100 ޕަސެންޓް ވޯޓާ އެކު ކްރިކެޓް ބޯޑުގެ ރައީސަކަށް ފައިސަލް

ކްރިކެޓް ބޯޑުގެ ރައީސް މުޙައްމަދު ފައިސަލް (ބޮޑޭ) އާއި ނައިބު ރައީސް އަޙްމަދު ހުސެއިން (ކުޑަދޮނާ) - ސޯޝަލް މީޑިއާ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ކުރިން އެ އިދާރައިގެ ނައިބު ރައީސްކަމާއި، ޖެނެރަލް ސެކެއްޓަރީގެ މަގާމު ފުރުއްވި މުހައްމަދު ފައިސަލް އަދި ނައިބް ރައީސަކަށް އަހުމަދު ހުސެއިން (ކުޑަދޮނާ) އިންތިހާބުވެއްޖެ އެވެ.

ހ. ބޯޅަ ގޭގައި މިއަދު ކުރިޔައަށްދިޔަ ކްރިކެޓް އިންތިހާބުގައި އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ވާދަކުރެއްވީ ފައިސަލް އެކަންޏެވެ. ގިނިކަންޏާ ވާދަކޮށްފައި ވުމުން ފައިސަލްގެ މަގާމު ހޮވުމަށް ލައިފައި ވަނީ ފެންނަ، ނުފެންނަ ވޯޓެކެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 16 ފަރާތަކަށް ލިބިގެންދިޔައެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލް މެންބަރުންގެ ގޮތުގައި ހިމެނޭ 15 ކުލަބުގެ އިތުރުން ސްކޫލުތަކުން އައި އެއް ވޯޓެވެ.

މާލެ ސްޕޯޓްސް ކްލަބުގެ ފަރާތުން ވާދަކުރައްވާ ފައިސަލް ވަނީ އެ ކްލަބަށް ކުރިން ކްރިކެޓް ކުޅުއްވައިފަ އެވެ. ވޯޓުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ތާއީދާ އެކު ރައީސްގެ މަގާމަށް ފައިސަލް އިންތިޚާބުވެ ވަޑައިގެންނެވިއިރު، 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް އަޙްމަދު ހަސަން ދީދީ ކްރިކެޓް ބޯޑުގެ ރައީސްގެ މަގާމުގައި ހުރިއިރު، ފައިސަލަކީ އޭރުގެ ނައިބު ރައީސެވެ. އަދި ފައިސަލް ވަނީ ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީކަން 2011 ވަނަ އަހަރު ފުރުއްވާފައެވެ.

މިއަދުގެ އިންތިހާބުގައި ނައިބުގެ މަގާމަށް ކުރީގެ އެކްސްކޯ މެމްބަރު ކުޑަދޮނާ އަށް ފެންނަ ކަމަށް 12 ވޯޓް އަދި ނުފެންނަ ކަމަށް ދެ ވޯޓް ލިބުނެވެ. އޭނާއާ ވާދަކުރެއްވި ކުރީގެ ނައިބް ރައީސް މާދިހު އިސްމާއިލް ފެންނަ ކަމަށް ލިބުނީ ދެ ވޯޓެވެ. ނުފެންނަ ކަމަށް 11 ވޯޓް ދީފައިވެ އެވެ.

މީގެ އިތުރުން އެ އެސޯސިއޭޝަނުގެ އެސޯސިއޭޓް މެންބަރުންގެ ތެރެއިން ހޮވުނީ ފެންނަ ކަމަށް 12 ވޯޓާއެކު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ފާތިމަތު ރިޒްނާ އަދި ފެންނަ ކަމަށް 11 ވޯޓާއެކު އިސްކަންދަރު ސްކޫލުގެ އަޙްމަދު އާމިރެވެ. ފަރުދީ މެންބަރު ކަމަށް ހޮވުނީ 16 ވޯޓާއެކު މެންބަރުންގެ އިއްތިފާގުން ކުރީގެ ކުޅުންތެރިޔާ އަޙްމަދު ކަލީމެވެ.

ފުރިހަމަ މެންބަރުކަމަށް ވާދަކުރި ހަތަރު މެމްބަރުން ވަނީ 16 ވޯޓާއެކު ހޮވި ވަޑައިގެންފައެވެ. އެއީ ސީބީއެލް ސްޕޯޓްސްގެ މުޝްތާގު އަހުމަދު ދީދީ އާއި، އޮފްއެފްސީގެ އަބްދުﷲ ސައުދާނާއި، ނިއު ސްޓާ ސްޕޯޓްސްގެ މުޙައްމަދު އަޝްރަފް އަދި ހިންނަވަރު ހިރިޔާގެ މުޙައްމަދު ރިޔާޒެވެ.

މިހާރުގެ ރައީސް އަދި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު އަފްލާހު (އަފޫ) މި ފަހަރު ވާދަނުކުރައްވަ އެވެ.

comment ކޮމެންޓް