ޑުރަގުގެ މައްސަލަ: އެންސީބީއިން ފަސް ގަޑިއިރު ވަންދެން ދީޕިކާ އާ ސުވާލުކޮށްފި

ދީޕިކާ ޕަދުކޯން އިއްޔެ އެންސީބީ އަށް ވަނީ ހާޒިރުކޮށްފައި---

ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ހިލުނު ޑުރަގު މައްސަލާގައި ބޮލީވުޑްގެ އޭ ލިސްޓުގެ ތަރި ދީޕިކާ ޕަދުކޯން އާ ވެސް ވަނީ ސުވާލުކޮށްފަ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ދީޕިކާ އާއި އޭނާގެ މެނޭޖަރު ކަރިޝްމާ އާއި ދެމެދު ދެކެވިފައިވާ ވާހަކަތައް އާންމުވުމާ ގުޅިގެން އޭނާ އިއްޔެ އެންސީބީއަށް ހާޒިރުކުރުމަށް ފަހު ވަނީ ފަސް ގަޑިއިރު ވަންދެން ސުވާލުކޮށްފަ އެވެ. ދީޕިކާ އަކީ އެންޒައިޓީ މައްސަލަ ވަރަށް ބޮޑަށް ހުންނަ ތަރިއެއްކަމުން އޭނާގެ ފިރިމީހާ ބަތަލު ރަންވީރު ސިންހް ވަނީ ދީޕިކާ އާއެކު އެންސީބީ އަށް އައުމުގެ ހުއްދައަށް ވެސް އެދިފަ އެވެ. ނަމަވެސް އެންސީބީ އިން ވަނީ ދީޕިކާ އެކަނި އައުމަށް އެދިފަ އެވެ.

ޑުރަގު މައްސަލައިގައި ދީޕިކާ އާ ސުވާލުކުރި އިރު އޭނާ ވަނީ އެ ޗެޓުތަކަކީ އޭނާ އާއި ކަރިޝްމާ އާއި ދެމީހުން ދެމެދުގައި ދެކެވުނު ވާހަކަތަކެއް ކަމަށް އެއްބަސްވެފަ އެވެ. ދީޕިކާ ގާތު ޑުރަގު ބޭނުންކުރިތީ އެންސީބީ އިން ސުވާލުކުރުމުން ދީޕިކާ ވަނީ ހިމޭންވެފަ އެވެ. އެ ސުވާލަށް އޭނާ ޖަވާބުދީފައެއް ނުވެ އެވެ. އެންމެ ފުރަތަމަ ދީޕިކާ އާއި ޑުރަގު އާ ދެމެގައިވާ ގުޅުން ހާމަވީ ކަރަން ޖޯހަރު ހޯސްޓްކޮށްގެން ބޭއްވި ޕާޓީއެއްގެ ތެރެއިން އާންމުވި ވީޑިއޯއަކާ ގުޅިގެންނެވެ.

ދީޕިކާ ދިން ޖަވާބުތަކާ މެދު އެންސީބީއިން ހިތްހަމަނުޖެހޭތީ އަލުން އޭނާ ސުވާލުކުރުމަށް ހާޒިރުކުރާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އަދި ދީޕިކާ ފޯނު މިހާރު އެންސީބީއިން ސީޒްކޮށްފައިވާކަމަށް ޚަބަރުތައް ބުނެ އެވެ.

comment ކޮމެންޓް