ގުރުއާނުގެ ނޫރުން: އިބްރާހީމްގެފާނުގެ ހަޔާތްޕުޅުން ޒުވާނުންނަށް މެސެޖެއް

ކީރިތި ގުރުއާނުގައި ނަންގަނެވިފައިވާ ރަސޫލުންނާއި ނަބިއްޔުންގެ ތެރެއިން އިބްރާހިމް އަލައިހިއްސަލާމްގެ ވާހަކަތަކަކީ ގިނަބަޔަކު ދަންނަ ވާހަކަތަކެކެވެ. ނަމްރޫތު ރަސްގެފާނާއި، ބޮޑު އަލިފާންގަނޑަކަށް އެކަލޭގެފާނު އެއްލާލެވުމުން، އެ އަލިފާންގަނޑު އެކަލޭގެފާނަށް ފިނި އެއްޗެއްކަމުގައި ލެއްވުނު މުއުޖިޒާތުގެ ވާހަކަ އެންމެ ކުޑައިރުއްސުރެވެސް ގޭތެރެއިންނާއި ފޮތްތަކުން ފެނި އެނގެ އެވެ.

ޝެއިޚް ނިމާލް މުހައްމަދު "ގުރުއާނުގެ ނޫރުން"ގެ މި އެޕިސޯޑުގައި މި ކިޔައިދެއްވަނީ އިބްރާހިމްގެފާނުގެ ހަޔާތްޕުޅާއި ބެހޭ މުޅީން ތަފާތު ވާހަކައެކެވެ. އަދުގެ ޒުވާން ޖީލަށް ހާއްސަކޮށްގެން ދެވޭ އަގުހުރި ނަސޭހަތަކެވެ.

ރަސޫލުންނާއި ނަބިއްޔުން ފޮނުއްވުމުގެ އެންމެ މާތް މަގްސަދަކީ މީސްތަކުންނަށް ތެދު މަގު ދައްކައިދިނުމެވެ. މާތްﷲގެ ވަހީބަސްފުޅު އިއްވަވައި، މީސްތަކުންނަށް އިސްލާމްދީނަށް ދައުވަތު ދެއްވުމެވެ.

މިގޮތުން އިބްރާހިމްގެފާނަށް ކުރިމަތިކުރެއްވުނު އެންމެ ބޮޑު އެއް އިމްތިހާނަކީ ހުދު އެކަލޭގެފާނުގެ އާއިލާ އެވެ. އިބްރާހިމްގެފާނުގެ ބައްޕައަކީ ބުދުހަދައި މީހުންނަށް އެ ބުދުތައް ވިއްކުމުގެ މަސައްކަތް ކުރި ފަރާތެކެވެ. އަދި އެކަލޭގެފާނުގެ އާއިލީ މަސައްކަތަކީވެސް އެއީ އެވެ.

އެހެންކަމުން ﷲގެ ދީނަށް ގޮވާލެއްވުމުގެ އެ މަތިވެރި ޒިންމާއާ ހަވާލުވެވަޑައިގަތުމަކީ އަމިއްލަފުޅު އާއިލާގެ ވިސްނުންފުޅާއި ތަފާތު ދުރު ކަމެކެވެ. އެހެން ނަމަވެސް އެކަލޭގެފާނުގެ ބައްޕައަށް އިސްލާމްދީން ގަބޫލުކުރުމަށް ދައުވަތު ދެއްވިގޮތަކީ އޭގެ އެތަށް ޒަމާނެއްފަހުން އައި އަދުގެ ޒުވާން ޖީލަށްވެސް އަގުހުރި އިބުރަތެކެވެ.

މިގޮތުން އިބްރާހިމްގެފާނު އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވިއެވެ؛

إِذْ قَالَ لِأَبِيهِ يَا أَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِي عَنكَ شَيْئًا - 19:42 [ ސޫރަތް މަރިޔަމް]

މާނައީ: އެކަލޭގެފާނުގެ ބައްޕައަށް އެކަލޭގެފާނު ވިދާޅުވިހިނދެވެ. އޭ ބައްޕާ އެވެ! އެއްވެސް އަޑެއް ނީވޭ، އެއްވެސް އެއްޗެއް ނުފެންނަ، އަދި ބައްޕައަށް އެއްވެސް ކަމެއް ފުއްދައި ނުދޭ އެއްޗަކަށް، ބައްޕަ އަޅުކަން ކުރަނީ ކީއްވެގެން ހެއްޔެވެ؟

އެންމެ ފުރަތަމަވެސް ބައްޕަ އަމަލުކުރަމުންދަނީ ގޯސްކޮށް ކަމުގައި ބުނުމުގެ ބަދަލުގައި ލޯތްބާއި އިހުތިރާމާއި ގަދަރުވެރިކަމާއި އެކީ އިބްރާހިމްގެފާނު މަސައްކަތްޕުޅު ކުރެއްވީ އަގުލީ ދަލީލެއް ނަންގަވައި ބައްޕައަށް އެކަން ވިސްނައިދިނުމަށެވެ.

މަރިޔަމް ސޫރަތުގެ 42 ވަނަ އާޔަތުން ފެށިގެން 46 ވަނަ އާޔަތާއި ހަމައަށް ވާރިދުވެފައި ވަނީ އިބުރާހީމުގެފާނުގެ އެކަލޭގެފާނުގެ ބައްޕައަށް އިސްލާމްދީނަށް ދައުވަތު ދެއްވިގޮތުގެ އަގުހުރި މިސާލުތަކެވެ.

ކޮންމެ އާޔަތެއްގައިވެސްވަނީ އިހްތިރާމާއި ކަމޭހިތުމުގެ ރާގެވެ. "އޭ ބައްޕާއޭ! އޭ ވިދާޅުވެ ޝައިތާނާގެ މަގު އިހުތިޔާރުނުކުރުމަށް އެކަލޭގެފާނު ދެއްވި ނަސޭހަތްފުޅުތަކެވެ.

ނަމަވެސް މި ވާހަަކަތަކަށް އެކަލޭގެފާނުގެ ބައްޕަ ޖަވާބުދެއްވީ މިފަދައިންނެވެ؛

قَالَ أَرَاغِبٌ أَنتَ عَنْ آلِهَتِي يَا إِبْرَاهِيمُ ۖ لَئِن لَّمْ تَنتَهِ لَأَرْجُمَنَّكَ ۖ وَاهْجُرْنِي مَلِيًّا - 19:46 [ ސޫރަތް މަރިޔަމް]

މާނައީ: އޭ އިބްރާހިމް އެވެ. ތިމަންގެ އިލާހުންތަކަށް ތިބާ ނުރުހެނީ ހެއްޔެވެ. ތިބާ ތިޔަކަންތައް ނުހުއްޓައިފިނަމަ، ހަމަކަށަވަރުން ، އަހުރެން ގަލުން ތަޅައި، ތިބާ މަރައިފާހުށީމެވެ. އަދި ދިގު މުއްދަތަކަށް، އަހުރެންނާ ވަކިވާށެވެ.

މި ޒަމާނުގައި މައިންބަފައިންނާއި ހިޔާލު ތަފާތުވާ ވަގުތުތަކުގައި މައިންބަފައިންގެ ކިބައިން މިފަދަ ހަރުކަށި ލަފުޒުތަކެއް އަޑުއިވުމުން ޒުވާނުންނަށް ނުރުހުންވުމާއި ރުޅިވެރިކަން އިސްކުރެވޭ ގޮތްވެ އެވެ. ނަމަވެސް އިބުރާހިމްގެފާނު އަންގަވައިދެއްވީ އިސްކުރަންޖެހޭނީ އަނެއްކާވެސް ހަމަ އިހުތިރާމާއި އޯގާތެރިކަން ކަމަށެވެ. އެކަލޭގެފާނުގެ ޖަވާބަކަށްވީ މިއެވެ؛

قَالَ سَلَامٌ عَلَيْكَ ۖ سَأَسْتَغْفِرُ لَكَ رَبِّي ۖ إِنَّهُ كَانَ بِي حَفِيًّا - 19:47 [ ސޫރަތް މަރިޔަމް]

މާނައީ: ބައްޕަަގެ މައްޗަށް ސަލާމް ހުއްޓެވެ. ބައްޕައަށް ފާފަ ފުއްސެވުން އެދި، އަޅުގެ ވެރި ރަސްކަލާންގެ އަށް ދުއާ ކުރާ ހުށީމެވެ. ހަމަކަށަވަރުން، އަޅުގެ މައްޗަށް ނުހަނު އޯގާވަންތަ ކަލަކު ކަމުގައި އެކަލާންގެ ވޮޑިގެންވެ އެވެ.

މިއީ މާތްﷲއަށް އުރެދުނު އަދި ކާފަރުވި ބައްޕައާ ދޭތެރޭ އިބުރާހިމްގެފާނު އަމަލު ކުރެއްވިގޮތެވެ. ލޯތްބާއި ކުލުނާއި، އޯގާތެރިކަމެވެ. ނަމަވެސް މިއަދު މައިންބަފައިންނާ ދޭތެރޭ އިހާނެތި ބަސްބުނެވި، އެމީހުންނަށް ދެރަކޮށް ކަންތައް ކުރެވެނީ ކިތަށް މީހުންނަށް ހެއްޔެވެ؟ ހިޔާލު ތަފާތުވުމަކީ ތަބީއީކަމެކެވެ. އެހެންނަމަވެސް ކިތަންމެ ދަތި ވަގުތުގައިވެސް އެއީ ތިމާގެ މައިންބަފައިންކަން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އަބަދުވެސް މުއާމަލާތް ކުރަންވާނީ ކަމޭހިތުމާއި، ލޯތްބާއި އިހްތިރާމާ އެކު އެވެ. އިބްރާހީމްގެފާނު ދެއްކެވި ރިވެތި މަގުން މިސާލު ނަގަންޖެހެ އެވެ.

comment ކޮމެންޓް