަތާ މޮޑެން ފެށިއެވެ. ޚާއްސަކޮށް އިލްހާމްއާ ހިންދުގެ ފަރާތުން ޖަވާބެއް ނުލިބުން ވެގެން ދިޔައީ ޒީޝާންގެ ހާސްކަން ދެގުނަވި ސަބަބަކަށެވެ. އަރްޒަން ގެއްލެނީބާއޭ އޭނާގެ ހިތަށް އެރިއެވެ. ހިނދުކޮޅަކަށް ވެސް އޭނާގެ މައިންބަފައިން އޭނާގެ އުފާތަކަށް ވުރެ އަމިއްލަ އެދުން އިސްކޮށްފާނޭ އޭނާއަށް ހީކުރެވުނެވެ. އެ ކުށްހީގެ ސަބަބުން ޒީޝާން މާޔޫސްވާ ގޮތްވިއެވެ.

"އަރްޒަންއަކީ ރަނގަޅު ކުއްޖެއްކަން ބައްޕައަށް އެނގޭ. ދަރިފުޅުގެ އުފާތަށް ވަނީ އަރްޒަންއާއެކު ކަމަށްވަންޏާ ބައްޕަމެނަށް މައްސަލައެއް ނެތް... ބައްޕަމެންނަށް އަބަދުވެސް މުހިންމީ ދަރިފުޅު އުފާތައް. އެކަމަކު ދަރިފުޅު އެނގެން ބޭނުންތަ ދަރިފުޅަށް ހުށައެޅުމެއް ލިބުނީ ކޮން ކުއްޖެއްގެ ފަރާތުންކަން؟ އެއީ ވެސް ޕައިލެޓެކޭ. ހަމަ ތި އެއާލައިންގައި މަސައްކަތްކުރާ ކުއްޖެއް. އުމަރުގެ އެހެން ކުދިން ވިޔަފާރީގެ ތެރޭގައި އުޅުނަސް އެންމެ ދޮށީ ކުއްޖާ ޚިޔާރުކުރީ މުޅިން ތަފާތު ދާއިރާއެއް."

އިލްހާމްގެ ސުވާލާއެކު ޒީޝާން އިލްހާމްއަށް ބަލައިލިއެވެ. އެއީ ކާކުކަން އެނގުމުގެ ޝައުގުވެރިކަން ޒީޝާންގެ ހިތުގައި އުތުރިގަތެވެ. އެކަމަކު ސީދާ އެހެން ބުނާނަށް އޭނާއަކަށް ނުކެރުނެވެ. ހިމޭންކަމުގައި ޒީޝާން އިންދާ، ޒީޝާންގެ އެ

ހިމޭންކަމުގެ މާނަ ފަހުމްވި އިލްހާމް ވާހަކަ ދެއްކިއެވެ. އިލްހާމް ރާކިންގެ ނަން ހާމަކޮށްލުމާއެކު ޒީޝާންއަށް ލިބުނު ސިހުމުގައި ދެލޯ ބޮޑުކޮށްލެވުނެވެ. ހިނދުކޮޅަކު ބަސްހުއްޓިފައި އިނދެފައި ވާހަކަ ދެކެވުނީ ވެސް އިރުކޮޅެއް ފަހުންނެވެ.

"ރާކިން! ރާކިންއަށް އެނގޭތަ؟"ޒީޝާންއަށް އަހައިލެވުނެވެ. ހާސްކަމާއެކު އޭނާއަށް ނިތުގައި އަތް ހިންގައިލެވުނެވެ. ރާކިން އޭނާއާ ހެދި އެހާ ވަރުން އެ އުޅެނީ އެކަން އެނގޭތީ ހެއްޔެވެ؟.

"ހިޔެއްނުވޭ. އެންމެ ފަހުން ދިމާވި ދުވަހުވެސް އުމަރު ބުނީ ރާކިންއާ ވެސް އަދި އެވާހަކައެއް ނުދައްކަމޭ. މިކޮޅުން ޖަވާބެއް ލިބުނީމަ ދައްކަންވެގެންނޭ މަޑުކުރީ. އެކަމަކު ދެން އެ ވާހަކަ ވެސް ތަންކޮޅެއް އަވަހަށް ރާކިންއާ ދައްކައިލާ ޚިޔާލު ހުރި ނެތްގޮތެއް ބަލައިލަންވީއޭ. އަދި ބުނި އެމީހުންގެ އެއްވެސް ނިންމުމަކަށް ރާކިން ދެކޮޅެއް ނަހަދާނެޔޭ. އެހާވަރު ޔަޤީންކަން އޮތީމަ ކަންނޭނގެ ނުބުނެ އެ މަޑުކުރީ..." އިލްހާމް ތަފުސީލު ކޮށްލަދިނެވެ.

ޒީޝާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މިއީ އިއްތިފާގެއް ހެއްޔެވެ؟ ނޫނީ ތަޤުދީރު އޭނާއާ ކޮށްލާ ސަމާސާއެއްހެއްޔެވެ؟ އެކަން ރާކިންއަށް އެނގޭނަމަ އަދި ޙާލަކީ ކޮބައިހެއްޔެވެ؟

"ބައްޕާ. އަރްޒަން އަކީ ރަނގަޅު ކުއްޖެއް. އަޅުގަނޑަށް ވެސް އެނގޭ ޒޭން ބޮޑުވީ ކުޑަކުދިންގެ ހިޔާގައިކަން. އެކަމަކު..."

"ޒީ... ރިލެކްސް ދަރިފުޅާ... އިޓްސް އޯކޭ އޭ. ދަރިފުޅަށް ހީވަނީތަ ބައްޕަމެން ދަރިފުޅުގެ ޙަޔާތައް ގެންނަ ކުއްޖާއަށް ފުރުސަތުދޭނީ ތި ދެމެދުގައި ހުރި، ނެތް ފަރަގަށް ބަލާފައޭ... އެހެންނޫނަސް މުއްސަނދިންނާ ފަޤީރުން އަޅާ ކިޔުމަކީ އެއް އިރެއްގައިވެސް ބައްޕަމެން ބޭނުންވާ ކަމެއް ނޫން... މީހާގެ އަގު މުޖުތަމައުގައި އަރާނީ އެމީހާގެ އަޚުލާގުން، ރީތި އުޅުމުން. ދިރިއުޅުމުގައި ހުރިހާ އެއްޗަކީ މުއްސަނދިކަމާ، މުދަލާ، ފައިސާއެއް ނޫން. ދެން އަނެއްކަމަކީ... ބައްޕަމެނަށް ދަރިފުޅުގެ އުފާވެރިކަން މާ މުހިންމު. މާ ބޮޑަށް ވެސް މުހިންމު!" އިލްހާމް ބަލައިލީ ހިންދުއަށެވެ. ހިންދުވެސް ޒީޝާންއަށް ހިނިތުންވުމެއްދެމުން ބޯ ޖަހައިލިއެވެ.

"ޔޫ އާރ ދި ބެސްޓް!" ޒީޝާންއަށް ބުނެވުނެވެ. އޭނާގެ ލޮލަށް އުފާވެރިކަމުގެ ކަރުނަ ޖަމާވީ އިޚްތިޔާރަކާނުލައެވެ. އޭނާއަށް ލިބުނު އެ މަތިވެރި ނިޢުމަތަށްޓަކާ އޭނާ އެތައްފަހަރަކު ﷲ އަށް ޙަމްދުކުރިއެވެ. އޭނާގެ އުފަލަށްޓަކާ ޤުރުބާންވާން ތައްޔާރަށް ތިބި ބައެއްކަމުގައި އޭނާގެ މައިންބަފައިން ވުމަކީ ހަމަ ހަޤީގަތުގައި ވެސް އޭނާ އެކަމާ ފަޚުރުވެރިވާކަމެކެވެ. ސޯފާއިން ތެދުވެގެން ގޮސް ޒީޝާން އޭނާގެ މަންމަ ހިންދުގެ ގައިގައި ބައްދައިލިއެވެ.

*****

ރޭގަނޑެކެވެ. ކެއުމުގެ ވަގުތުގައި އުމަރާއި އޭނަގެ އަންހެނުން ނަދީމާގެ އިތުރުން ރާކިންއާ ރާކިންގެ ހަގަށް ތިބޭ ދެ ފިރިހެން ކުދިންވެސް ތިއްބެވެ. ރާކިންގެ އަންހެން ކޮއްކޮ ރީނާ އުޅެނީ މީހަކާ އިނދެގެން ފިރިމީހާގެ ގޭގައެވެ.

"ރާކިން! ދަރިފުޅާ ދައްކައިލަން ވެފަ އޮތް ވާހަކައެއް އެބައޮތޭ..." ތަށީގެ ތެރެއަށް އޫ ދޫކޮށްލަމުން އުމަރު ވާހަކަ ދެއްކިއެވެ.

"މިގަޑީގައިތޯ؟" ރާކިން އަހައިލިއެވެ.

"ނޫނޭ ކައި ނިންމާލައިގެން..."

ކައިގެން އެހެން އެންމެން ކޮޓަރިއަށް ދިޔުމާއެކު އުމަރާއި ނަދީމާއާއި އަޔާން އާ ތިން މީހުން މަޑުކޮށްލީ ސިޓިންރޫމް ސޯފާގައެވެ.

"ދަރިފުޅު ވެސް ކޮންމެވެސް ދުވަހަކުން ޒަވާޖީ ޙަޔާތެއް ފަށަންޖެހޭނެ. މިހާރު ދެން ކިޔަވާވެސް ނިމިއްޖެއެއްނު... އަނެއްކޮޅުން މިހާރު ކައިވެނިކުރާ އުމުރުތީ. އެހެންވީމަ ދެން އެކަހަލަ ކަމަކާ ވިސްނަންވެއްޖެ ހެން ބައްޕައަށް ހީވަނީ. ދަރިފުޅަކީ އާއިލާގައި އެންމެ ދޮށްޓަށް ހުރި ކުއްޖާ! ކޮއްކޮ ވެސް ކައިވެނިކޮށްފި. ދުވަސްކޮޅަކުން ދެން ތިބި ދެކުދިންވެސް ނޭނގެ ކައިވެނި ނުކުރާނެކަމެއް." އުމަރު ރާކިންއަށް ފުންނަޒަރަކުން ބަލައިލިއެވެ. އޭނާގެ ވާހަކަތަކުން ރާކިންއަށް އަންނަމުންދިޔަ ބަދަލުތައް، އޭނާ ވަރަށް ކައިރިން ދިރާސާކުރިއެވެ. އެ މޫނުމަތިން އޭނާއަށް ފެނުނީ ކަންބޮޑުވުމެވެ. ހާސްކަމެވެ. އެ އަސަރުތަކުން އޭނާއަށް ރާކިން އަދި އެފަދަ ކަމަކާ ނުވިންނާކަން ދެނެގަނެވުނެވެ.

"ދަރިފުޅު އަދި އެކަހަލަ ކަމަކާ ނުވިސްނަންޏާ އެބަހުރި ހަމަ ވަރަށް ރަނގަޅު ކުއްޖެއް."

"ބައްޕާ އަދި އަޅުގަނޑު..."

"އެހަށް ބައްޕަ ދައްކާ ވާހަކަ އަޑު އަހާލާ ދަރިފުޅާ... އެއީވެސް ހަމަ ތި އޮފީހުގައި މަސައްކަތް ކުރާ ކުއްޖެކޭ... ދަރިފުޅަށް އެނގޭނެ ކަންނޭގެ އިލްހާމް... އިލްހާމްގެ ދަރިފުޅު ޒީޝާން. ބައްޕަ އެ ވާހަކަ ކުޑަކޮށް އިލްހާމްއާ ވެސް ދައްކައިލައިފިން. މިހާރު ދުވަސް ކޮޅެއްވެސް ވެއްޖެ!. އަދި އެކޮޅުން ޖަވާބެއް ނުލިބޭ. އެކަމަކު ވެސް މި ވާހަކަ ކުޑަކޮށް ދަރިފުޅާ ދައްކައިލާފަ ބާއްވަންވެގެން މި ބުނެލީ. ކޮންމެގޮތެއް ވިޔަސް ދަރިފުޅުގެ ޚިޔާލެއް ވެސް ހޯދާލާފަ ތާ ބާއްވަން ޖެހޭނީ... " އުމަރު ކުޑަކޮށް އޮޅުން ފިލުވައިލަދީފައި ރާކިންގެ ފަރާތުން ޖަވާބަކަށް އިންތިޒާރު ކުރިއެވެ. ރާކިންގެ މޫނުމަތި ހިސާބަކަށް އުޖާލާވިކަން އުމަރަށާއި ނަދީމާއާ ދެމީހުންނަށް ވެސް ފާހަގަވިއެވެ.

"ބައްޕައަށް ހީވަނީ ދަރިފުޅު ވެސް ގަޔާވާ ކުއްޖެއްހެން ޒީޝާންއަކީ. އެހެންވީމަ އިލްހާމްގެ ޖަވާބެއް ބައްޕައަށް ލިބުނުހާ އަވަހަށް ބުނެލާނަން..." އުމަރު ބުނެލިއެވެ. ރާކިންގެ ހިތުގައި ނިވެމުންދިޔަ އުންމީދުގެ ހުޅުކޮޅު ދިއްލުނީ އެރެއެވެ. ޒީޝާން ލިބިދާނޭކަމުގެ ކުޑަވެސް އިޝާރާތެއް އޭނާއަށް ލިބުނު ފަދައެވެ.

*****

އިލްހާމް އުމަރަށް ޖަވާބު ދިނުމާއެކު، އުމަރު އެ ވާހަކަ ރާކިން އާ ނަދީމާއާ ހިއްސާކުރިއެވެ. އެހާ ބޮޑަށް އުންމީދުކޮށްގެން ހުއްޓައި ލިބުނު ނުބައި ޚަބަރާއެކު، ރާކިންގެ ހިތުގައި އަރްޒަންއަށް އޮތް ރުޅިގަނޑު ކެކި އަރަންފެށިއެވެ. އެ ޚަބަރާއެކު، ޒީޝާން ލިބިފައި ގެއްލުނުހެން ހީވި ރާކިންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ކޮންމެ ގޮތަކުން ވެސް އޭނާ ޒީޝާން ހާސިލްކުރަން ބޭނުންވިއެވެ. އެކަންކުރަން އޭނާ ވެއްޓެން ޖެހޭނީ ކޮންފަދަ ދަށުދަރަޖައަކަށްހެއްޔެވެ؟ އެ ދެމެދަށް އޭނާއަށް ވަދެވޭނީ ކިހިނެއް ހެއްޔެވެ؟ ހުރިހާ ވެސް ހުރަހަކީ އަރްޒަންއެވެ.

*****

ޖެހިގެން އައި ހަފްތާގައި އަރްޒަން ޒީޝާންގެ މައިންބަފައިންނާ ބައްދަލުކުރިއެވެ. ރާކިންގެ ވާހަކަ ޒީޝާން އަރްޒަން ކައިރީގައި ބުނީ ވެސް އެ ދުވަހުއެވެ. ޒީޝާން އެ ވާހަކަ ބުނުމުން އަރްޒަންގެ މޫނުމަތިން ހިސާބަކަށް ނުތަނަވަސްކަން ފެނުނެވެ. އެ ނުތަނަވަސްކަން ދުރުކޮށްދިނުމަށް ޒީޝާން ބުނީ، އޭނާއާއެކު އަރްޒަން ހުރިހާ ދުވަހަކު ދުވަހަކުވެސް އަރްޒަން ދޫ ކޮށްނުލާނޭ ކަމުގައެވެ. އެއަށްވުރެ ބޮޑަށް އޭނާ އަރްޒަން ދެކެ ލޯބިވާކަމުގައެވެ.

ޒީޝާންގެ ވާހަކަތަކުން އަރްޒަންގެ ހިތުގައި ގަޑުފެން އަޅައިލަދިންފަދައެވެ. އޭނާގެ ހިތުގައި އުފާވެރިކަމުގެ ރާގެއް ކުޅެވުނެވެ.

ކާރު ދުއްވައިލަން ގޮސް އެކުގައި ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހު، ޒީޝާންގެއަށް ލާފައި އަރްޒަން ގެއާ ދިމާލަށް މިސްރާބުޖެހި ވަގުތު އޭނާގެ ފޯނު ރިންގްވިއެވެ. ކާރު އެއްފަރާތުގައި ޕާކުކޮށްލަމުން ފޯނަށް ބަލައިލާ ދެ ވިސްނުމެއްގައި އިނދެފައި އަރްޒަން ފޯނަށް ޖަވާބުދެމުން ކަންފަތުގައި ޖައްސައިލިއެވެ.

"އަރްޒަން... އަޅެ އައި އެމް ސޮރީއޭ... އަލުން އަހަރެން އަރްޒަން ބޭނުން" ގުޅީ ބަތޫލްއެވެ. ބަތޫލްގެ އަޑު ކަންފަތުގައި ޖެހުނުހެންހީނުވެ އަރްޒަން ފޯނު ކަނޑައިލިއެވެ. ދުވަސްކޮޅަކު ބަތޫލްގެ ހަބަރު ނުވުމުން އަރްޒަން ހީކުރީ އޭނާގެ އުނދަގޫތައް ހުއްޓުނީ ކަމަށެވެ.

*****

ޖެހިގެން އައި ހަފްތާގެ އާދީއްތަ ދުވަހު ޒީޝާންއަށް އަރްޒަންއާއެކު ފްލައިޓެއް ޖެހުނު ނަމަވެސް ހުން އައިސްގެން އުޅޭތީ ދެވޭގޮތެއް ނުވިއެވެ. ހަމަ އެ ހަފްތާގެ އަންގާރަ ދުވަހުވެސް އަރްޒަންއާ އެކު ފްލައިޓެއް ޒީޝާންއަށް ޖެހުނެވެ.

ބްރީފިންއަށްފަހު، ފްލައިޓަށް ދާން ހިނގައިގަތްއިރު ޒީޝާންގެ ބޮލުގައި ތޫނު ރިހުމެއްހުއްޓެވެ. ބޭސްގުޅައެއް ކައިލައިގެން އޭނާ ދާން ގަސްތުކުރީ އިރުކޮޅަކުން ރަނގަޅުވާނޭ ކަމަށްހީކޮށެވެ.

ފްލައިޓަށް އެރި ޒީޝާންއަށް އޭނާގެ ބޮލުގައި އަތް ޖައްސައިލެވުނެވެ. ކުއްލިއަކަށް އެރި ތަދާއެކުއެވެ. ވޭނީ އާހްއެއް އޭނާގެ ދެ ތުންފަތް ފޫދުއްވާލާފައި ނުކުތެވެ.

"އާރ ޔޫ އޯކޭ؟" އަރްޒަން ޒީޝާންއާ ކައިރިވެލާފައި ސުވާލުކޮށްލިއެވެ.

"ޔާ އައި އޭމް ފައިން!" ޒީޝާން ހިނިތުންވުމެއް ހަދިޔާކޮށްލަމުން އޭނާއަށް ވަމުންދިޔަ އުނދަގޫ ސިއްރުކުރެވޭތޯ މަސައްކަތް ކުރިއެވެ. އެޙާލަތުގައި ހުރެ އެ ދަތުރު ކުރެވިދާނޭ ކަމާމެދު ވެސް އޭނާއަށް ޝައްކުވިއެވެ. ގެލީ އާ ދިމާލަށް ހިނގައިގަތް ވަގުތު އޭނާގެ ބޮލަށް އެނބުރުން އަރާ ކައިރީގައި ހުރި ގޮނޑީގައި އަތް ޖައްސައިލެވުނެވެ.

"ޒީ... އާރ ޔޫ ޝުއާރ ޔޫ އާރ އޯކޭ؟" އަރްޒަން އަހައިލީ ކަންބޮޑުވެފައެވެ.

"ޔޫ ޝުޑް ހޭވް ޓޭކެން އެން އޮފް ޑޭ އިފްޔޫ އާރ ސްޓިލް ނޮޓް އޯކޭ!" އަރްޒަންއަށް ބުނެވުނެވެ. އޭނާ ހީކުރީ ޒީޝާން ރަނގަޅު ނުވަނީސް ޑިއުޓީއަށް ނުކުތީ ކަމަށެވެ. ޒީޝާންގެ ކޮނޑުގައި އަތް ޖައްސައިލަމުން އަރްޒަން ޒީޝާން އޭނާއާ ދިމާލަށް އަނބުރުވައިލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ޒީޝާންގެ މައްޗަށް އަރަމުންދިޔަ ކަޅިއެވެ. އަރްޒަން ހާސްވިއެވެ.

"ޒީ... ޒީ..." އޭނާ ޒީޝާންގެ އުނަގަނޑުގައި އެއްއަތުން ހިފައްޓައިލީ ޒީޝާންގެ ހަށިގަނޑު އަރި އަޅައިލުމުންނެވެ. މަޑުމަޑުން އަނެއް އަތުން ޒީޝާންގެ ކޯތާފަތުގައި އަތް ޖައްސައިލަމުން އަރްޒަން، އަނެއްކާވެސް ޒީޝާންއަށް ގޮވައިލިއެވެ.

"ޒޭން... އުނދަގޫވަނީ! އައްދޯތް...." ލޯ މެރުމުގެ ކުރިން ޒީޝާންއަށް ބުނެވުނީ ހަމަ އެކަނި އެހެންނެވެ. އޭނާގެ ހަށިގަނޑުން އެކީ ވަރުދޫވެ މީހާގެ ހަށިގަނޑު އަރްޒަންގެ އަތުގެ ތެރެއަށް ދެމިއްޖެއެވެ.

"ޒީ ޒީ..." އެވަގުތު އެތަނަށް އައި ކޯ ޕައިލެޓް ރިހާމްއަށް ވެސް އަރްޒަންގެ އަތުތެރޭގައި އޮތް ޒީޝާން ފެނި ލިބުނީ ސިހުމެކެވެ. އޭނާ ޔަމާނީ އަށާއި ކްރޫ ކުއްޖެއްކަމަށްވާ ރައިފާއަށް ގޮވާ ގެނައެވެ. އެދެމީހުންނަށް އާދެވުނު އިރުވެސް، ޒީޝާން އޮތީ އަރްޒަންގެ އަތުތެރޭގައެވެ.

"އަދިވެސް ޒީ ރަނގަޅު ނުވަނީތަ؟" ޔަމާނީ އަހައިލިއެވެ. އޭނާ ޒީޝާންގެ ނިތްކުރީގައި އަތް ޖައްސައިލާފައި ބުނީ ޒީޝާންގެ ހުން ހުރިކަމުގައެވެ.

ޒީޝާންގެ ގައިގެ ހޫނުކަން ޚުދު އަރްޒަންއަށް ވެސް އިޙްސާސްކުރެވެއެވެ. އޭނާ ހާސްވިއެވެ. މިހާރަކަށް އައިސް ޒީޝާން އަބަދު ބަލިވެ އުޅޭތީ ޗެކަޕެއް ހަދައިލަން ވެސް ދެފަހަރަކު އަރްޒަން އެދުނެވެ. ކޮންމެފަހަރަކު ވެސް ޒީޝާން ބުނަނީ އެއީ އާދައިގެ ހުމެއް ކަމުގައެވެ. ދުވަސްކޮޅަކުން ރަނގަޅުވޭދާނޭކަމުގައެވެ.

"ޒީ... ޒީ... ލޯ ހުޅުވައިލަބަލަ! ކޭން ޔޫ ހިއަރ މީ؟ " ޔަމާނީ ޒީޝާންގެ އަތުގައި ހިފައްޓައިލިއެވެ. އޭނާ އެތަނުގައި ހުރި ކެބިން ސާވިސް މީހާއަށް ބަލައިލުމަށްފަހު، އަރްޒަންއަށް ބަލައިލިއެވެ. ހަދަންވީ ގޮތާ ބެހޭގޮތުން ސުވާލުކުރާ ފަދައެވެ.

"ޝުޑް ޓޭކް ހާރ ޓު ދި ކްލިނިކް..." އަރްޒަން ބުނެލިއެވެ.

*****

ރައުދާ އާއި ކަމާލާ ދެމީހުންގެ ގުޅުމުގެ ވާހަކަ އޮފީސްތެރޭގައި ވެސް ކޮންމެވެސް ވަރަކަށް ދެކެވެން ފެށުނެވެ. އެކަމަކަށް ރައުދާ މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

އާދައިގެމަތިން އަވިގަދަ ދުވަހެކެވެ. އެއާރޕޯޓްތެރެ ހަލަބޮއްޔެވެ. ކަމާލާ ދެމީހުން ކާރުގައި އައިސް އެއާރޕޯޓަށް މަޑުކޮށްލިއިރު، އަޔާން އެއާރޕޯޓުން ނުކުންނަނީއެވެ. ރައުދާގެ ލޮލުގައި އަޔާން އަޅައިގަތުމާއެކު، އޭނާއަށް މަޑުޖެހެވުނެވެ. އޭނާއާއި ދާދި ގާތުން އަޔާން ދިޔައިރު އަޔާން އާއްމުކޮށް ޖަހާއުޅޭ ފިރިހެން ސެންޓްގެ ވަސް އޭނާގެ ނޭފަތުގައި ޖެހުމާއެކު، ބޭއިޚްތިޔާރުގައި އޭނާއަށް ނޭފަތް އެތެރެއަށް ދަމައިލެވުނެވެ. އޭނާއަށް ބަލައިވެސް ނުލާ އަޔާން ދިޔުމުން ހިތަށް ތަދުވީ ކީއްވެކަމެއް ޚުދު ރައުދާއަކަށް ވެސް ނޭނގުނެވެ. އޭނާއަށް ފަހަތައް އެނބުރި އަޔާންއަށް ބަލައިލެވުނެވެ. އިސްޖަހައިލެވުނީ ވީ ދެރައިން ކަންނޭނގެއެވެ. ސިހުނީ އޭނާގެ ގާތަށް އައިސް ކަމާލު ވާހަކަ ދެއްކުމާ އެކުގައެވެ.

"ހޭ ލެޓްސް ގޯ" ރައުދާގެ ކޮނޑުގައި އަތް ޖައްސައިލަމުން ކަމާލު ބުނެލިއެވެ. ދަމުންދަމުން ވެސް ރައުދާ އަޔާންއަށް ބަލައިލިއެވެ.

އެކަން އެނގި ކަމާލުގެ ރުޅިގަނޑު ހިލުނު ނަމަވެސް އޭނާ ބެލީ އެ ރުޅިގަނޑު ހިންދައިލެވޭތޯއެވެ. ޖައުފަރު މަރުވުމާއެކު، އޭނާއަށް ވެސް ކުއްލި ޝޮކެއް ލިބުނެވެ. އަޔާންއަށް ހެދި ސިހުރު ކާމިޔާބު ވީކަމެއް ވެސް، ނުވާކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ޖައުފަރުގެ މަރަކީ އާދަޔާ ޚިލާފު މަރެކެވެ. އެކަމުގެ ސަބަބުން ކަމާލަށް ލިބުނު ޝޮކު އަދިވެސް ރަނގަޅަށް ފިލައިގެން ނުދެއެވެ.

އެ ހުރިހާއިރު އޭނާގެ އެތެރެހަށީގައި އުފެދެމުންދިޔަ އިޙްސާސްތައް ހިފައްޓައިލައިގެން ހުރި އަޔާންއަށް ފުންނޭވާއެއް ދޫކޮށްލެވުނީ ރައުދާ އާ ދުރަށް އާދެވުނު ފަހުންނެވެ. އޭނާ ފަސްއެނބުރި ބަލައިލިއިރު، ރައުދާ ކަމާލާއެކު އެތެރެއަށް ވަދެގެން ދަނީއެވެ. އޭނާގެ ހިތަށް ތޫނު ހަންޖަރެއް ހަރައިލި ނަމަވެސް އެ ވަގުތު އެ އިޙްސާސްވި ވޭން އިޙްސާސްވާނޭކަމެއް ނޭނގެއެވެ. މެއާ ދިމާލުގައި އަތް އަޅައިލި އަޔާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރައުދާ އާ ދާދި ކައިރިން އައިއިރު އެ މޫނަށް ނުބަލަން އޭނާ ކުރި މަސައްކަތް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. ލޮލަށް ޖަމާވި ކަރުނަތައް ފުހެލާފައި އަޔާން ކާރާ ދިމާލަށް ހިނގައިގަތެވެ.

"އަހަރެމެން ދެމީހުންގެ ދިރިއުޅުން މި ގޮތަށް ރޫޅެން ދިމާވީ ސަބަބަކީ ކޮބާ؟ އަހަންނަށް ރައުގެ ލޯބި ގެއްލުނީ ކީއްވެ؟ އަހަރެމެން ދެމެދު ޖެހުނީ ހަޤީގަތުގައި ކޮން މައްސަލައެއް؟" އަޔާންގެ ހިތުގައި އެތަކެއް ސުވާލެއް އުތުރިއަރަމުންދިޔަ ނަމަވެސް، އޭނާގެ އަތުގައި އެއިން އެއްވެސް ސުވާލެއްގެ ޖަވާބެއްނެތެވެ. ހިތާ ކުރެވެނީ ސުވާލެވެ. ކުރެވެނީ ޝަކުވާއެވެ. އެއިން ކޮންމެ ޝަކުވާއެއްގެ ފަހަތުގައި ވަނީ ވޭނާ އުދާހެވެ. ނިމުމެއް ނުވާ ހިތާމަތަކެކެވެ.

****

ވާރޭ ވެހިގަތީ އަޔާން އާ އަރްޒަންއާ ދެމީހުން ރެސްޓޯރެންޓެއްގައި ތިއްބައެވެ. އެމީހުން ތިބި ބިތުގައި ޖަހާފައިވާ ބިއްލޫރިގަނޑުގެ ސަބަބުން ބޭރު ރީތިކޮށް ފެންނަމުން ދިޔައެވެ. އެ ހިތްގައިމު މާހައުލުގެ ހިމޭންކަން ފޫދުއްވަމުން ދިޔައީ އެތަނުގައި ޖަހާފައިވާ ހިތްގައިމު ލުއި މިއުޒިކްގެ އަޑުންނެވެ. މޭޒުމަތީގައި ހުރި ކޮފީތަށިން އާވި އަރަމުންދިޔައިރު، އޭސީގެ އެ ފިނިކަމުގެ ތެރޭގައި ކޮފީގެ މީރުވަސް ހިފާލާފައިވެއެވެ. ކޮފީތަށިން އެތި ފޮދެއް ބޮއިލުމަށްފަހު، އަރްޒަން ވާހަކަ ދެއްކިއެވެ.

"ޔާން... އަހަރެން ބޭނުން ޒީއަށް ޕްރޮޕޯސްކުރަން."

"އުހުމް އުހުމް..." އަޔާން ކަރުކެހިލިއެވެ. އޭނާ ނުލަފާ ގޮތަކަށް އަރްޒަންއަށް ބަލައިލިއެވެ.

"ސީރިއަސްކޮށޭ ޔާން!"

"ކެތްނުވީތަ؟" އަޔާންގެ އަނެއްކާވެސް ލާނެއް ސަމާސާއެއް ކޮށްލިއެވެ. އަރްޒަން ލޯ އަޅައިލުމާއެކު، އަޔާން ސީރިއަސްވެލިއެވެ.

"އޯކޭ އޯކޭ... ސީރިއަސް..." އަޔާން އަނގަ ލައްޕައިލާ އޭނާ ދެން އެއްޗެއް ނުބުނާނެކަމަށް އަތުން އިޝާރާތްކޮށްލިއެވެ.

"ސޯ އަހަރެންގެ ޕްލޭން ކިޔައިދެންތަ؟" އަރްޒަން ހިނިތުންވެލިއެވެ.

އެ ތުންފަތް މަތީގައިވި ހިނިތުންވުން ރަމްޒުކޮށްދެމުން ދިޔައީ އަރްޒަންގެ އުފާވެރިކަމެވެ. އެ ދެލޮލުން ފެންނަމުން ދިޔައީ އުންމީދުގެ ކުލަވަރެވެ. ތަޤުދީރުގައި އެ ދެމީހުންނަށްޓަކައި ލިޔެވިފައިވަނީ ކީކޭކަން ނޭނގުނު ނަމަވެސް، ހިތާ ހަށިގަނޑު ދިޔައީ އެ އުފަލުގައި ބައިވެރިވަމުންނެވެ.

(ނުނިމޭ)

comment ކޮމެންޓް