ހާލަތުން އަރައިގަތުމަށް ދަރަނި ނަގައިގެންވެސް މަޝްރޫއުތައް ހިންގަންޖެހޭ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު އޮތް ހާލަތުން އަރައިގަތުމަށް ދަރަނި ނަގައިގެން ވެސް ޕްރޮޖެކްޓުތައް ހިންގަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އާންމު ރައްޔިތަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ދަރަންޏަށް ފައިސާ ނެގި ނަމަވެސް، ދަރަނި އަދާކުރުމުގެ ކެޕޭސިޓީ ހުންނަން ޖެހޭ ކަމަށާއި އެ ކެޕޭސިޓީ ހުރި ނަމަ ދަރަނި ނެގުމުގައި ރިސްކެއް ނެތް ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މިހާރު އެބަ ގަބޫލުކުރޭ ދަރަންޏަށް ފައިސާ ނަގައިގެން ވެސް އަޅުގަނޑުމެން އެބަޖެހޭކަން އިގްތިސޯދީ ހާލަތުން އަރައިގަތުމަށް މަސައްކަތްތައް ކުރަން. ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ވެސް ހަމަ ދަރަންޏަށް ފައިސާ ނަގައިގެން އެ މަސައްކަތްތައް އެބަކުރޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފިސްކަލް ސޭވިންް އެއް ނެތް ކަމަށާއި މިފަދަ އިގްތިސޯދީ ކާރިސާ އަކަށް ތައްޔާރުވުމަށް ފައިސާ ރައްކާކޮށްފައި ހުރި ނަމަ މި ހާލަތުގައި އެ ފައިސާ ބޭނުން ކުރެވިދާނެ ކަމަށެވެ.

"އެހެންނޫނީ އަޅުގަނޑުމެން ޖެހޭނީ ދަރަންޏަށް ފައިސާ ނަގައިގެން އެކަން ކުރަން. ހަގީގަތަކީ އަޅުގަނޑުމެންނަށް އެގޮތަށް ރާވައިގެން ފިސްކަލް ރިޒާވެއް ގާއިމް ކުރެވިފައެއް ނެތް. އެހެންވިމާ އަޅުގަނޑުމެން މިހާރު އެބަޖެހޭ ދަރަންޏަށް ފައިސާ ނަގައިގެން ވެސް އެކަންތައް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންް އެބަ ބޭނުންވޭ ވީހާ ވެސް އަވަހަކަށް މި ކާރިސާ އިން އަރައިގަންނަން. އެހެންވިމާ ދަރަންޏަށް ފައިސާ ނަގައިގެން ވެސް އަޅުގަނޑުމެން މި ބޭނުންވަނީ ރަނގަޅު އިންވެސްޓުމެންޓުތަކުގައި އިންވެސްތު ކުރަން. އޭރުން އެ އިންވެސްޓުމެންޓުތަކުގެ ޒަރިއްޔާ އިން ލިބޭ އާމްދަނީ އިން އަޅުގަނޑުމެންނަށް އެ ދަރަނި އަދާކޮށްފައި ވެސް އިގްތިސޯދު ކުރިއަށް ގެންދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މަސައްކަތްތައް ކުރިއަށް ނުގެންދާ ނަމަ އިގްތިސޯދީ ދަތިން އަރައިގަތުމަށް 10 އަހަރު ނޫނީ 20 އަަހަރު ވެސް ހޭދަ ވެދާނެ ކަމަށެވެ.

މީގެ އިތުރުން ދަރަންޏަށް ފައިސާ ދެއްކުމަށް ދައްޗެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަދި ރާއްޖޭގައި އަޅުގަނޑުމެން ނަގާފައިވާ ދަރަނި ސާވިސް ކުރުމުގައި ހާލަތުގެ ގޮތުން ދަތިތައް ހުރެދާނެ، ނަމަވެސް އަޅުގަނޑުމެންގެ ޑެޓް ސާވިސް ކުރަމުން ކުރިއަށްދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ދަރަންޏަށް ފައިސާ ނަގައިގެން ވެސް އިގްތިސޯދު ފުޅާކުރަން ޖެހޭ ކަމަށާއި ދަރަންޏަށް ފައިސާ ނަގައިގެން މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކޮށް އެއާޕޯޓުތައް ތަރައްގީކުރަން ބޭނުންވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"ދަރަންޏަށް ފައިސާ ނަގައިގެން މި ކުރާ މަސައްކަތަކީ ތަރައްގީ އަށް ކުރާ މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ޕީއެސްއައިޕީގެ ޕްރޮޖެކްޓުތައް ފެށިގެން ކުރިއަށްދާ ވަރަކަށް އިގްތިސޯދީ ހަރަކާތްތައް އިތުުރުވެ ކުރިން އޮތް ހާލަތަށް ރުޖޫއަވުމަށް ނަގާ ދުވަސްތައް މަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު 15-17 ޕަސެންޓު ކުރިއަރާނެ ކަމަށާއި 2022 ވަނަ އަހަރު އަންނަ އިރު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް އިއާދަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭރުގެ ދަރަނި ހުރީ 37.7 ބިލިއަން ރުފިޔާގަ އެވެ. އެތެރޭގެ ދަރަނި ހުރީ 36.1 ބިލިއަން ރުފިޔާގަ އެވެ. ބޭރުގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 55 ޕަސެންޓުގަ އެވެ. އެތެރޭގެ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 53 ޕަސެންޓުގަ އެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖުމްލަ ދަރަނީގެ ނިސްބަތް ހުރީ ޖީޑީޕީ އާއި އަޅަބަލާ އިރު 108 ޕަސެންޓުގަ އެވެ. ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީ ހުރި 68.3 ބިލިއަން ރުފިޔާގަ އެވެ.

comment ކޮމެންޓް